ކުޅިވަރު
ސްޕެނިޝް ލީގު: ރަޔޯ ވަޔެކާނޯއާ އެއްވަރުވުމުން ރެއާލްގެ ލީޑު ތިން ޕޮއިންޓަށް ހަނިވެއްޖެ
ރަޔޯ ވަޔެކާނޯއާ ދެކޮޅަށް ވިނީސިއަސް ފޮނުވާލި ހަމަލާ އެ ޓީމުގެ ކީޕަރު ވަނީ ދިފާއުކޮށްފައި / ފޮޓޯ: ގެޓީ އިމޭޖަސް
ސްޕެނިޝް ލަލީގާގައި ރޭ ރަޔޯ ވަޔެކާނޯއާ ރެއާލް މެޑްރިޑް ބައްދަލުކުރި މެޗު އެއްވެސް ޓީމަކަށް ގޯލެއް ނުޖެހި އެއްވަރުވުމުން، ލީގުގެ އެއްވަނައިގައި ރެއާލްއަށް އޮތް ލީޑު ތިން ޕޮއިންޓަށް ހަނިވެއްޖެއެވެ.
ސްޕެނިޝް ލީގު 36 ފަހަރު ކާމިޔާބުކޮށްގައިވާ ރެއާލުން ރަށުން ބޭރުގައި ރޭ ނިކުތީ، އެއްވަނައިގައި އޮތް ލީޑު 7 ޕޮއިންޓަށް ފުޅާ ކުރުމަށެވެ. ނަމަވެސް އެ މެޗުން އެއްވަރުވުމުން ދެވަނައިގައި އޮތް ވިޔަރިއާލްއާ 5 ޕޮއިންޓުގެ ފަރަގެއް އޮއްވައި، އޭގެ ފަހުން ބާސެލޯނާއިން ވަނީ ސެލްޓާ ވީގޯ ބަލިކޮށް ދެވަނައަށް އަރައި، ރެއާލްއާ އޮތް ފަރަގު ތިން ޕޮއިންޓަށް ހަނިކޮށްފައެވެ.
ފުރަތަމަ ހާފުގައި ލީޑު ނެގުމަށް އެންމެ ހުސް ފުރުސަތެއް ލިބުނީ ރެއާލްގެ ފަހަތަށް ކުޅޭ ރައުލް އެސެންސިއޯއަށެވެ. ނަމަވެސް އެކަނި ހުރެފައި އޭނާ ބޮލުން ފޮނުވާލި ހަމަލާ ވަނީ ގޯލަށް އަމާޒުކުރެވޭ ގޮތް ނުވެފައެވެ.
މި މެޗުގެ ފަހު ހާފުގައި ވަނީ ޓްރެންޓް އެލެކްސެންޑަރ އާރނޯލްޑް ކުޅެން ނެރެފައެވެ. ނަމަވެސް ގޯލު ޖަހާނެ ރަގަޅު ފުރުސަތުތަކެއް އޭނާއަށް ވެސް ފަހިކޮށްދެވިފައެއް ނުވެއެވެ. އަދި ޖޫޑް ބެލިންގްހަމް އާއި ވިނީސިއަސް ޖޫނިއަރއަށް ލިބުނު ފުރުސަތުތަކުގައި، ވަޔެކާނޯގެ ގޯލްކީޕަރު، އޮގަސްޓޯ ބަޓެއްލާ ފޫއަޅުވާލެވިފައެއް ނުވެއެވެ.
ލީގުގައި ރެއާލްއިން މިހާރު 12 މެޗު ކުޅެފައިވާއިރު ޖުމްލަ 31 ޕޮއިންޓު ވަނީ ލިބިފައެވެ. އަދި ދެވަނައިގައި އޮތް ބާސެލޯނާއަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ.