ޚަބަރު
ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އަބަދުވެސް ވަރުގަދަކަމާއެކު ދެމިއޮންނާނެ: ވަޒީރު ޑރ. ޝަހީމް
ބައްދަލުވުމުގެ ތެރެއިން/ފޮޓޯ: ވުޒާރާ
ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އަބަދުވެސް ވަރުގަދަކަމާއެކު ދެމިއޮންނާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ސަޢުދީ ޢަރަބިއްޔާގެ މިނިސްޓަރ އޮފް ޙައްޖު އެންޑް ޢުމްރާ ޑރ ތައުފީޤު ރަބީޢާ އާ ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މި ބައްދަލުކުރެއްވުމުގައި ވަޒީރު ވަނީ، ޙައްޖާއި ޢުމްރާގެ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށާއި ދެ ޙަރަމްފުޅަށް ޚިދުމަތްކުރުމުގައި ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒު ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވާ އެކަމަށް ޝުކުރު އަދާކުރައްވާފައެވެ. ހަމަ އެހެންމެ، ދުނިޔޭގެ ކަންކޮޅުތަކުން އަންނަ ޙައްޖުވެރިންނަށް ކަންކަން ފަސޭހަކޮށްދެއްވުމަށް ވަލީ އަޙުދު މުޙައްމަދު ބިން ސަލްމާން ކުރައްވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި އެކަމަށް ވެސް ވަޒީރު ޝުކުރު ދެންނެވިއެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ޙައްޖުވެރިންނަށް ދިމާވާ ދަތިތައް ޙައްލު ކުރެއްވުމަށް ސަޢުދީ ޢަރަބިއްޔާގެ ޙައްޖާއި ޢުމްރާއާ ބެހޭ ވުޒާރާއިން އަބަދު ވެސް ދެއްވާ އެހީތެރިކަން ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. ހަމަ އެއާއެކު، މައްކާ ރޫޓު އިނީޝިއޭޓިވްގައި ދިވެހިރާއްޖެ ހިމަނުއްވައިދެއްވާ، ދިވެހި ޙައްޖުވެރިންގެ ދަތުރަށް ބޮޑު ލުއިފަސޭހަކަމެއް ހޯދައިދެއްވިކަމަށްޓަކައި ވަޒީރު ވަނީ ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި ސަޢުދީ ރަސްގެފާނާއި، ވަލީއަޙްދު އަދި ސަޢުދީ ސަރުކާރަށް ޝުކުރު ދަންނަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި، ސަޢުދީ ޢަރަބިއްޔާއާއެކު އޮންނަ އަޚުވަންތަ ގުޅުން އިތުރަށް ވަރުގަދަ ކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ބޮޑު އަހަމިއްޔަތުކަމެއް ދެއްވާ ކަމެއްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ، މި ގުޅުން އަބަދުވެސް ވަރުގަދަ ކަމާއެކު ދެމިއޮންނާނެކަމަށެވެ. ހަމަ އެއާއެކު، ސަޢުދީ ޢަރަބިއްޔާއިން ކޮންމެ އަހަރަކު ވެސް ބާއްވަމުން އަންނަ ޙައްޖު މައުރަޒަކީ ޙައްޖުގެ މެނޭޖްމަންޓަށް ޒަމާނީ ވިސްނުން ގެނުވައިދިން ޙަރަކާތެއްކަމާއި، މިދިޔަ އަހަރުން ފެށިގެން ރާއްޖޭގައި ވެސް މިފަދަ ކޮންފަރެންސެއް ބާއްވަން ފަށާފައިވާކަން ވަޒީރު ވަނީ ފާހަގަކުރައްވާފަ އެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު، ސަޢުދީ ޢަރައްބިއްޔާއަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅަކީ އެޤައުމުގެ ޙައްޖު އެންޑް ޢުމްރާ މިނިސްޓަރުގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުކެވެ.