ޚަބަރު
ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާއަށް ރައީސް ތަޢުޒިޔާ ފޮނުއްވައިފި
ކޮޅުވެއްޓި ބަންޑުންޖަހާލުން--
މިދިޔަ އާދީއްތަ ދުވަހު ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި ނިޔާވި މީހުންގެ ޢާއިލާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ފޮނުއްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ރަސްމީ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި އެމަނިކުފާނު ވިދާޅުވީ، މާލެ ވިޔަފާރި ބަނދަރު ސަރަޙައްދުގައި ކޮޅުވެއްޓިއެއް ބަންޑުން ޖަހާލި ހިތާމަވެރި ޙާދިސާގައި މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގައި ވަޒީފާ އަދާކުރަމުން ދިޔަ ދިވެހި ޒުވާނަކާއި ބަންގްލާދޭޝްގެ ޒުވާނަކު ނިޔާވުމާއި ގުޅިގެން، އެ ކުންފުނީގެ ވެރީންނަށާއި މުވައްޒަފުންނަށް އަދި ދެ މަރުޙޫމުންގެ ޢާއިލާއަށް ތަޢުޒިޔާ ދަންނަވާ ކަމަށެވެ.
ހަމަ އެހެންމެ، މަރުޙޫމް ޢަލީ އަފްލާޙް ޢަބްދުﷲ އަށާއި، މަރްޙޫމް މަސްޢޫދު ޙުސައިން އަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާ، މި ޙާދިސާގައި އަނިޔާވި އެހެން ހުރިހާ ފަރާތްތަކަށް އަވަސް ޝިފާއެއް މިންވަރުކުރެއްވުމަށް ރައީސް ދުޢާކުރެއްވިއެވެ. މީގެ އިތުރުން، މިފަދަ މަސައްކަތުގެ މާޙައުލުތަކުގައި މަސައްކަތްތެރީންގެ ސަލާމަތަށް އިސްކަން ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ އިލްތިމާސްކުރައްވާފަ އެވެ.
މި ޙާދިސާގެ މަޢުލޫމާތު ފުލުހުންނަށް ލިބިފައިވަނީ މިދިޔަ އާދިއްތަ ދުވަހުގެ ހަވީރު 3:44 ގައެވެ. ރިޕޯޓު ލިބުމާއެކު، އެމްއެންޑީއެފް މާލޭ އޭރިއާ ކޮމާންޑް، ކޯސްޓްގާޑު ސެކަންޑް ސްކޮޑްރަންއިން ވަނީ ހަރަކާތްތެރިވެ، ބަންޑުން ޖަހާލި ކޮޅުވެއްޓީގައި ތިބި މީހުން ސަލާމަތްކުރުމަށް މުހިންމު މަސައްކަތްތަކެއް ކޮށްފައެވެ. ފުލުހުން ވިދާޅުވީ، ކޮޅުވެއްޓީގައި ޖުމްލަ 14 މީހުން ތިބިކަމަށާއި، އޭގެތެރެއިން 5 މީހަކަށް އައިޖީއެމް ހޮސްޕިޓަލުގައި ފަރުވާދެމުންދާ ކަމަށެވެ.