Ads by Stelco

ޚަބަރު

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޤަޠަރުގެ ދޯހާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޤަޠަރުގެ ދޯހާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި

ނައިބު ރައީސް، ދޯހާގައި ކުރިއަށްދިޔަ ސަމިޓުގައި ވާހަކަފުޅުދެއްކެވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

06 ނޮވެމްބަރު 2025، 12:57

06 ނޮވެމްބަރު 2025، 12:57

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުހައްމަދު ލަޠީފު، ޤަޠަރުގެ ދޯހާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފި އެވެ.

މި ދަތުރުފުޅަކީ، ޤަޠަރުގެ ދޯހާގައި ކުރިއަށްދިޔަ ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓްގައި ބައިވެރިވެވަޑައިގަތުމަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅެކެވެ.

މި ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ޝާމިލުކަމާއި، ހަމަހަމަކަމާއި، ވިލުންތެރިކަމުގެ ތަރަހައިގެ ތެރެއިން، ބައިނަލްއަޤުވާމީ ފެންވަރުގައި އިޖުތިމާޢީ ތަރައްޤީ ހޯދުމަށް މަސައްކަތްކުރުމުގެ އަޒުމުގެ މަތީ ދިވެހިރާއްޖެ ދެމިއޮންނާނޭކަމުގެ ޔަޤީންކަން ދެއްވައި ވާހަކަފުޅުދައްކަވާފައެވެ. އެގޮތުން، ޞިއްޙީ ދާއިރާ އާއި ތަޢުލީމީ ދާއިރާ ހަރުދަނާކުރުމަށާއި، ޢާންމު ޚިދުމަތްތައް ޑިޖިޓަލް ކުރުމަށާއި، މޫސުމީ ވިލުންތެރިކަން އިތުރުކުރުމަށް ދިވެހި ސަރުކާރުން ދޭ އަހުމިއްޔަތު ފާހަގަކުރައްވާ އެމަނިކުފާނު ވަނީ ވާހަކަފުޅު ދައްކަވާފައެވެ.

މީގެ އިތުރުން، ދަރަންޏަކީ ޤައުމުގެ ވިލުންތެރިކަން ބިނާކުރާ އާލާތަކަށް ހެދުމަށް ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތަކަށް އަލިއަޅުއްވާލައްވައި، އިންސާނީ ތަރައްޤީއަށް ވުނަކުރުމުގެ ފުރުޞަތު ފަހިވާނޭފަދަ ގޮތަކަށް ދުނިޔޭގެ މާލީ ނިޒާމު އިޞްލާޙުކުރުމުގެ ބޭނުން އޮތް މިންވަރުގެ މައްޗަށް އަލިއަޅުއްވާލެއްވިއެވެ. ހަމަ އެއާއެކު، އިޖުތިމާޢީ ތަރައްޤީގެ ލަނޑުދަނޑިއަށް ވާޞިލުވުމަށް ދިވެހި ސަރުކާރުން ގެންގުޅޭ ވަށާޖެހޭ ސިޔާސަތުގެ ތެރެއިން، އަތްފޯރާފަށުގައި ބޯހިޔާވަހިކަން ފޯރުކޮށްދިނުމާއި، ޒުވާނުން ބާރުވެރިކުރުމާއި، އަންހެނުންގެ ބައިވެރިވުން ކަށަވަރުކުރުމާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ކަންކަމުގައި ޝާމިލުކުރުމާއި، ޕެންޝަނާއި ސިއްޙީފަރުވާ އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ މައްޗަށް އެމަނިކުފާނު ވާހަކަފުޅުދެއްކެވިއެވެ.

ސެކަންޑް ވަރލްޑް ސަމިޓް ފޯ ސޯޝަލް ޑިވެލޮޕްމަންޓް ކުރިއަށްގެންގޮސްފައިވަނީ މިމަހުގެ 4 އިން 6 އަށް ޤަޠަރުގެ ދޯހާގައެވެ. ޤައުމުތަކުގެ އިސް ވެރީންނާއި، ބައިނަލްއަޤުވާމީ ޖަމާޢަތްތަކާއި، މަދަނީ ޖަމުޢިއްޔާތަކާއި، އަމިއްލަ ފަރާތްތަކުން އެ ސަމިޓުގައި ބައިވެރިވެވަޑައިގެންފައިވާއިރު، އެ ފަރާތްތަކުން ވަނީ، 2030 އެޖެންޑާ ފޯ ސޯޝަލް ޑިވެލޮޕްމަންޓާ އެއްގޮތްވާ ގޮތުގެ މަތީން، އިޖުތިމާޢީ ތަރައްޤީއަށް ވާސިލުވުމާއި، ފަޤީރުކަން ނައްތާލުމާއި، ޝާމިލު މުޖުތަމަޢުތައް ބިނާކުރުމާ ގުޅޭގޮތުން ބައިނަލްއަޤުވާމީ ފެންވަރުގައި މަސައްކަތްކުރަމުންގެންދިއުމުގެ އަޒުމު އާކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅަކީ، ބައިނަލްއަޤުވާމީ ގުޅުންތައް ދެމެހެއްޓުމަށާއި، އިޖުތިމާޢީ ޝާމިލުކަން ޤާއިމުކުރުމަށާއި، ދެމެހެއްޓެނިވި ތަރައްޤީއަށް ވާސިލުވުމަށް ދިވެހިރާއްޖެއިން އިޚުލާޞްތެރިކަމާއެކު މަސައްކަތްކުރަމުންގެންދާނޭކަން ހާމަކޮށްދޭ ވަރުގަދަ ހެއްކެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން