ކުޅިވަރު
ލެވަންޑޯސްކީގެ ހެޓްރިކަކާއެކު، ބާސެލޯނާއިން ދަނޑިވަޅުގެ ބޭނުން ހިފައިފި
ބާސެލޯނާގެ ލެވަންޑޯސްކީ ގޯލު ކާމިޔާބު ކުރުމަށްފަހު އުފާފާޅުކުރަނީ---
ސްޕެނިޝް ލަ ލީގާގައި ސެލްޓާ ވީގޯއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ފޯވާޑް، ރޮބަޓް ލެވަންޑޯސްކީގެ ހެޓްރިކަކާއެކު، އެ ޓީމުން ދަނޑިވަޅުގެ ބޭނުން ރަގަޅަށް ހިފައިފި، ލީގުގެ އެއްވަނައިގައި އޮތް ރެއާލް މެޑްރިޑާއި ދެމެދުގައިވާ ފަރަގު ހަނިކޮށްފިއެވެ.
ރަށުން ބޭރުގައި ރޭ ބާސެލޯނާއިން ސެލްޓާ ވީގޯއާ ދެކޮޅަށް ނިކުތްއިރު، ލީގުގެ އެއްވަނައިގައި އޮތް ރެއާލް އާއި ރަޔޯ ވަޔެކާނޯ ރޭ ކުޅުނު މެޗު ނިމުނީ 0-0އިން އެއްވަރުވެގެންނެވެ. އެހެންކަމުން އެ މެޗަށް ބާސެލޯނާއިން ނިކުތީ 3 ޕޮއިންޓާއެކު، ރެއާލްއާ އޮތް ފަރަގު ވެސް 3 ޕޮއިންޓަށް ހަނިކުރުމުގެ އުއްމީދުގައެވެ.
އެގޮތުން މެޗުގެ ވަރަށް ކުރީކޮޅު ސެލްޓާ ވީގޯގެ ޑިފެންޑަރު، މާކޮސް އަލޮންސޯގެ އަތުގައި އެ ޓީމުގެ ޕެނަލްޓީ އޭރިއާ ތެރެއިން ޖެހިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް، ލެވަންޑޯސްކީ ލީޑު ނަގައިދިނެވެ. މި ގޯލު މެޗުގެ 10 ވަނަ މިނެޓުގައި ފެނިގެން ދިޔައިރު، އޭގެ އެއް މިނެޓު ފަހު ސެލްޓާ ވީގޯއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދިނީ، ބާސެލޯނާގެ އޮފްސައިޑް މަޅިން ސަލާމަތްވުމަށްފަހު ބޯޅަ ހިފައިގެން ގޮސް ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށްފަހު، ސާރޖިއޯ ކެރޭރާއެވެ.
އޭގެ ފަހުން މެޗުގެ 37ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑު އަނބުރާ ހޯދައިދީފައެވެ. މާކަސް ރަޝްފޯޑު ހުރަސްކޮށްދިން ބޯޅަ ގޯލު އޭރިއާ ތެރޭގައި ހުރެފައި އެއް ޓަޗުން ގޯލަށް ފޮނުވާލުމުން، ސެލްޓާ ވީގޯގެ ގޯލްކީޕަރު، ލޮނަޓް ރާޑޫއަށް އެ ބޯޅައަށް ރަނގަޅަށް ހަރަކާތް ކުރެވިފައެއް ނުވެއެވެ.
ހާފު ނިމެން ދެ މިނެޓަށް ވެފައި ވަނިކޮށް ބޯރްހާ އިގްލޭސިއާސް ވަނީ ރީތި ގޯލަކުން ދެވަނަ ފަހަރަށް ސެލްޓާ ވީގޯއަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އެ ޓީމުގެ ކުރިޔަށް ކުޅޭ ފެރަން ފުޖިއާ ކަނާތް ފަރާތުން ތިރިތިރިން ބާސެލޯނާގެ ޕެނަލްޓީ އޭރިޔާ ބޭރަށް ހުރަސްކޮށްދިން ބޯޅަ އިގްލޭސިއާސް ފޮނުވާލީ ގޯލުގެ މަތީ ކަނަށެވެ.
ނަމަވެސް، ހާފު ނިމުމުގެ ކުރިން ބާސެލޯނާއިން މެޗުގައި ތިންވަނަ ފަހަރަށް ލީޑު ނެގިއެވެ. މި ގޯލު ކާމިޔާބުކޮށްދިނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ލެމީން ޔަމާލްއެވެ.
އަދި ފަހު ހާފުގެ 73ވަނަ މިނެޓުގައި ލެވަންޑޯސްކީ ވަނީ ބާސެލޯނާގެ ލީޑު ފުޅާކޮށްދީ، އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ އުމުރުން 37 އަހަރުގެ ލެވަންޑޯސްކީ ސްޕެނިޝް ލީގުގައި ހެދި 3ވަނަ ހެޓްރިކެވެ. އޭނާ ވަނީ ކެރިއަރުގައި މިހާތަނަށް 16 ހެޓްރިކް ހަދާފައެވެ. އެއީ ބްރޫޝިއާ ޑޯޓްމަންޑާއި ބެޔާން މިއުނިކްގައި ހަދާފައިވާ ހެޓްރިކްތަކާއެކުއެވެ.
މި ނަތީޖާއާއެކު ބާސެލޯނާ ލީގުގެ ދެވަނައިގައި އޮތީ 28 ޕޮއިންޓާއެކުއެވެ. އަދި އެއްވަނައިގައި އޮތް ރެއާލްއަށް ލިބިފައި ވަނީ 31 ޕޮއިންޓެވެ.