ކުޅިވަރު
ފަލަސްތީނުގެ 17 އަހަރުން ދަށުގެ ޤައުމީ ޓީމު މާލެއަށް: މެޗު ޓިކެޓު ވިއްކައިގެން އެ ޓީމަށް އެހީވަނީ
17 އަހަރުން ދަށުގެ ފަލަސްތީނުގެ ޤައުމީ ޓީމު---
ފަރުދުން
09 ނޮވެމްބަރު 2025، 08:49
09 ނޮވެމްބަރު 2025، 08:49
މިއަންނަ އަހަރު ސައުދީ އަރަބިއްޔާގައި އޮންނަ އޭއެފްސީ 17 އަހަރުން ދަށުގެ އޭޝިއަން ކަޕް ކޮލިފައިންއަށް ތައްޔާރުވުމުގެ ގޮތުން، ފަލަސްތީނުގެ ޤައުމީ ޓީމު މާދަމާ މާލެ އައުމަށް ހަމަޖެހިފައިވާކަމަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ހާމަކޮށްފިއެވެ.
އެ ޓީމު މާލެ އަންނަނީ ޓްރެއިނިން ކޭމްޕަކަށެވެ. މި ކޭމްޕް ކުރިޔަށް ދާނީ މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.
ފަލަސްތީނުގެ ޤައުމީ ޓީމުގެ މި ޓްރެއިނިން ކޭމްޕުގައި އެހީތެރިވުމަށް އެ ޤައުމުގެ ފުޓުބޯޅަ އެސޯސިއޭޝަނުން އެދިފައި ވާތީ، މި ތަމްރީނުތަކާ ގުޅޭ ހުރިހާ އިންތިޒާމެއްގެ ޚަރަދުތައް ހަމަޖައްސާނީ ދިވެހި ސަރުކާރުންނެވެ.
މި ޓްރެއިނިން ކޭމްޕްގެ ތެރެއިން މި މަހުގެ 13 އަދި 15 ވަނަ ދުވަހު ރާއްޖޭގެ 17 އަހަރުން ދަށުގެ ޓީމާއެކު ދެ މެޗެއް ކުޅުމަށް ވަނީ ހަމަޖެހިފައެވެ. މި މެޗުތަކުގައި ފަލަސްތީނުގެ ފުޓްބޯޅަ ޓީމަށް އެހީތެރިވުމުގެ ގޮތުން ސްވެނިއާރ ޓިކެޓުތަކެއް ވިއްކުމަށް އެފްއޭއެމްއިން ވަނީ ނިންމައިފައެވެ. އެ ގޮތުން، ކޮންމެ މެޗެއްގައި ވެސް ވިއްކާނީ ސްވެނިއާރ ޕްލެޓިނަމް 50 ޓިކެޓާއި ސްވެނިއާރ ގޯލްޑް 200 ޓިކެޓެވެ.
ސްވެނިއާރ ޕްލެޓިނަމް ޓިކެޓަކީ ވީވީއައިޕީ ރޮސްޓްރަމްއިން ޖާގަ ލިބޭ ގޮތަށް 1،000 ރުފިޔާއަށް ވިއްކާ ޓިކެޓެކެވެ. އަދި ސްވެނިއާރ ގޯލްޑް ޓިކެޓަކީ ވީއައިޕީ ގޮނޑިބަރިން ޖާގަ ލިބޭ ގޮތަށް 500 ރުފިޔާއަށް ވިއްކާ ޓިކެޓެވެ.
ރާއްޖޭގެ ކޭމްޕް ނިންމާލުމަށް ފަހު، ފަލަސްތީން ޓީމުން ކޮލިފައިން މެޗުތައް ކުޅެން ދާނީ އިންޑިއާ އަށެވެ. އިންޑިއާގެ އަހުމަދުއާބާދުގައި ހޯސްޓްކުރާ ކޮލިފައިންގައި، ފަލަސްތީނުން ކުޅޭނީ އިންޑިއާ، އިރާން، ޗައިނީސް ޓައިޕޭ އަދި ލެބަނަންއާ ދެކޮޅަށެވެ. ރާއްޖޭގެ ކޮލިފައިން މެޗުތައް، ތައިލެންޑުގައި ކުޅޭއިރު، ދެން އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމެނިސްތާން، ކުވެއިތު އަދި މޮންގޯލިއާއެވެ.