ޚަބަރު
6 ރަށެއްގައި ޖަނެރޭޝަން ކެޕޭސިޓީ އިތުރުކުރުމަށް 6 ޖަނެރޭޓަރު އެރަށްތަކަށް ފޮނުވަނީ
ސްޓެލްކޯއިން ރަށްރަށަށް ފޮނުވަން ތައްޔާރުވެފައިވާ ޖެންސެޓްތައް
ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ހިދުމަތް ދެމުންގެންދާ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، 6 ރަށެއްގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުކުރުމަށްޓަކައި އައު 6 ޖަނަރޭޓަރު ސެޓް އެރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ކުރެވެމުންދާކަމަށް އެކުންފުނިން ބުނެފިއެވެ.
ސްޓެލްކޯއިން ބުނެފައަވަނީ މިކަމުގެ މަޤްޞަދަކީ އެރަށްރަށުގެ ރައްޔިތުންނަށް ދިމާވާ ކަރަންޓުގެ ދަތިކަން ހައްލުކޮށް، އިތުރަށް ބޭނުންވާ ކެޕޭސިޓީ ފޯރުކޮށްދިނުންކަމަށެވެ.
ސްޓެލްކޯއިން އާންމުކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު، އެކުންފުނީގެ އަމާޒަކީ އެކުންފުނިން ފޯރުކޮށްދޭ ޚިދުމަތްތަކަކީ އެންމެ ފުރިހަމަގޮތުގައި ރައްޔިތުންނަށް އޭގެ ފައިދާއާއި މަންފާ ލިބިގެންދާފަދަ ޚިދުމަތްތަކަކަށް ހެދުމެވެ. މި މަސައްކަތަކީ އެ އަމާޒަށް ވާސިލްވުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ. ޚާއްސަކޮށް ބިނާވެގެންދާ އާބާދީތަކާއި އިތުރުވަމުންދާ ވިޔަފާރިތަކަށް ބޭނުންވާ ކަރަންޓުގެ ޚިދުމަތް ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމަކީ ސްޓެލްކޯގެ އިސްކަމެކެވެ.
ސްޓެލްކޯއިން ހިދުމަތް ދެމުންގެންދާ ރަށްރަށުގެ ކަރަންޓުގެ ކެޕޭސިޓީ އިތުރުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން 6 ރަށެއްގެ ޖަނަރޭޝަން ކެޕޭސިޓީ އިތުރުުކުރުމަށްޓަކައި އައު 6 ޖަނަރޭޓަރު ސެޓް އެރަށްތަކަށް ފޮނުވުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުން. މިކުންފުނީގެ އަމާޒަކީ… pic.twitter.com/nFRnyiM03k
— STELCO (@STELCOMALDIVES) November 5, 2025
މި ޖަނަރޭޓަރުތައް އެރަށްރަށަށް ފޮނުވުމަށްފަހު، އެތަންތަން ބަހައްޓައި އިންސްޓޯލްކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެއެވެ. މިކަމުގެ ސަބަބުން މި 6 ރަށުގެ ކަރަންޓުގެ ޚިދުމަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެކަމަށް ލަފާކުރެވެއެވެ. ސްޓެލްކޯގެ އެކްސް ޕޯސްޓެއްގައި މިކަމުގެ މަޢުލޫމާތު ވަނީ ހިއްސާކޮށްފައެވެ.