ކުޅިވަރު

ދިވެހި ޕްރިމިއަރ ލީގު: ޔޫވީ ބަލިކޮށް އީގަލްސްއިން ގަދަ ހަތަރަކަށް އަރައިފި

ދިވެހި ޕްރިމިއަރ ލީގު: ޔޫވީ ބަލިކޮށް އީގަލްސްއިން ގަދަ ހަތަރަކަށް އަރައިފި

އީގަލްގެ ތިންވަނަ ގޯލު ކާމިޔާބުކުރި ޔޫސުފް ސިދާމް ޢަލީ ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ / ފޮޓޯ: އަދަދު ސްޕޯޓްސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

09 ނޮވެމްބަރު 2025، 05:59

09 ނޮވެމްބަރު 2025، 05:59

ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)އާ ދެކޮޅަށް ކުޅުނު މެޗު 3-1އިން ކާމިޔާބުކޮށް، ކްލަބް އީގަލްސްއިން ގަދަ ހަތަރަކަށް އަރައިފިއެވެ.

މިއީ އެ ޓީމާއި ޢަބްދުالله ޙަނީފް ހަވާލުވިފަހުން ކުޅުނު ހަތަރުވަނަ މެޗެވެ. މި ހަތަރު މެޗުގެ ތެރެއިން 2 މެޗުން އެއްވަރުވެ، 2 މެޗުން މޮޅުވެފައިވާއިރު، މި މެޗުތަކުން އެ ޓީމު މި ވަނީ 8 ޕޮއިންޓު ހޯދާފައެވެ. އަދި ފާހަގަކޮށްލެވޭ ކަމަކީ، އެ ޓީމު އެއްވަރުވި ދެ މެޗަކީ މި ސީޒަންގައި ރަގަޅު ނަތީޖާތަކެއް ނެރެމުން އަންނަ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި އޮޑި ސްޕޯޓްސް ކްލަބާ ކުޅުނު ދެ މެޗު ކަމެވެ. ނަމަވެސް ޙަނީފް ހަވާލުވުމުގެ ކުރިން އެ ޓީމުން ލީގުގައި ކުޅުނު 3 މެޗުން ހޯދުނީ އެންމެ ޕޮއިންޓެކެވެ. އެހެންކަމުން ޙަނީފް ހަވާލުވިކަމުގެ ރަގަޅު އަސަރުތައް އެ ޓީމަށް މިވަނީ ވަގުތުން ކުރަން ފަށާފައެވެ.

ޓީސީ ސްޕޯޓްސް ކްލަބް މިދިޔަ ހަފްތާގައި ބަލިކޮށް ސީޒަންގެ ފުރަތަމަ މޮޅު ހޯދުމަށްފަހު ޙަނީފް ބުނީ، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށްފަހު އީގަލްސްއަކީ ފާއިތުވި ސީޒަންގައި ރާއްޖޭގެ އެންމެ ރަނގަޅު އެއް ޓީމު ކަމަށާއި، އެހެންކަމުން އެ ޓީމުގެ އެންމެ ދަށް ޓާގެޓަކީ ގަދަ ހަތަރެއްގައި ހިމެނުން ކަމަށެވެ. އަދި ފުރަތަމަ ބުރު ނިމޭއިރު އެކަން ހާސިލްކުރުމަކީ ޙަނީފްގެ ޓާގެޓުކަމަށް ވެސް އޭނާ ބުންޏެވެ.

ޔޫވީއާ ދެކޮޅަށް ހޯދި 3 ޕޮއިންޓާއެކު އީގަލްސް ގަދަ ހަތަރަކަށް އެރި ނަމަވެސް، މިރޭ ބުރު ސްޕޯޓްސް ކްލަބުން ޓީސީ ސްޕޯޓްސް ކްލަބް ބަލިކޮށްފިނަމަ، އެއް ޕޮއިންޓުގެ ލީޑަކާއެކު ބުރު ސްޕޯޓްސް ހަތަރަކަށް އަރާނެއެވެ. އެހެންވިޔަސް، ފުރަތަމަ ބުރުގައި ކުރިޔަށް އޮތް ދެ މެޗުން އެކަން ބަދަލުކޮށް ޙަނީފްގެ ޓާގެޓު ހާސިލްކުރުމަކީ އެކަށީގެންވާ ކަމެކެވެ. 

ރޭގެ މެޗުގައި އީގަލްސްއިން އެ ޓީމުގެ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ފުރަތަމަ ހާފުގައެވެ. އެގޮތުން އެ ޓީމުން ލީޑު ނެގީ އިބްރާޙިމް މަހުދީ ޙުސެއިން (ފޭދޫ އިއްބެ) ބޮލުން ކާމިޔާބުކުރި ގޯލުންނެވެ. މެޗުގެ 25 ވަނަ މިނެޓުގައި އީގަލްސްގެ ފުލްބެކް، އަބްދުލްމަލިކް ޔޫވީގެ ގޯލު ކުރިމައްޗަށް ހުރަސްކޮށްދިން ބޯޅަ ފޭދޫ އިއްބެ ބޮލުން ފޮނުވާލިއިރު، އެ ބޯޅަ ގޯލަށް ވަނީ ޔޫވީގެ ބިދޭސީ ގޯލްކީޕަރު، ޢަލީ އާދެލް މުސްޠަފާ ޢަލީ އަތުގައި ޖެހިފައެވެ.

އީގަލްސްގެ ދެ ވަނަ ގޯލު ޖެހީ މެޗުގެ 36 ވަނަ މިނިޓްގައި އެ ޓީމުގެ ބިދޭސީ މިޑްފީލްޑަރު، އިބްރާޙިމް ލެއްބީއެވެ. އަދި ހާފު ނިމެން ދެ މިނެޓަށްވެފައި ވަނިކޮށް އެ ޓީމުގެ ފަހު ގޯލު ކާމިޔާބުކުރީ ޔޫސުފް ސިދާމް ޢަލީއެވެ. 

ޔޫވީގެ ހަމައެކަނި ގޯލު މެޗުގެ 67ވަނަ މިނެޓުގައި ކާމިޔާބުކުރީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ނިކުތް އިޝް އާފު މުޙައްމަދު ފިރާޤުއެވެ. މިއީ، އެންމެ ފަހުން ކުޅުނު ތިން މެޗުގެ ތެރެއިން އީގަލްސްގެ ގޯލްކީޕަރު، މުޙައްމަދު އަޝްވާން ކައިރިން ވަތް ފުރަތަމަ ގޯލެވެ. 

މި މެޗުން ބަލިވި ޔޫވީ މިހާތަނަށް ކުޅުނު ހަތް މެޗުން ލިބިފައި ވަނީ ހަތަރު ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގުގެ 7ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން