ކުޅިވަރު
އިތުރު ވަގުތު ހަމްޒާ ޖެހި ގޯލާއެކު މާޒިޔާއިން އޮޑި ބަލިކޮށް އެއްވަނައިގައި ލީޑު ފުޅާކޮށްފި
މާޒިޔާގެ ހަމްޒާ، ފޮޓޯ: އަދަދު
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އޮޑި ސްޕޯޓްސް ކްލަބް ބަލިކޮށް، އެއްވަނައިގައި އޮތް ލީޑު 5 ޕޮއިންޓަށް ފުޅާކޮށްފިއެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު މާޒިޔާއިން ކާމިޔާބުކުރީ، މެޗުގެ އިތުރު ވަގުތުގައި ހަމްޒާ މުޙައްމަދު ކާމިޔާބުކުރި ގޯލުން، 1-0އިންނެވެ.
މި ނަތީޖާއާއެކު މާޒިޔާއިން މިވަނީ އެ ޓީމު މިހާތަނަށް ލީގުގައި ކުޅުނު 7 މެޗުން ވެސް މޮޅުވެ 21 ޕޮއިންޓު ހޯދާފައެވެ. ނަމަވެސް ދެވަނައިގައި އޮތް އޮޑިއަށް 7 މެޗުން ލިބިފައި ވަނީ 16 ޕޮއިންޓެވެ.
އަދި ލީގުގެ ތިންވަނައިގައި އޮތް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ވެސް މި އަދަދަށް ޕޮއިންޓު ލިބިފައިވާއިރު، އެ ޓީމުން މާދަމާ ހަވީރު ކްލަބް ގްރީން ސްޓްރީޓްސްއާ ދެކޮޅަށް ކުޅޭ މެޗު ކާމިޔާބުކޮށްފިނަމަ ލީގުގެ ދެވަނައަށް އަރާނެއެވެ. އޭރުން މާޒިޔާއާ ދެމެދު އޮންނާނީ 2 ޕޮއިންޓުގެ ފަރަގެކެވެ.
މާޒިޔާ އާއި އޮޑި ސްޕޯޓްސް ބައްދަލުކުރި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލު ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބުނެވެ. ނަމަވެސް އޮޑި ސްޕޯޓްސްއިން އުފެއްދި ހަމަލާތައް މާޒިޔާގެ ޑިފެންޑަރު، ލުއިޒް އަލްމައިޑާ އާއި ކީޕަރު ހުސެއިން ޝަރީފްގެ ހުޝިޔާރުކަމާއެކު ވަނީ ދިފާއުކޮށްފައެވެ.
ދެވަނަ ހާފުގައި މާޒިޔާގެ ހަމްޒާ އާއި ރޭގަން އޮބެން ފޮނުވާލި ހަމަލާތައް އޮޑީގެ ކީޕަރު މުޙައްމަދު ޝަފީއު ވަނީ ހުއްޓުވާފައެވެ.
އަދި މެޗުގެ އިތުރު ވަގުތުގައި ހަމްޒާ ފޮނުވާލި ފުރަތަމަ ހަމަލާ ޝަފީއު ހުއްޓުވިއިރު، އޭގެ އިރުކޮޅެއް ފަހުން އޭނާ ވަނީ ޝަފީއު ކައިރިން ނައްޓާލުމަށްފަހު މެޗުގެ ނަތީޖާ ބަދަލުކޮށް މާޒިޔާއަށް ތިން ޕޮއިންޓު ޔަޤީންކޮށްދީފައެވެ.
މިއީ މި ސީޒަންގައި އޮޑި ސްޕޯޓްސް ބަލިވި ފުރަތަމަ މެޗެވެ.