ކުޅިވަރު
ހަމަނުޖެހުމާ ގުޅިގެން ޓީސީގެ އޮފިޝަލުންތަކަކަށާއި ކުޅުންތެރިއަކަށް ފިޔަވަޅު އަޅަން ނިންމައިފި
ޓީސީ ސްޕޯޓްސް ކްލަބް---
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ކްލަބް އީގަލްސް އާއި ޓީސީ ސްޕޯޓްސް ކްލަބް ނިމުނު ހަފްތާގައި ކުޅުނު މެޗުގައި ހިނގާދިޔަ ހަމަނުޖެހުމާ ގުޅިގެން، ޓީސީގެ އޮފިޝަލުންތަކަކާއި ކުޅުންތެރިއަކަށް ފުޓުބޯޅަ އެސޯސިއޭޝަން އޮފް ދަ މޯލްޑިވްސް (އެފްއޭއެމް)އިން ފިޔަވަޅު އަޅަން ނިންމައިފިއެވެ.
އެގޮތުން، އެފްއޭއެމްއިން މިއަދު ޙިއްޞާކުރި މަޢުލޫމާތުގައި ބުނެފައިވާ ގޮތުން، މި މަހުގެ 2ވަނަ ދުވަހު ހިނގި މި ހާދިސާއާ ގުޅިގެން، ޓީސީގެ އެސިސްޓެންޓް މެނޭޖަރު، މުޙައްމަދު ހަލަފް އާއި ހެޑް ކޯޗު، އަޙުސަން ރަޝީދު އަދި އެ ޓީމުގެ 20 ނަންބަރު ޖާޒީގައި ކުޅޭ ޙުސެއިން އީނާޒު ޖޫރިމަނާކޮށް، ސަސްޕެންޑުކުރުމަށް ވަނީ އެފްއޭއެމްގެ ޑިސިޕްލިނަރީ ކޮމެޓީއިން ވަނީ ނިންމާފައެވެ.
އީގަލްސް އާއި ޓީސީ މެޗުގައި ހިނގި ހަމަނުޖެހުމާ ގުޅިގެން އެފްއޭއެމްއިން އެޅި ފިޔަޅުތައް:
- ޓީސީގެ އެސިސްޓެންޓް މެނޭޖަރު، މުޙައްމަދު ހަލަފް: 2 މެޗަށް ސަސްޕެންޑުކޮށް 4،000ރ. އިން ޖޫރިމަނާކުރުން
- ޓީސީގެ ހެޑް ކޯޗު، އަޙުސަން ރަޝީދު: 2 މެޗަށް ސަސްޕެންޑުކޮށް 2،000ރ. އިން ޖޫރިމަނާކުރުން
- ޓީސީގެ ޙުސެއިން އީނާޒު: 4 މެޗަށް ސަސްޕެންޑުކޮށް 6،000ރ. އިން ޖޫރިމަނާކުރުން
އެފްއޭއެމްއިން ބުނެފައި ވަނީ، މި ނިންމުންތަކާ މެދު ހިތްހަމަ ނުޖެހޭނަމަ، 7 ދުވަސް ތެރޭގައި އިސްތިއުނާފު ކުރުމުގެ އިޙްތިޔާރު ލިބިގެންވާކަމަށެވެ.
ހަމަނުޖެހުން ހިނގި މެޗު 2-0އިން ކާމިޔާބުކުރީ އީގަލްސްއެވެ. އަދި އެ މެޗުގައި ޓީސީގެ އީނާޒަށް ވަނީ ރަތް ކާޑު ދައްކާފައެވެ.