Ads by Stelco

ޚަބަރު

ރައީސް މުޢިއްޒު އިއުލާން ކުރެއްވި ގޮތަށް, ބީއެމްއެލް ޑެބިޓް ކާޑު ލިމިޓްތަކަށް މާދަމާއިން ފެށިގެން ބަދަލު އަންނަނީ

ރައީސް މުޢިއްޒު އިއުލާން ކުރެއްވި ގޮތަށް, ބީއެމްއެލް ޑެބިޓް ކާޑު ލިމިޓްތަކަށް މާދަމާއިން ފެށިގެން ބަދަލު އަންނަނީ

ބީއެމްއެލް ޑެބިޓް ކާޑު ފޮޓޯ: ބީއެމްއެލް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ނޮވެމްބަރު 2025، 04:45

10 ނޮވެމްބަރު 2025، 04:45

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މީގެ ކުރިން އިއުލާން ކުރައްވާފައިވާ ގޮތަށް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ޑެބިޓް ކާޑު ބޭނުންކުރާ ލިމިޓް މާދަމާއިން ފެށިގެން އިތުރުވާނެ ކަމަށް ބީއެމްއެލްއިން ވަނީ ހާމަކޮށްފައެވެ. ސަރުކާރުން ވިދާޅުވަނީ މި ބަދަލުތަކާއެކު ރައްޔިތުންނަށް ޑޮލަރު ލިބުމުގައި ހުރި ދަތިތަކަށް ހައްލެއް ލިބިގެންދާނެ ކަމަށެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މި ބަދަލުތައް ގެންނަން ނިންމާފައިވަނީ، އެބޭންކުގެ 43 ވަނަ އަހަރީ ދުވަހާއި ދިމާކޮށެވެ. ބީއެމްއެލްގެ އަހަރީ ދުވަހަކީ ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހާއި އެއް ދުވަހެކެވެ.

ބީއެމްއެލްއިން ހާމަކުރެއްވި ގޮތުގައި، މި ބަދަލުތަކުގެ ތެރޭގައި އެ ބޭންކުގެ ޑެބިޓް ކާޑުތަކުން ރާއްޖެއިން ބޭރުގައި ހުންނަ ޕީއޯއެސް (ޕޮއިންޓް އޮފް ސޭލް) ޓަރމިނަލްތަކުން ފައިސާ ދެއްކޭ އަދަދު 1000 ޑޮލަރަށް އިތުރުކުރުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން، އެއަރލައިންތަކުން ޓިކެޓް ގަތުމަށާއި، ރާއްޖެއިން ބޭރުގައި ޑެބިޓް ކާޑުން ހޮޓަލަށް ފައިސާ ދެއްކުމާއި، ބޭސްފަރުވާއަށް ހޮސްޕިޓަލްތަކަށް ފައިސާ ދެއްކުމަށް ޚަރަދު ކުރެވޭ އަދަދު 3000 ޑޮލަރަށް އިތުރުކުރުމަށްވެސް ވަނީ ނިންމާފައެވެ.

ކާޑު ލިމިޓުތަކަށް މި ބަދަލުތައް އަންނާނެކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މިދިޔަ ސެޕްޓެމްބަރު މަހު މ. މުލީގެ ރައްޔިތުންނާ ބައްދަލުކުރުމަށް ބޭއްވި ޖަލްސާއެއްގައި އިއުލާން ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ބަދަލުތަކަކީ ރައްޔިތުންނަށް ބޭނުންވާ ޑޮލަރު އަގު ބޮޑުކޮށް ގަންނަންޖެހޭ ޖެހުން ނިމުމަކަށް އަންނާނެ ގޮތަށް ގެނެވޭ ބަދަލެއް ކަމަށެވެ.

މިކަންކަމުގެ ސަބަބުން، އަގުބޮޑުކޮށް ބްލެކް މާކެޓުން ޑޮލަރު ގަނެގެން މި އުޅެންޖެހޭ ކަންތައްތަކަށް މި އަޅުވެތިކަމުން އިރާދަކުރެއްވިއްޔާ ރައްޔިތުން އަރައިގަތުމަށް އެޅޭ މުހިންމު ފިޔަވަޅުތަކަކަށް މިކަންކަންވާނެ. އިރާދަކުރެއްވިއްޔާ، މިކަންކަމުގެ ހެޔޮ ނަތީޖާ ރައްޔިތުންނަށް ލިބިގެންދާނެ

ރައީސުލްޖުމްހޫރިއްޔާ 

ބޭރުގައި ޕީއޯއެސްތަކުގައި ބޭނުންކުރާ ޑޮލަރު ލިމިޓް އިތުރުކޮށްދީފައިވީނަމަވެސް، ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން ޑޮލަރު ނެގޭ މިންވަރަށް ބަދަލު ނާންނާނެ ކަމަށް ބީއެމްއެލްއިން ވިދާޅުވެއެވެ. ބޭރު ޤައުމުތަކުގެ އޭޓީއެމްތަކުން މިވަގުތު ނެގެނީ 125 ޑޮލަރެވެ. މީގެ އިތުރުން ދަރިވަރުންނަށް ދީފައިވާ ލިމިޓްތަކަށް އަދި އެއްވެސް ބަދަލެއް ނާންނަ ކަމަށްވެސް ބީއެމްއެލްއިން ވަނީ ފާހަގަކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ޑޮލަރު ލިމިޓުތަކަށް މި ބަދަލު ގެނެސްފައިމިވަނީ، ސަރުކާރުން ބޭރުފައިސާގެ މައްސަލަ ހައްލުކުރުމަށް ބޭރުފައިސާގެ ޤާނޫނަށް ގެނައި ބަދަލުތަކާއެކުއެވެ. ފަތުރުވެރިކަމުގެ ސިނާޢަތް މެދުވެރިކޮށް ރާއްޖެއަށް ވަންނަ ޑޮލަރުގެ ކަނޑައެޅިފައިވާ އިންސައްތައެއް މާރުކުރާ ގޮތަށް ޤާނޫނު ބަދަލުކޮށްފައިވާއިރު، ބޭންކުތަކުން ދަނީ މީގެ ތެރެއިން ބޮޑު ބައެއް އެމްއެމްއޭއަށް ޖަމާ ކުރަމުންނެވެ. އަދި މި ފައިސާ ބޭންކުތަކަށް ހަމަހަމަ ގޮތެއްގައި ދޫކޮށް ޑޮލަރު ލިބުމުގައި ބޭންކުތަކަށް ހުރި ދަތިތަކައް ހައްލެއް ލިބޭނެހެން އިންތިޒާމުތައްވެސް ވަނީ ހަމަޖައްސާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން