ކުޅިވަރު / ޚަބަރު

ކުޅިވަރާއި ގުޅޭ 52 މަޝްރޫޢެއް އަމިއްލަކުންފުނިތަކާ ހަވާލުކޮށްފި

ކުޅިވަރާއި ގުޅޭ 52 މަޝްރޫޢެއް އަމިއްލަކުންފުނިތަކާ ހަވާލުކޮށްފި

އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން.

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 05:13

06 ނޮވެމްބަރު 2025، 05:13

ކުޅިވަރުގެ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ހިންގާ 52 މަޝްރޫޢެއް ނިންމުމަށް، މިއަދު އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ. 

މިކަމަށްޓަކައި ބޭއްވުނު ރަސްމިއްޔާތު ބާއްވާފައިވަނީ ބާސެލޯ ނަސަންދުރައިގައެވެ. 

މި އެއްބަސްވުމުގެ ދަށުން، ފުޓުބޯޅަ، ވޮލީބޯޅަ، ހޭންޑްބޯޅަ، ބެޑްމިންޓަން އަދި ސްވިމިން ޓްރެކްތައް ތަރައްޤީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރިއަށްގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

މި މަޝްރޫޢުތަކުގެ ތެރޭގައި މުޅިން އަލަށް ކުޅިވަރު ދަނޑުތައް އެޅުމާއި، މިހާރު ހުރި ދަނޑުތައް އާބާތުރަފިލުވައި މަރާމާތުކުރުން ހިމެނެއެވެ. މީގެ އިތުރުން، ދަނޑުތަކަށް ބޭނުންވާ ލައިޓިންގެ މަސައްކަތްތަކާއި، ޓާފް އެޅުމާއި، ވަށާފާރު ލުމުގެ މަސައްކަތްފަދަ ދަނޑުތައް ބޭނުންކުރެވޭ ފެންވަރަށް ނިންމުމަށް ބޭނުންވާ ގިނަ މަސައްކަތްތަކެއް ހިމެނެއެވެ.

ފުޓްބޯޅަ އަދި ފުޓްސަލް މަޝްރޫޢުތައް

ފުޓްބޯޅައާ ގުޅުންހުރި 22 މަޝްރޫޢެއް މި އެއްބަސްވުމުގެ ދަށުން ހަވާލުކުރެވިފައިވެއެވެ. މި މަޝްރޫޢުތައް ކުރިއަށްދާނެ ރަށްތަކުގެ ތެރޭގައި ބ. ދޮންފަނު، ބ. ކިހާދޫ، ޏ. ފުވައްމުލައް، މ. މުލައް، މ. ވޭވަށް، ހއ. މާރަންދޫ، ށ. ފޭދޫ، ތ. މަޑިފުށި، ށ. މާއުނގޫދޫ، ރ. ވާދޫ، ހއ. އިހަވަންދޫ، ހދ. ނޭކުރެންދޫ، އއ. މާޅޮސް، ބ. ދަރަވަންދޫ، ދ. މާއެނބޫދޫ، ހދ. ވައިކަރަދޫ، ނ. ވެލިދޫ، ހދ. ނައިވާދޫ، ތ. ކިނބިދޫ، ގދ. ފިޔޯރީ، ހދ. ނޮޅިވަރަމް އަދި ހދ. ކުޅުދުއްފުށި ސިޓީ ހިމެނެއެވެ. މި ރަށްތަކުގައި ފުޓްބޯޅަ ދަނޑުތަކުގެ ލައިޓިން މަސައްކަތް، ބައުންޑްރީ ވޯލްލުން، ފެންސްޖެހުން އަދި ޓާފް އެޅުންފަދަ މަސައްކަތްތައް ހިމެނެއެވެ.

މީގެ އިތުރުން، ފުޓްސަލް ތަރައްޤީކުރުމަށް 10 މަޝްރޫޢެއް ހިމަނާފައިވާއިރު، މި މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ށ. ފުނަދޫ، ށ. ފޯކައިދޫ، ބ. ފެހެންދޫ، ހދ. ކުމުންދޫ، ހދ. ކުރިނބީ، ށ. ފޭދޫ، ށ. ޅައިމަގު، ތ. ކިނބިދޫ އަދި ތ. ވިލުފުށީގައެވެ.

ހޭންޑްބޯޅަ ކޯޓުތަކާއި އެހެނިހެން ކުޅިވަރުތައް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހަންމަދު މުޢިއްޒު ދާދިފަހުން ދެއްވާފައިވާ ޔަގީންކަމާ އެއްގޮތަށް، ހޭންޑްބޯޅަ ކުރިއެރުވުމަށް މި މަޝްރޫޢުތަކުގައި ވަނީ ޚާއްސަ ސަމާލުކަމެއް ދީފައެވެ. 14 ރަށެއްގައި ހޭންޑްބޯޅައާ ގުޅުންހުރި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ރާވާފައިވާއިރު، އޭގެ ތެރެއިން 11 ރަށެއްގައި މި ކުޅިވަރަށް ޚާއްސަ އައު ކޯޓުތަކެއް އެޅިގެންދާނެއެވެ.

ހޭންޑްބޯޅައާ ގުޅުންހުރި މަޝްރޫޢުތައް ކުރިއަށްދާނީ ފ. ނިލަންދޫ، ށ. ފޯކައިދޫ، ށ. ފުނަދޫ، ށ. ފޭދޫ، ތ. ކިނބިދޫ، ތ. ވިލުފުށި، ގދ. ތިނަދޫ، ހއ. ދިއްދޫ، ދ. ކުޑަހުވަދޫ، ރ. އުނގޫފާރު، ޅ. ނައިފަރު، މ. ނާލާފުށި، ބ. އޭދަފުށި އަދި ގދ. ވިލިނގިލީގައެވެ. މި މަސައްކަތުގެ ދަށުން ކޯޓުތަކުގެ ލައިޓިން މަސައްކަތް، ބައުންޑްރީ ވޯލްލުން، ފެންސްޖެހުން، ޓާފް އެޅުން އަދި ގޯލް ޕޯސްޓު ޖެހުންފަދަ ކޯޓު ނިންމުމަށް ބޭނުންވާ އެންމެހާ މަސައްކަތްތަކެއް ކުރިއަށްދާނެއެވެ. ހދ. ކުޅުދުއްފުއްޓާއި ތ. ވިލުފުށީގައި ފުޓްސަލް އަދި ހޭންޑްބޯޅަވެސް ކުޅެވޭގޮތަށް ފަރުމާކޮށްފައިވާ މަލްޓި ޕާޕަސް ކޯޓެއް ތަރައްޤީކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން، ބ. ފެހެންދޫ އަދި ހދ. ނޮޅިވަރަންފަރުގެ އައުޓްޑޯ ވޮލީކޯޓުގެ މަސައްކަތާއި، އައްޑޫ ސިޓީ މަރަދޫ ވޮލީކޯޓުގައި މިހާރު ނުނިމި ހުރި މަސައްކަތްވެސް މި މަޝްރޫޢުގެ ދަށުން އަމިއްލަ ކުންފުނިތަކަކާ ވަނީ ހަވާލުކޮށްފައެވެ. އަދި ސ. ފޭދޫގައި ބެޑްމިންޓަން ކޯޓެއް ތަރައްޤީކުރެވިގެންދާއިރު، މާލޭ ކުޅިވަރު އެކުވެންޏަށް 4 ބެޑްމިންޓަން ކޯޓު އިތުރުކޮށް، އެތަނަށް ބޭނުންވާ މަރާމާތުގެ މަސައްކަތްވެސް ކުރިއަށްދާނެއެވެ. ހދ. ވައިކަރަދޫގައި ސްވިމިންގ ޓްރެކްއެއް ތަރައްޤީކުރުމަށްވެސް ވަނީ މި އެއްބަސްވުމުގެ ދަށުން ހަވާލުކުރެވިފައެވެ.

މަޝްރޫޢުތައް ހަވާލުކުރެވުނު ކުންފުނިތައް

މިއަދު ހަވާލުކުރެވުނު 52 ކުޅިވަރު މަޝްރޫޢު ނިންމުމަށް 8 ކުންފުންޏަކާ ވަނީ އެއްބަސްވުމުގައި ސޮއިކޮށްފައެވެ. އެއީ އެޝުއާ ސަޕްލައި، ކޯރލައިން، މާލާ، ތުރީ ޓްރީ، އެލީޓް އިންޓަނޭޝަނަލް، ޓްރަސްޓެންގ މޯލްޑިވްސް، މޭނާ، ފެޑޯ އަދި އެކުއާ ލައިން ޕްރައިވެޓް ލިމިޓެޑް އެވެ. މި މަޝްރޫޢުތަކުގެ ސަބަބުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުޅިވަރުގެ ފުރުސަތުތައް އިތުރުވެ، ޒުވާނުންނަށް ފައިދާ ކުރާނެކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން