Ads by Stelco

ޚަބަރު

މިދިޔަ މަހު މަގުމަތިން 4633 މީހަކު ހުއްޓުވިއިރު އޭގެ ތެރެއިން 4555 މީހުންނަކީ ކުށުގެ ރިކޯޑް އޮންނަ މީހުން: ފުލުހުން

މިދިޔަ މަހު މަގުމަތިން 4633 މީހަކު ހުއްޓުވިއިރު އޭގެ ތެރެއިން 4555 މީހުންނަކީ ކުށުގެ ރިކޯޑް އޮންނަ މީހުން: ފުލުހުން

ފުލުހުން މަގުމަތީގައި ހަރަކާތްތެރިވަނީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

06 ނޮވެމްބަރު 2025، 12:55

06 ނޮވެމްބަރު 2025، 12:55

ދިވެހި ފުލުހުންގެ ޚިދުމަތުން ފާއިތުވި އޮކްޓޫބަރު މަހު ހިންގި އޮޕަރޭޝަންތަކުގައި، މަގުމަތިން ހުއްޓުވައި ސުވާލު ކުރެވުނު 4633 މީހުންގެ ތެރެއިން 98 އިންސައްތައަކީ ކުށުގެ ރިކޯޑު އޮންނަ ފަރާތްތައް ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކުރައްވައިފިއެވެ.

ފުލުހުން އާންމުކުރި ތަފާސްހިސާބުތަކުން ދައްކާގޮތުން، ހުއްޓުވުނު މީހުންގެ ތެރެއިން 4555 މީހުންނަކީ ކުށްކޮށްފައިވާ ފަރާތްތަކެވެ. މާލެއަކީ އަމާން ރައްކާތެރި ތަނަކަށް ހެދުމަށް ކުރާ މަސައްކަތުގެ ދަށުން، ފުލުހުން ވަނީ މިދިޔަ މަހު ވަރަށް ބޮޑަށް މަގުމަތީގައި ހަރަކާތްތެރިވެފައެވެ. އޮކްޓޫބަރު މަހުގެ ތެރޭގައި މާލެ ފްރޮންޓް ލައިންގައި ހަރަކާތްތެރިވި ފުލުހުން ވަނީ ޖުމްލަ 26262 ސަރަހައްދެއް ބަލައި ފާސްކޮށް، 1136 ގަޑިއިރާއި 8 މިނެޓު ވަންދެން ފައިމަގުގައި ޕެޓްރޯލްކޮށްފައެވެ. މި މަސައްކަތުގެ ތެރެއިން ހުއްޓުވުނު 4633 މީހުންގެ ތެރޭގައި ކުށުގެ ރިކޯޑު ނެތް 78 މީހުންވެސް ހިމެނެއެވެ. އަދި ބިދޭސީންނާ ގުޅޭ ދެ މައްސަލައެއްގައި ދެ މީހަކު ވަނީ އިމިގްރޭޝަނާ ހަވާލުކޮށްފައެވެ.


މި އޮޕަރޭޝަންތަކުގެ ތެރެއިން، ގެއްލިގެން ރިޕޯޓުކުރި 250 އެއްޗެއް ފުލުހުން ވަނީ ހޯދާފައެވެ. މީގެ ތެރޭގައި އެންމެ ގިނައީ ސައިކަލެވެ. 110 ސައިކަލު ހޯދާފައިވާއިރު، މި ހޯދުނު މުދަލުގެ ޖުމްލަ އަގު 5.7 މިލިއަން ރުފިޔާއަށް އަރައެވެ. ހޯދި މުދަލުގެ ތަފާސްހިސާބުތައް ތިރީގައި މިވަނީއެވެ:

 110 ސައިކަލު: 4،885،300 ރުފިޔާ
 31 މޯބައިލް ފޯނު: 302،830 ރުފިޔާ
 ފައިސާ: 324،344 ރުފިޔާ
 އެހެނިހެން ތަކެތި: 227،431 ރުފިޔާ (12 އިލެކްޓްރޯނިކްސް އަދި 65 އެހެނިހެން ތަކެތި)

މީގެ އިތުރުން، އޮކްޓޫބަރު މަހުގެ ތެރޭގައި މާލެ ފްރޮންޓް ލައިންގައި މަސައްކަތްކުރި ފުލުހުން ވަނީ ޖުމްލަ 151 ސީންއަކަށް އެޓެންޑުވެފައެވެ. މީގެ ތެރޭގައި ވައްކަމުގެ 112 ސީންއާއި، މާރާމާރީގެ 18 ސީންއާއި، އެކްސިޑެންޓްގެ 14 ސީންއާއި، ފޭރުމުގެ 7 ސީން ހިމެނެއެވެ. މި ހުރިހާ ހާދިސާތަކުގައިވެސް ފުލުހުން ވަނީ އަވަސްކަމާއެކު ހަރަކާތްތެރިވެފައެވެ.

ފުލުހުން ވިދާޅުވީ، ރައްޔިތުންގެ ކަންބޮޑުވުންތައް ހައްލުކުރުމާއި، ކުށްމަދު އަމާން މާހައުލެއް ގާއިމުކުރުމަށް މަސައްކަތް ކުރަމުންދާނެ ކަމަށެވެ. މި މަސައްކަތުގެ ދަށުން މިދިޔަ މަހު ވެސް ޖުމްލަ 28 ޕްރޮގްރާމެއް ވަނީ އާންމުން ހޭލުންތެރި ކުރުމަށް ކުރިއަށް ގެންގޮސްފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން