ޚަބަރު
ތ.އަތޮޅުގެ ދެރަށެއްގައި އައިޑީކާޑު ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ފަށައިފި
ތ.ގުރައިދޫގައި އައިޑީ ކާޑް ޕްރިންޓް ކޮށް ދޫކުރުމުގެ ލިޔުމުގައި ސޮއިކުރުން
ތ. އަތޮޅުގެ ދެ ރަށް ކަމަށްވާ ގުރައިދޫއާއި ތިމަރަފުށީގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު (އައިޑީ ކާޑު) ޕްރިންޓުކޮށް ދޫކުރުމުގެ ޚިދުމަތް ރަސްމީކޮށް ފަށައިފިއެވެ.
މިއީ ރާއްޖޭގެ ކޮންމެ އަތޮޅެއްގެވެސް އަތޮޅުވެރިކަން ކުރާ ރަށަކުން އައިޑީ ކާޑުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ސަރުކާރުން ގެންގުޅުއްވާ މުހިންމު ސިޔާސަތެއްގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން (ޑީއެންއާރު) އިން ވިދާޅުވީ، ތ. އަތޮޅު ގުރައިދޫއާއި ތިމަރަފުށީގައި މި ޚިދުމަތް ފެށުމާއެކު އެ ރަށްރަށުގެ ރައްޔިތުންނަށް ރަށުގައި ތިބެގެން އައިޑީ ކާޑު ހެއްދުމުގެ މަގު ފަހިވެގެންދާނެ ކަމަށެވެ. އަދި މީގެ ސަބަބުން އައިޑީ ކާޑުގެ ޚިދުމަތް އަވަސްވެ، ހަރުދަނާވެގެންދާނެ ކަމަށް ޑީއެންއާރުން ފާހަގަކުރެއްވިއެވެ. ތ. އަތޮޅުގައި މީގެ ކުރިން މި ޚިދުމަތް ވަނީ ވޭމަންޑޫއާއި ވިލުފުށީގައިވެސް ޤާއިމުކުރެވިފައެވެ.
މި ޚިދުމަތް ލާމަރުކަޒީ ނިޒާމުގެ ތެރެއިން ރައްޔިތުންނާ ގާތަށް ގެނެސްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ވަޢުދެކެވެ. މީގެ ކުރިން މާލެއިން އެކަނި ލިބެމުން އައި އައިޑީ ކާޑާއި ޕާސްޕޯޓް ހެދުމުގެ ޚިދުމަތް، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ޤާއިމުކުރުމުގެ މަޝްރޫޢު ވަނީ ކަނޑައެޅުއްވި މުއްދަތަށްވުރެ 3 މަސްދުވަސް ކުރިން، ހުސްވި ސެޕްޓެމްބަރު މަހުގެ 19 ވަނަ ދުވަހު ކާމިޔާބުކަމާއެކު ނިންމަވާލައްވާފައެވެ.
ލާމަރުކަޒީ އުސޫލުން، ރައްޔިތުންނާ ގާތަށް ޚިދުމަތްތައް ގެނެސްދެއްވުމަކީ ސަރުކާރުން ޚާއްޞަ އިސްކަމެއްދެއްވާ މުހިންމު ސިޔާސަތެކެވެ. ރައީސުލްޖުމްހޫރިއްޔާގެ އަމާޒަކީ ރައްޔިތުންގެ އަސާސީ މުހުތާދުތައް ރަށުގައި ތިބެގެން ފުއްދޭނެ އިންތިޒާމު ހަމަޖައްސައި، ބޮޑު ޚަރަދުކޮށް މާލެ އައިސް ކޮންމެ ކަމެއް ކުރަން ރައްޔިތުން އުފުލާ ބުރަ ނިމުމަކަށް ގެނައުމެވެ.
މީގެ އިތުރުން ދިވެހީން އާންމުކޮށް ގޮސް އުޅޭ ޤައުމުތަކުގައިވެސް މި ޚިދުމަތް ފެށުމަށް ސަރުކާރުންދަނީ މަސައްކަތްކުރަމުންނެވެ. އެގޮތުން ސްރީލަންކާ، އިންޑިއާގެ އިތުރުން އިނގިރޭސިވިލާތުގައި މި ޚިދުމަތް ފެށުމަށް ތައްޔާރުވަމުންދާއިރު، ރާއްޖޭއިން ބޭރުގައި އައިޑީ ކާޑުގެ ޚިދުމަތް ދޭން ފެށި ފުރަތަމަ ޤައުމަކީ މެލޭޝިއާއެވެ.
އައިޑީ ކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ޚިދުމަތް ރައްޔިތުންނާ ގާތުން ދިނުމުގެ މަސައްކަތް ފަށްޓަވާފައިވަނީ މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ ތެރޭގައި ކަމަށާއި، އެންމެ ފުރަތަމަ މާލެ ސަރަޙައްދުން ބޭރުން މި ޚިދުމަތް ޤާއިމުކޮށްފައިވަނީ ގއ. ވިލިނގިލީގައި ކަމަށްވެސް ޑީއެންއާރުން މަޢުލޫމާތު ދެއްވައެވެ.