ޚަބަރު
ގިނަބައެއްގެ ކަންބޮޑުވުމެއް ކަމަށްވާ ރިސޯޓުތަކުގައި ބޭނުންކުރާ ތެޔޮ ވިއްކާ މައްސަލައިގެ ތުހުމަތުގައި ބަޔަކު ހައްޔަރުކޮށްފި
މައްސަލާގައި ހައްޔަރުކުރި ބަންގްލަދޭޝް މީހުން
މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން ކަނޑައަޅާފައިވާ ގަވާއިދުތަކާ ހިލާފަށް، ރިސޯޓުތަކުގައި ބޭނުންކޮށް ނައްތާލަންޖެހޭ ތެޔޮ ވިއްކަމުންދިޔަ ކަމުގެ ތުހުމަތުގައި ހުޅުމާލެއިން ފަސް ބަންގްލަދޭޝް މީހުން ހައްޔަރުކޮށްފިއެވެ.
މިއީ އާންމުންގެ ގިނަ ބައެއްގެ ކަންބޮޑުވުން އުފެދިފައިވާ މައްސަލައެކެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި މި މީހުން ހައްޔަރުކޮށްފައިވަނީ ރޭ ދަންވަރު އެމްޕީއެލް ކޮންޓެއިނަރ ޖެޓީ ސަރަހައްދުގައި ހިންގި އޮޕަރޭޝަނެއްގައެވެ. ޑިންގީއަކުން ތެޔޮ ހަންތަކެއް ބާލައި ޕިކަޕަކަށް އަރުވަމުންދާކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި މި އޮޕަރޭޝަންގައި، ހައްޔަރުކުރި ފަސް މީހުންގެ އިތުރުން ދޯންޏަކާއި ޑިންގީއަކާއި ޕިކަޕެއް ވަނީ ބަލައިފާސްކޮށްފައެވެ. މި ބަލައިފާސްކުރުމުގެ ތެރެއިން ރިސޯޓުތަކުގައި ބޭނުންކޮށްފައިހުރި 46 ހަން ތެޔޮ ފެނިފައިވެއެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ފަސް މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އެކަކު ވަނީ ޝަރުތުކުރުމަށްފަހު ދޫކޮށްލާފައެވެ. ނަމަވެސް ދެން ތިބި ހަތަރު މީހުން 10 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ. 10 ދުވަހަށް ބަންދުކުރުމަށް އަމުރުކުރި މީހުންނަކީ އަލް އަމީން ބޮޔަޓި (37އ) އާއި، ދުލާލް މިއާހް (32އ) އާއި، މޮހަންމަދު ރަސެލް މިއާހް (34އ) އާއި، މަންވަރު ހޮސައިން (45އ) އެވެ.
ރިސޯޓުތަކުން ބޭނުންކުރާ ތެޔޮ ނައްތާލުމުގައި އެމްއެފްޑީއޭގެ ޤަވާއިދުތަކަށް ބެލުމަކާ ނުލާ ވިއްކުމަކީ ޞިއްޙި ގޮތުންނާއި ތިމާވެށީގެ ގޮތުން ނުރައްކާތެރި ކަމެކެވެ. ފުލުހުން ވިދާޅުވީ މި މައްސަލަ އިތުރަށް ތަޙުޤީޤު ކުރަމުންދާ ކަމަށެވެ.