ކުޅިވަރު
ނިއުގެ ދެ ގޯލުގެ ލީޑު ގެއްލުވާލައި، ފަހު ވަގުތު ގްރީން ސްޓްރީޓްސްއިން ޕޮއިންޓެއް ހޯދައިފި
މޮޅު ނުވެވުނަސް ނިއު ރޭޑިއަންޓް ވަނީ ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލާފައި / ފޮޓޯ: އަދަދު
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ނަގާފައި އޮތް ދެ ގޯލުގެ ލީޑު ގެއްލުވާލައި، ފަހު ވަގުތު ކްލަބް ގްރީން ސްޓްރީޓްސްއިން މެޗުގެ ނަތީޖާ 2-2އިން އެއްވަރުކޮށް، ނިއުއާ ދެކޮޅަށް ޕޮއިންޓެއް ހޯދައިފިއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗުގައި ނިއުއިން ވަނީ މެޗުގެ ފުރަތަމަ 22 މިނެޓުގެ ތެރޭގައި ދެ ގޯލުގެ ލީޑެއް ނަގާފައެވެ. އެގޮތުން އެ ޓީމުގެ ފުރަތަމަ ގޯލު ކާމިޔާބުކޮށްދިނީ 10ވަނަ މިނެޓުގައި ޙަސަން ރާއިފް އަޙުމަދުއެވެ. ޕެނަލްޓީ އޭރިއާ ބޭރުން އޭނާ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.
ނިއުއަށް ލީޑު ފުޅާކޮށްދިނީ މެޗުގެ 22ވަނަ މިނެޓުގައި ގޮމޭޒް ޑަ ސިލްވާއެވެ. އެއީ ގްރީންގެ އޭރިއާ ތެރެއިން ނިއުގެ އަޙުމަދު ހުސާމް ގޯލަށް ފޮނުވާލި ބޯޅައެއް، ގޯލްކީޕަރު، ވިޝާން އަބްދުލް މަޖީދު އަތުގައި ޖެހިފައި ނިކުތް ވަގުތު އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
މެޗުގައި ގްރީން ސްޓްރީޓްސްގެ ފުރަތަމަ ގޯލު ފެނިގެން ދިޔައީ 55ވަނަ މިނެޓުގައެވެ. އެއީ އެ ޓީމުގެ ޔޫޝައު ބިން ޢަލީ ނަޝީދަށް، ނިއުގެ އިބްރާޙިމް މައިސާން ކުރި ފައުލަކަށް އެ ޓީމަށް ލިބުނު ޕެނަލްޓީއަކުން، މިސްރުގެ އެލްސަޢީދު އަބްދެލްފައްތާޙު ކާމިޔާބުކުރި ގޯލެކެވެ.
މި މެޗުން ގްރީން ސްޓްރީޓްސް ޕޮއިންޓެއް ކަށަވަރުކުރީ މެޗުގެ 88ވަނަ މިނެޓުގައި ގްރީން އެ ޓީމުގެ ޑިފެންޑަރު، އުޒްބެކިސްތާންގެ ޝުކްރާލީ ޕުލާޓޯވްގެ ގޯލުންނެވެ. މިއީ "ސެޓް ޕީސް"އަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ. ގްރީންގެ ހިލޭ ޖެހުން ނިއުގެ ޕެނަލްޓީ އޭރިއާ ތެރެއަށް ފޮނުވާލިއިރު، މި ބޯޅަ ޝުކްރާލީއަށް ލިބުނީ ނިއުގެ ޑިފެންޑަރުންނަށް ސާފުކޮށް ނުލެވުމުންނެވެ.
މި މެޗު 2-2އިން އެއްވަރުވި ނަމަވެސް، ނިއު ވަނީ 17 ޕޮއިންޓާއެކު ލީގުގެ ދެވަނައަށް ކުރިޔަށް ޖެހިލާފައެވެ. ނަމަވެސް، ރޭގެ މެޗުގައި ފަހު ވަގުތު ކާމިޔާބުކުރި ގޯލުން 1-0އިން އޮޑި ސްޕޯޓްސް ކްލަބް ބަލިކުރި، އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއާ ނިއުއާ ދެމެދު 4 ޕޮއިންޓުގެ ފަރަގެއް މިހާރު އެބައޮތެވެ. ނިއު މިހާތަނަށް ދެ މެޗުން އެއްވަރުވެފައިވާއިރު، މާޒިޔާއިން އަންނަނީ ސައްތައިން ސައްތަ ރެކޯޑެއް ދަމަހައްޓަމުންނެވެ.
މި ނަތީޖާއާއެކު ގްރީން ސްޓްރީޓްސްއަށް ވަނީ 4 ޕޮއިންޓު ލިބިފައެވެ. އެހެންކަމުން އެ ޓީމު ވަނީ ފުލުހުން ހިއްލާލައި 9ވަނައަށް ކުރިޔަށް ޖެހިލާފައެވެ.