ޚަބަރު
ފަސް ސިޔާސީ ޕާޓީއަކަށް 27 މިލިޔަން ރުފިޔާ ދޫކޮށްފި
އިލެކްޝަންސް ކޮމިޝަން
ސިޔާސީ ޕާޓީތަކުގެ ޤާނޫނުގައި ބަޔާންކުރާ ޝަރުތުތައް ފުރިހަމަވާ ފަސް ސިޔާސީ ޕާޓީއަކަށް ޖުމުލަ 27 މިލިޔަން ދިވެހި ރުފިޔާ ދޫކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވިދާޅުވެއްޖެއެވެ.
މި ފައިސާ ދޫކޮށްފައިވަނީ ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަވާ ޕާޓީތަކަށެވެ. އީސީގައި ރަޖިސްޓްރީކޮށްފައިވާ 9 ސިޔާސީ ޕާޓީގެ ތެރެއިން ޤާނޫނުގައި ބަޔާންކުރާ ޝަރުތު، އެބަހީ، ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ބަޖެޓް ފާސްކުރި ދުވަހާ ހަމައަށް 10,000 މެންބަރުން ހަމަވީ 5 ޕާޓީއަށެވެ. އެއީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ)، ޖުމްހޫރީ ޕާޓީ (ޖޭޕީ)، ޢަދާލަތު ޕާޓީ (އޭޕީ) އަދި މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އެވެ.
މި ޕާޓީތަކަށް ފައިސާ ޖަމާކޮށްދިނުމަށް ބޭންކަށް ފޮނުވާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައެވެ. މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ މަހުގެ 27 ވަނަ ދުވަހު ވަނީ ހުރިހާ ޕާޓީއަކަށްވެސް ފައިސާ ޖަމާކޮށްދީފައިވާކަމުގެ މަޢުލޫމާތު އީސީއަށް ދެއްވާފައެވެ.
މިއަހަރުގެ ބަޖެޓުން އެންމެ ގިނަ ފައިސާ ޖަމާކޮށްފައިވަނީ ވެރިކަންކުރާ ޕާޓީ، ޕީއެންސީއަށެވެ. ދެވަނައަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ އިދިކޮޅު އެމްޑީޕީއަށެވެ. ސިޔާސީ ޕާޓީގެ ޤާނޫނުގައި ބަޔާންކުރާގޮތުން، ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޫކުރާ ފައިސާއަކީ، ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ %0.1 އަށްވާ ފައިސާއެވެ. މި ފަސް ޕާޓީއަށް ޖުމުލަ 27 މިލިޔަން ރުފިޔާ ދޫކޮށްފައިވާއިރު، ޕާޓީތަކުގައި މެންބަރުން ތިބި ނިސްބަތުން، ބޮލަކަށް 193.23 ރުފިޔާގެ މަގުން ފައިސާ ވަނީ ދޫކޮށްފައެވެ.
ފައިސާ ދޫކުރި ޕާޓީތަކާއި އަދަދު:
· ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (PNC): 13,316,689.57ރ (68665 މެންބަރުން)
· ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (MDP): 8,454,780.51ރ (43765 މެންބަރުން)
· ޖުމްހޫރީ ޕާޓީ (JP): 2,656,598.57ރ (13456 މެންބަރުން)
· މޯލްޑިވްސް ޑިވެލޮޕްމެންޓް އެލަޔަންސް (MDA): 1,769,648.69ރ (9011 މެންބަރުން)
· ޢަދާލަތު ޕާޓީ (AP): 1,713,538.65ރ (8844 މެންބަރުން)
އީސީގެ ދަފްތަރު ދައްކާގޮތުން މިއަހަރު ޖޫން މަހުގެ 30 ވަނަ ދުވަހާއި ހަމައަށް އެންމެ ގިނަ މެންބަރުން ތިބީ ޕީއެންސީގައެވެ. ޤާނޫނުގައި ބަޔާންކުރާ ޢަދަދަށް މެންބަރުން ހަމަނުވުމުގެ ސަބަބުން މިހާރު އީސީން ދަނީ އެމްޓީޑީ އުވާލުމުގެ މަސައްކަތް ކުރަމުންނެވެ.