ޚަބަރު
މިދިޔަ އޮކްޓޫބަރު މަހު ހުޅުމާލެއިން 520 އުޅަނދު ޓޯކުރެވުނު: ފުލުހުން
ޓޯވކުރުން/ފޮޓޯ: ފުލުހުން
މިދިޔަ އޮކްޓޫބަރު މަހު ހުޅުމާލެއިން 520 އުޅަނދު ޓޯކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
މިއީ މާލެއާއި ހުޅުމާލޭގެ ކާރޫބާރޫ ބޮޑުވާ މަގުތަކުގައި ޤަވާއިދާ ޚިލާފަށް ޕާކްކޮށްފައިވާ އުޅަނދުތައް ނެގުމުގެ މަސައްކަތުގެ ތެރެއިން ފުލުހުން ޓޯވކޮށްފައިވާ އުޅަނދުތަކެކެވެ. ފުލުހުންގެ ޚިދުމަތުން ޢާންމުކޮށްފައިވާ ތަފާސްހިސާބުތައް ދައްކާގޮތުން މިދިޔަ އޮކްޓޫބަރު މަހު ހުޅުމާލެއިން ޖުމްލަ 520 އުޅަނދު ވަނީ ޓޯކޮށްފައެވެ. އެގޮތުން، ދެ ފުރޮޅުލީ 425 އުޅަނދާއި، ހަތަރު ފުރޮޅުލީ 95 އުޅަނދު މީގެ ތެރޭގައި ހިމެނޭކަމަށް ފުލުހުން މަޢުލޫމާތުދެއެވެ.
ޓޯކޮށްފައިވާ 2 ފުރޮޅުލީ އުޅަނދުތަކުގެ ތަފާސްހިސާބު:
- ޤަވާއިދާ ޚިލާފަށް ޕާކް ކޮށްގެން - 247 އުޅަނދު
- ލައިސަންސް ނެތި ދުއްވައިގެން - 108 އުޅަނދު
- ނުރައްކާތެރިކޮށް ދުއްވައިގެން - 21 އުޅަނދު
- ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 18 އުޅަނދު
- އެކި މައްސަލަތަކާއި ގުޅިގެން - 16 އުޅަނދު
- އަސްލަށް ބަދަލު ގެނެސްގެން ދުއްވައިގެން - 10 އުޅަނދު
- މަގުމައްޗަށް ދޫކޮށްލާފައި ހުރުމުން - 5 އުޅަނދު
ޓޯކޮށްފައިވާ 4 ފުރޮޅުލީ އުޅަނދުތަކުގެ ތަފާސްހިސާބު:
- ޤަވާއިދާ ޚިލާފަށް ޕާކްކޮށްގެން - 45 އުޅަނދު
- ލައިސަންސް ނެތި ދުއްވައިގެން - 108 އުޅަނދު
- ނުރައްކާތެރިކޮށް ދުއްވައިގެން - 1 އުޅަނދު
- ރަޖިސްޓްރީ ނަންބަރު ބަދަލުކޮށްގެން ދުއްވައިގެން - 19 އުޅަނދު
- އެކި މައްސަލަތަކާއި ގުޅިގެން - 9 އުޅަނދު
- ރަޖިސްޓްރީނުކޮށް ދުއްވައިގެން - 2 އުޅަނދު
މީގެ އިތުރުން، މާލޭގެ މަގުތަކުގައި ދަތުރުފަތުރަށާއި، ޕަބްލިކް ޓްރާންސްޕޯޓަށް ދަތިވާ ގޮތައް ޤަވާއިދާ ޚިލާފަށް ޕާކު ކޮށްފައި ހުރި 70 ސައިކަލެއް މިމަހުގެ 4 ވަނަ ދުވަހު ޓޯކޮށްފައިވާއިރު، ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅި ކަންމަތީގައި އާންމު ދަތުރުފަތުރަށް ދަތިވާ ގޮތަށް ޕާކް ކޮށްފައި ހުންނަ އުޅަނދުތައް ނެގުމުގެ މަސައްކަތް ކޮންމެ ދުވަހަކުވެސް ކުރަމުންދާ ކަމަށެވެ.
ފުލުހުން ވަނީ، ކަފިހި ހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި، ގޯޅި ކަންމަތީގައި ޕާކް ކުރުމުގެ ބަދަލުގައި ޕާކް ކުރުމަށްޓަކައި ޚާއްޞަ ކޮށްފައިވާ ޒޯންތަކުގައި ޕާކް ކުރުމަށް ޚާއްޞަ ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާފަ އެވެ.