ޚަބަރު
ޗައިނާއިން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ހަދިޔާކޮށްފި
ޗައިނާއިން ރާއްޖެއަށް ހަދިޔާކުރި ފެން ޕަންޕުތައް
މިއަދު ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑް ގެ ފަރާތުން ރާއްޖެއަށް ފެންހިންދާ ޕަމްޕްތަކެއް ވަނީ ހަދިޔާކޮށްފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ރާއްޖެއަށް ލިބުނު މި އެހީއަށް ޝުކުރު އަދާކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.
މި ރަސްމިއްޔާތުގައި ޗައިނާގެ ފަރާތުން ފެންހިންދާ ޕަމްޕްތައް ރާއްޖެއާ ހަވާލުކޮށްދެއްވީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯރޕަރޭޝަން ލިމިޓެޑްގެ ޑެޕިއުޓީ ޖެނެރަލް މެނޭޖަރ ލިއު ޝިޔައޮޑާއެވެ. އަދި ރާއްޖޭގެ ފަރާތުން މި ޕަމްޕްތަކާއި ހަވާލުވެވަޑައިގަތީ ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫނެވެ.

މި މުހިންމު ރަސްމިއްޔާތުގައި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބާއި، ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގ ޒިިއަންހުއާވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ސަރުކާރުން ފާހަގަކުރައްވާ ގޮތުގައި ޗައިނާއިން ހަދިޔާކުރި މި ފެންހިންދާ ޕަމްޕަތަކާއެކު، ކުރިމަތިވާ ކާރިސާގެ ވަގުތުތަކުގައި، ވަކިން ޚާއްސަކޮށް ވިއްސާރަވެ ފެންބޮޑުވެގެން ހިނގާ ޙާދިސާތަކުގައި، ފެން ހިންދުމުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ. މި އެހީއަކީ ރާއްޖޭގެ ރައްޔިތުންނަށް ދިމާވާ ގުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ކުރެވޭ މަސައްކަތަށް ލިބިގެންދިޔަ ބޮޑު ކުރިއެރުމެއް ކަމަށް ސަރުކާރުން ބުނެއެވެ.