ޚަބަރު
ދީނީ ކަންކަން ކުރިއެރުވުމުގެ ދާއިރާއިން 14 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކަށް
އެއްބަސްވުންތަކުގައި ސޮއިކުރުން
ދީނީ ކަންކަން ކުރިއެރުވުމުގެ ދާއިރާއިން 14 މަޝްރޫޢެއް އަމިއްލަ ކުންފުނިތަކާ ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި 8 ރަށެއްގައި މިސްކިތް ބިނާ ކުރުމާއި، 3 އިސްލާމީ މަރުކަޒު އަދި 3 ވަޤުފު އިމާރާތް ތަރައްޤީކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަޝްރޫޢުތަކަކީ ޖުމްލަ 30 މިލިއަން ރުފިޔާގެ މަޝްރޫޢުތަކެކެވެ.
މިސްކިތް ބިނާކުރުމުގެ މަސައްކަތް ހަވާލުކުރެވުނު ރަށްތަކުގެ ތެރޭގައި ށ. ބިލެތްފަހި، ބ. ކަމަދޫ، ބ. ފެހެންދޫ އަދި ބ. ފުޅަދޫ ހިމެނެއެވެ. މި ރަށްތަކުގައި 300 ޖާގައިގެ މިސްކިތް ބިނާކުރުމަށް ހަވާލުކުރެވުނީ އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ.
މީގެ އިތުރުން ކ. ދިއްފުށި، އއ. ރަސްދޫ އަދި ލ. ދަނބިދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތް އިމާރާތް ކުރުމަށްވެސް ހަވާލުކުރެވުނީ އެސް.އޭ.އެސް އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާ އެވެ. ހދ. ވައިކަރަދޫގައި 500 މީހުންގެ ޖާގައިގެ މިސްކިތަކާއެކު ޤުރުއާން ސެންޓަރެއް އެޅުމަށް ހަވާލުކުރެވުނީ ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ އެވެ.
އިސްލާމީ މަރުކަޒުތައް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރެވުނު ތަންތަނުގެ ތެރޭގައި ކުޅުދުއްފުށި ސިޓީއާއި ނ. ހޮޅުދޫއާއި ހއ. އުތީމު ހިމެނެއެވެ. ކުޅުދުއްފުށި އިސްލާމީ މަރުކަޒުގެ މަސައްކަތް ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއިރު، ނ. ހޮޅުދޫއާއި ހއ. އުތީމު އިސްލާމީ މަރުކަޒުގެ މަސައްކަތް ހަވާލުކުރެވުނީ ވެންޒާ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑާ އެވެ. މި އިސްލާމީ މަރުކަޒުތަކުގައި ނަމާދު ކުރާ ބައިގެ އިތުރުން ޒަމާނީ ކްލާސްރޫމާއި އިސްލާމީ ލައިބްރަރީއާއި، ކޮންފަރެންސް ހޯލާއި އޮފީސް ބައި ހިމެނޭނެއެވެ.
ވަޤުފު އިމާރާތްތައް ތަރައްޤީކުރުމުގެ މަސައްކަތް ޖުމްލަ 10 މިލިޔަން ރުފިޔާއަށް ވަނީ ހަވާލުކޮށްފައެވެ. ގއ. ވިލިނގިލައި ވަޤުފު އިމާރާތެއް ބިނާކުރަން އަފާމީ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރިއިރު، ކުޅުދުއްފުށީ ސިޓީގައި ވަޤުފު އިމާރާތެއް ބިނާކުރަން ވޭވް ލެންތު ޕްރައިވެޓް ލިމިޓެޑާ ވަނީ ހަވާލުކޮށްފައެވެ. އަދި ތިނަދޫ ސިޓީގައި ވަޤުފު އިމާރާތެއް ބިނާކުރަން ހަވާލުކުރެވުނީ ގްލަޓް އިންވެސްޓްމެންޓް ޕްރައިވެޓް ލިމިޓެޑާ އެވެ.
އަތޮޅުތަކުގައި ޤާއިމުކުރެވޭ މި ވަޤުފު ޢިމާރާތްތަކުން ލިބޭ ނަފާއިން ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ އެ އަތޮޅެއްގެ އިސްލާމީ ދާއިރާގެ ކަންކަން އިތުރަށް ހަރުދަނާކޮށް، ރަނގަޅުކުރުމަށެވެ. މީގެ ތެރޭގައި މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތްތަކާއި ދީނީ އެކި ހަރަކާތްތައް ހިމެނެއެވެ. މި ޢިމާރާތްތަކުން ލިބޭ ފައިސާގެ ކަންކަން ބެލެހެއްޓުމަށް ހަމަ ޖެހިފައިވަނީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ އިރުޝާދުގެ ދަށުން ކައުންސިލްތަކުންނެވެ.