ކުޅިވަރު

ދިވެހި ލީގު: ބުރު ސްޕޯޓްސްއާ ދެކޮޅަށް ޓީސީއިން ޕޮއިންޓެއް ހޯދައިފި

ދިވެހި ލީގު: ބުރު ސްޕޯޓްސްއާ ދެކޮޅަށް ޓީސީއިން ޕޮއިންޓެއް ހޯދައިފި

ބުރުގެ ޑިއާޒް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

10 ނޮވެމްބަރު 2025، 08:07

10 ނޮވެމްބަރު 2025، 08:07

ދިރާގު ދިވެހި ލީގުގައި ބުރު ސްޕޯޓްސް ކްލަބްއާ ދެކޮޅަށް ކުޅުނު މެޗުން ލީގުގެ ފުލުގައި އޮތް ޓީސީ ސްޕޯޓްސްއިން ޕޮއިންޓެއް ހޯދައި، ގޯލުގެ ތަފާތުން 9ވަނައަށް އަރައިފިއެވެ. 

މި މެޗުން މޮޅުވެގެން އަނބުރާ ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އޮތް ބުރު ސްޕޯޓްސްއަށް ތިން ޕޮއިންޓު ނުލިބުމުން އެ ޓީމު އޮތީ 8 ޕޮއިންޓާއެކު ލީގުގެ 6ވަނައިގައެވެ.

ގަލޮޅު ދަނޑުގައި ކުޅުނު މެޗުގައި ފުރަތަމަ ހާފުގައި ދެޓީމުން ވެސް ފުރުސަތުތައް ތަނަވަސް ކުރި ނަމަވެސް އެ ފުރުސަތުތައް އެދެވޭ ގޮތެއްގައި ދެޓީމަށް ވެސް ބޭނުން ކުރެވިފައެއް ނުވެއެވެ.

މެޗުގެ ދެ ގޯލު ވެސް ފެނިގެން ދިޔައީ ދެވަނަ ހާފުގައެވެ. އެގޮތުން ބުރު ސްޕޯޓްސްއިން މެޗުގައި ލީޑު ނެގީ 74ވަނަ މިނެޓުގައެވެ. މިއީ ކައުންޓަރ އެޓޭކެއްގައި ބުރު ސްޕޯޓްސްގެ ބްރެޒިލް ފޯރވާޑް، ހުޑްސަން ޑިއާޒް ކާމިޔާބުކުރި ގޯލެކެވެ.

މި ގޯލަށްފަހު ޓީސީގެ ބިދޭސީ ފޯރވާޑް، ބޯއަޑޫ ޕްރިންސް އޭރިޔާ ތެރެއިން ފޮނުވާލި އޯވާހެޑް ކިކެއް ކީޕަރު ދިފާއު ކުރިއިރު، ދެން އޭނާ ފޮނުވާލި ހަމަލާ ވަނީ ގޯލާ ސީދާވާގޮތް ނުވެފައެވެ. 

ޓީސީ ސްޕޯޓްސްއިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ އިތުރު ވަގުތު އަބްދުލްވާޙިދު އިބްރާޙިމް ފޮނުވާލި ބޯޅައެއް ދަނޑީގައި ޖެހިފައި ނުކުތުމުން، މުޙައްމަދު ދާނިޝް އިބްރާޙީމް ކާމިޔާބު ކޮށްދިން ގޯލުންނެވެ.

މި މެޗަށްފަހު، ދިވެހި ޕްރިމިއާރ ލީގުގެ ކުޅުން އޭޝިއަން ކަޕް ކޮލިފައިންގައި ޤައުމީ ޓީމުން ކުޅޭ މެޗަށް މިވަނީ މެދުކަނޑާލާފައެވެ. 

ލީގު މެދުކަނޑާލިއިރު، ލީގުގެ އެއް ވަނައިގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އޮތީ ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު ކުޅުނު ހަތް މެޗުން ވެސް މޮޅުވެ، 21 ޕޮއިންޓް ހޯދައިގެންނެވެ. މިހާތަނަށް ކޮންމެ ޓީމެއް ވެސް ހަތް މެޗު ކުޅެފައިވާއިރު، ދެ ވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވަނީ 17 ޕޮއިންޓް ހޯދާފައެވެ. ތިން ވަނައިގައި އޮތް އޮޑި ސްޕޯޓްސް ކްލަބަށް ލިބިފައި ވަނީ 16 ޕޮއިންޓެވެ.

އިންޓަނޭޝަނަލް ބްރޭކްއަށް ދިޔައިރު، ލީގުގައި އެންމެ ގިނަ ގޯލު ޖަހާފައިވަނީ މާޒިޔާގެ ސާރޖިއޯ އިގްލެސިއޯސް އާއި ނިއުގެ ޢަލީ ފާސިރުއެވެ. ދެވަނައިގައި 6 ގޯލާއެކު އޮތީ މާޒިޔާގެ ނާއިޒް ހަސަންއެވެ.  

Ads by MSS

މި ލިޔުން ކިޔާލުމުން