ޚަބަރު
އެއަރ ކޯރގެ ޑްރޯންގެ އެހީގައި ޤާނޫނާޚިލާފަށް ރާއްޖޭ ކަނޑުގައި ހަރަކާތްތެރިވި ބޭރު ބޯޓެއް ހިފަހައްޓައިފި
ޤާނޫނާޚިލާފަށް ރާއްޖޭ ކަނޑުގައި ހަރަކާތްތެރިވި ބޭރު ބޯޓުގެ ޑްރޯން ފޮޓޯއެއް ފޮޓޯ: އެމްއެންޑީއެފް
ރާއްޖޭގެ ކަނޑުގެ ސަރަހައްދު ރައްކާތެރިކުރުމަށްޓަކައި މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން އަޅާފައިވާ އައު ފިޔަވަޅުތަކުގެ ތެރެއިން، އެމްއެންޑީއެފް އެއަރ ކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދިޔަ ބޭރުގެ ބޯޓެއް ވަނީ އަތުލައިގެންފައެވެ.
އެމްއެންޑީއެފްއިން ވިދާޅުވީ، އެމްއެންޑީއެފް އެއަރ ކޯރއިން ޑްރޯން ބޭނުންކޮށްގެން ހިންގި ސަވެއިލަންސެއްގައި ބޭރުގެ ބޯޓެއް ޤާނޫނާޚިލާފަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދުގައި ހަރަކާތެރިވާކަން ފާހަގަކުރެވުނު ކަމަށެވެ. މިކަމާ ގުޅިގެން ކޯސްޓްގާޑު ސްޕެޝަލް ބޯޓް ސްކޮޑްރަނުން އެ ބޯޓާ އިންޓަސެޕްޓްކޮށް އެމްއެންޑީއެފްގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށް އެމްއެންޑީއެފްއިން ހާމަކުރެއްވިއެވެ. ނަމަވެސް މިކަމާގުޅޭ އިތުރު ތަފްސީލެއް އަދި ހިއްސާކޮށްފައެއް ނުވެއެވެ.
މީގެއިތުރުން، ދިވެހިރާއްޖޭގެ ޚާއްޞަ އިގުތިސާދީ ސަރަހައްދު (އީ.އީ.ޒެޑް) ގައި ޤާނޫނާ ޚިލާފަށް ހަރަކާތްތެރިވަމުންދިޔަ ސްރީލަންކާގެ ދެ މަސްބޯޓެއްވެސް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ވަނީ ގެނެސްފައެވެ. މި ބޯޓުތައް އެމްއެންޑީއެފް ކޯސްޓްގާޑުގެ ބެލުމުގެ ދަށަށް ގެނެސްފައިވަނީ 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 5 ވަނަ ދުވަހުގެ ރޭގަނޑު، ވ.ފޮއްތެޔޮމުލީގެ އިރުން 137 ނޯޓިކަލް މޭލު ބޭރުގައި ހަރަކާތްތެރިވަމުން ދަނިކޮށެވެ.
ރާއްޖޭގެ ދިފާޢީ ޤާބިލުކަން މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ މާރިޗު މަހުގެ 15 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ އެއަރ ކޯރ އުފެއްދެވިއެވެ. މިޚިދުމަތާއެކު ރާއްޖޭގެ ވައިގެ ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމްކުރުމުގެ ގޮތުން އެސަރަޙައްދު ބެލެހެއްޓުމަށްޓަކައި ހިންގަންޖެހޭ އެންމެހާ ވައިގެ އަސްކަރީ އޮޕަރޭޝަންތައް ވަނީ ފަށާފައެވެ.
އެއަރ ކޯރއާއެކު 24 ގަޑިއިރު ރާއްޖޭގެ ކަނޑުގެ ސަރަހައްދު ބެލެހެއްޓުމުގެ ޤާބިލުކަން ދިފާޢީ ބާރަށް ވަނީ ލިބިފައެވެ. ދިވެހި ސިފައިންގެ ޚިދުމަތަށް މުޅިން އަލަށް ތަޢާރަފުކުރި އާންމޭންޑް އޭރިއަލް ވެހިކަލް (ޔޫ.އޭ.ވީ) ތަކަކީ 220 ކިލޯމީޓަރުގެ ބާރުމިނުގައި މެދުނުކެނޑި 20 ގަޑިއިރު ދުއްވުމުގެ ޤާބިލްކަން ލިބިފައިވާ އުޅަނދުތަކެކެވެ. އަދި ރޭގަނޑު އަނދިރީގައިވެސް ސަރޗް އެންޑް ރެސްކިއު އޮޕަރޭޝަންތައް ހިންގުމުގެ ޤާބިލުކަން މި އުޅަނދަށް ލިބިފައިވެއެވެ.
މީގެ ކުރިން ރާއްޖޭގެ ކަނޑުގެ ސަރަހައްދު ސިފައިން ބަލަހައްޓަމުންދިޔައީ ބޮޑެތި ދަތިތަކާއެކު، ހަމައެކަނި ކޯސްޓްގާޑު ކަނޑުގެ އުޅަނދުތައް ބޭނުންކޮށްގެންނެވެ. ނަމަވެސް އެއަރ ކޯރގެ ޚިދުމަތް ފެށުމާއެކު ރާއްޖޭގެ ކަނޑުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ކުރިއަށްވުރެ މާބޮޑަށް ހަރުދަނާވެފައެވެ.