ކުޅިވަރު
ބޮޑު ތަފާތަކުން ލިވަޕޫލް ބަލިކޮށް ސިޓީ ލީގުގެ ދެވަނައަށް
ސިޓީގެ ތިންވަނަ ގޯލު ކާމިޔާބު ކުރުމަށްފަހު ޖެރެމީ ޑޮކޫ އުފާފާޅުކުރަނީ---
ފަރުދުން
10 ނޮވެމްބަރު 2025، 07:31
10 ނޮވެމްބަރު 2025، 07:31
އިންގްލިޝް ޕްރިމިއަރ ލީގުގައި ރޭ މެންޗެސްޓަރ ސިޓީއިން ޗެމްޕިއަން ލިވަޕޫލް ބޮޑު ތަފާތަކުން ބަލިކޮށް، ލީގުގެ ދެވަނައަށް އަރައިފިއެވެ.
ރޭގެ ސިޓީގެ ކޯޗު، ޕެޕް ގާޑިއޯލާގެ ކޯޗިން ކެރިއަރުގެ 1،000ވަނަ މެޗެވެ. މި މެޗުގައި އެ ޓީމުން ހޯދި ތާރީޙީ ކާމިޔާބާއެކު، އެ ޓީމުން ވަނީ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލާ ދެމެދު އޮތް ފަރަގު ހަތަރު ޕޮއިންޓަށް ކުޑަކޮށްފައެވެ.
މި މެޗުން މޮޅުވިނަމަ ލީގުގެ ދެވަނައަށް އެރުމުގެ ފުރުސަތު ލިވަޕޫލަށް ވެސް އޮތެވެ. ނަމަވެސް މެޗުން ބަލިވުމުން އެ ޓީމު އޮތީ ލީގުގެ 8ވަނައިގައެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ސިޓީއަށް ލީޑު ނަގަން ލިބުނު ފުރަތަމަ ފުރުސަތު، އާރލިން ހާލަންޑުގެ އަތުން ވަނީ ގެއްލިފައެވެ. ޖެރެމީ ޑޮކޫއަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީ ހާލަންޑު ފޮނުވާލިއިރު، ލިވަޕޫލްގެ ގޯލްކީޕަރު ޖިއޯޖީ މަމަޑަޝްވިލީ ވަނީ އެ ޕެނަލްޓީ މަތަކޮށްފައެވެ.
ސިޓީއިން ލީޑު ނެގީ 29 ވަނަ މިނެޓްގައި ހާލަންޑް ޖެހި ގޯލުންނެވެ. މެތިއުސް ނޫނޭސް ނެގި ހުރަހަކުން ހާލަންޑް ބޮލުން ކާމިޔާބުކުރި މި ގޯލަކީ، ޕްރިމިއާ ލީގުގައި ސިޓީއަށް އޭނާ ޖަހައިދިން 99 ވަނަ ގޯލެވެ.
އޭގެ ފަހުން، ކޯނަރެއްގައި ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅައަކުން ލިވަޕޫލުން މެޗުގެ ނަތީޖާ ހަމަހަމަކުރިއެވެ. ނަމަވެސް ވެން ޑައިކް އެ ބޯޅަ ފޮނުވާލިއިރު ސިޓީގެ ގޯލްކީޕަރު، ޖިއަންލުޖީ ޑޮނަރުއްމާގެ ކުރިމަތީގައި ހުރި އެންޑީ ރޮބަޓްސަން އޮފްސައިޑުގައި ހުރުމުން، ރެފްރީ ނިންމީ އެ ގޯލު ނުގުނާށެވެ.
ނަތީޖާއެއްގެ ގޮތުން ސިޓީއިން ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލީޑު ފުޅާކޮށްފައެވެ. އިތުރު ވަގުތުގެ ގޮތުގައި ދެއްކި ހަތް މިނެޓުގެ ތެރެއިން ތިން ވަނަ މިނެޓުގައި ސިޓީގެ ދެ ވަނަ ގޯލު ޖެހީ ނިކޯ ގޮންޒާލޭޒްއެވެ. އޭރިއާބޭރުން ނިކޯ ފޮނުވާލި ބޯޅަ ގޯލަށް ވަނީ، ވެން ޑައިކް އެނބުރެލި ވަގުތު އޭނާގެ ފައިގައި ޖެހިފައެވެ.
ދެވަނަ ހާފު ފަށައިގެން ލިވަޕޫލުން ރަނގަޅަށް ކުޅެމުންދިޔަ ނަމަވެސް، ގޯލެއް ކާމިޔާބު ނުކުރެވި އުޅެނިކޮށް ސިޓީއިން އުފެއްދި ކައުންޓަރ އެޓޭކެއްގައި އެ ޓީމުން އިތުރު ގޯލެއް ޖެހުމުން، ލިވަޕޫލްގެ ކުޅުން ދަށްވިއެވެ. މި ގޯލު ސިޓީއަށް ކާމިޔާބުކޮށްދިނީ، އެ ޓީމުގެ ޖާރޒީގައި 100 ވަނަ މެޗު ކުޅެމުން ދިޔަ ޑޮކޫއެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޑޮކޫ އޭރިއާބޭރުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ، އެންމެ ފަހުން ލީގުގައި ކުޅުނު 24 މެޗުން އޭނާ ޖެހި ފުރަތަމަ ގޯލެވެ.
މި ނަތީޖާއާއެކު ލިވަޕޫލް މިވަނީ ލީގުގައި އެ ޓީމު އެންމެ ފަހުން ކުޅުނު 6 މެޗުގެ ތެރެއިން 5 މެޗުން ބަލިވެފައެވެ.