ކުޅިވަރު
ފަހު ވަގުތު ނަތީޖާ އަނބުރާލި ނަމަވެސް ޔުނައިޓެޑުން ޕޮއިންޓެއް ހޯދައިފި
އިތުރު ވަގުތު މެތިޖްސް ޑި ލިޓް ކާމިޔާބުކުރި ގޯލަށްފަހު އެ ޓީމުން އުފާފާޅުކުރަނީ---
އިނގިރޭސި ޕްރިމިއަރ ލީގުގައި މެންޗެސްޓަރ ޔުނައިޓެޑުން މޮޅުވާން ދަނިކޮށް ފަހު ވަގުތު ޓޮޓެންހަމް ހޮޓްސްޕަރއިން ކާމިޔާބުކުރި ގޯލުތަކުން މެޗުގެ އޮއިވަރު އެއްކޮށް ބަދަލުވި ނަމަވެސް، ޔުނައިޓެޑުން ފަހު މިނެޓުގައި ކާމިޔާބުކުރި ގޯލުން ޕޮއިންޓެއް ހޯދައިފިއެވެ.
ރޭ އިރާކޮޅު ޓޮޓެންހަމް ހޮޓްސްޕަރ އާއި މެންޗެސްޓަރ ޔުނައިޓެޑު ކުޅުނު މެޗު 2-2އިން އެއްވަރުވެގެން ނިމުނީ، މެޗުގެ 80ވަނަ މިނެޓުގެ ފަހުން ފެނުނު 3 ގޯލާއެކުއެވެ.
ޓޮޓެންހަމް ހޮޓްސްޕަރގައި ކުޅުނު އެ މެޗުގެ ފުރަތަމަ ހާފުގައި ލީޑު ނެގީ ބްރްޔަން ބުއެމޯގެ ގޯލަކުން ޔުނައިޓެޑެވެ. އަމަދު ޑިއާލޯ ސްޕާރސްގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ބުއެމޯ ގޯލަށް ފޮނުވާލީ ބޮލުންނެވެ.
އޭގެ ފަހުން ސްޕާރސްގެ ޕެޑްރޮ ޕޯރޯ އާއި ޒައޯ ޕަލީނިއާ ފޮނުވާލި ނުރައްކާތެރި ދެ ހަމަލާއެއް ޔުނައިޓެޑުގެ ގޯލްކީޕަރު، ސެން ލެމެންސް ވަނީ ދިފާއުކޮށްފައެވެ.
ސްޕާސްއަށް މެޗުގެ ނަތީޖާ ހަމަހަމަ ކުރެވުނީ މެޗުގެ 79ވަނަ މިނެޓުގައި ކުޅެން ނިކުތް މަތީޒް ޓެލް 84ވަނަ މިނެޓުގައި ކާމިޔާބުކުރި ގޯލުންނެވެ. ޓެލް ފޮނުވާލި ބޯޅަ ގޯލަށް ވަނީ މެތިޖްސް ޑި ލިޓްގެ ފައިގަ ޖެހިފައި ޑިފްލެކްޓް ވުމުންނެވެ.
އެއަށްފަހު އިތުރު ވަގުތުގެ ފުރަތަމަ މިނެޓުގައި ރިޗާރލިސަން ވަނީ އެ ޓީމަށް ލީޑު ނަގައިދީފައެވެ. މިއީ ވިލްސަން އޮޑޮބަރޓް ގޯލަށް ފޮނުވާލި ހަމަލާއެއްގައި ބޮލުން ޖައްސާލައިގެން ރިޗާރލިސަން ކާމިޔާބުކުރި ގޯލެކެވެ.
ނަމަވެސް މެޗު ނިމުމުގެ ކުރިން ޔުނައިޓެޑަށް ލިބުނު ކޯނަރަކުން ޑި ލިޓް ވަނީ އެ ޓީމަށް ޕޮއިންޓެއް ކަށަވަރުކޮށްދީފައެވެ. ބްރޫނޯ ފެނާންޑޭޒް މި ކޯނަރު ގޯލުގެ ފަހަތަށް ނަގައިދިނުމުން ޑި ލިޓް ބޮލުން ފޮނުވާލި ހަމަލާ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
މި ދިޔަ މަހު ލީގުގައި ކުޅުނު ތިން މެޗު ވެސް ކާމިޔާބުކުރި ޔުނައިޓެޑަށް، މި މަހު ކުޅުނު ދެ މެޗުން ވެސް މިވީ އެއްވަރެވެ. އެހެންކަމުން އެ ޓީމު އޮތީ 18 ޕޮއިންޓާއެކު ލީގުގެ 8ވަނައިގައެވެ.
މި މެޗުން ލިބުނު ޕޮއިންޓާއެކު ސްޕާރސްއަށް ވެސް ލިބިފައި ވަނީ ޖުމްލަ 18 ޕޮއިންޓެވެ. ނަމަވެސް އެ ޓީމު 5ވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ.