Ads by Stelco

ޚަބަރު

މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރަސްމީކޮސް އިފްތިތާޙުކޮށްފި

މޯލްޑިވްސް 2.0 ގެ ދަށުން އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް ރަސްމީކޮސް އިފްތިތާޙުކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ފޮޓޯ:ރައީސް އޮފީސް

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

10 ނޮވެމްބަރު 2025، 12:26

10 ނޮވެމްބަރު 2025، 12:26

މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް، "މޯލްޑިވްސް 2.0" ގެ ދަށުން މުޅިން އަލަށް ތަޢާރަފްކުރި ޚިދުމަތްތަކެއް ރަސްމީކޮށް އިފްތިތާޙުކޮށްފިއެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އިމިގްރޭޝަންގެ މަސައްކަތްތައް އިތުރަށް ހަރުދާނާކޮށް، ފޯރުކޮށްދޭ ޚިދުމަތްތައް ޑިޖިޓަލައިޒްކޮށް އެހެން ހަރުފަތަކަށް ގެންދިޔުމަށްޓަކައި ބާސެލޯ ނަސަންދުރައިގައި ބޭއްވުނު ޚާއްސަ ރަސްމިއްޔާތެއްގައި، އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަނާއި ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން "އެމް އައިޑީ ޗެކަރ"ގެ އިތުރުން "އީ-ވިޒާ" ވަނީ ތަޢާރަފްކޮށްފައެވެ.

މޯލްޑިވްސް އިމިގްރޭޝަންގެ އައު މޯބައިލް އެޕްލިކޭޝަން އިފްތިތާޙުކޮށްދެއްވީ ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން، ކޮމިޝަނަރ އޮފް ޕޮލިސް (ރޓ) އަޙްމަދު ފަޞީޙެއެވެ. މި އެޕްލިކޭޝަނަކީ ރައްޔިތުންނަށް އިމިގްރޭޝަނުން ފޯރުކޮށްދޭ ޚިދުމަތްތައް ޒަމާނާ އެއްގޮތައް އެއްތަނަކުން ފަސޭހައިން ބޭނުންކުރެވޭނެހެން ފަރުމާކުރެވިފައިވާ އެޕްލިކޭޝަނެކެވެ.

ފޭޝަލް ރިކޮގްނިޝަން އެޕްލިކޭޝަން "އެމް އައިޑީ ޗެކަރ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ. އިމިގްރޭޝަނުން ވިދާޅުވާ ގޮތުގައި މި އެޕްލިކޭޝަނަކީ، ރާއްޖޭގައި ޤަވައިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް "މޯލްޑިވްސް 2.0" ގެ ސިޔާސަތުތައް ހާސިލްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު ބޮޑު ކުރިއެރުމެކެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، މޯލްޑިވްސް އިމިގްރޭޝަނުން މުޅިން އަލަށް ތަޢާރަފުކުރާ "އީ-ވިޒާ" ރަސްމީކޮށް އިފްތިތާޙުކޮށްދެއްވިއެވެ. މީގެ ކުރިން ރާއްޖޭގައި ދިރިއުޅޭ ބިދޭސީނަށް ދޫކުރާ ހުއްދަ ނުވަތަ ވިޒާގެ ކަންކަން ކުރުމަށް ގިނަ ވަގުތު ނަގާ، އިމިގްރޭޝަން އޮފީހަށް ދާން ޖެހޭ އުނދަގޫތައް ދިމާވެއެވެ. ނަމަވެސް "އީ-ވިޒާ" ގެ ޚިދުމަތާއެކު، ވިޒާގެ އެންމެހާ ކަންކަން ފަސޭހަކަމާއެކު އޮންލައިންކޮށް ކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.

މި މުހިންމު ރަސްމިއްޔާތުގައި، މޯލްޑިވްސް އިމިގްރޭޝަންގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަނީ ޚާއްސަ ހަނދާނީ ފިލައެއްވެސް އަރުވާފައެވެ. މި ޑިޖިޓަލައިޒް ކުރުމުގެ ސަބަބުން، އިމިގްރޭޝަންގެ ޚިދުމަތްތައް އިތުރަށް ހަލުވިވެ، ރައްޔިތުންނާއި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލުއިފަސޭހަތަކެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން