Ads by Stelco

ޚަބަރު

އޮކްޓޯބަރު މަހުގެ ކުށުގެ ރިކޯޑް ފުލުހުން އާންމުކޮށްފި، ޖުމްލަ 808 މައްސަލަ ހުށައަޅައިފައިވޭ

އޮކްޓޯބަރު މަހުގެ ކުށުގެ ރިކޯޑް ފުލުހުން އާންމުކޮށްފި، ޖުމްލަ 808 މައްސަލަ ހުށައަޅައިފައިވޭ

ދިވެހި ފުލުހުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ނޮވެމްބަރު 2025، 02:49

04 ނޮވެމްބަރު 2025، 02:49

މިދިޔަ އޮކްޓޫބަރުމަހު ފުލުހުންނަށް ޖުމްލަ 808 މައްސަލައެއް ރިޕޯޓްކޮށްފައިވާކަމަށް ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

 މި އަދަދުތަކަށް ބަލާއިރު، ކުރީގެ މަހާ އަޅާބަލާއިރު މައްސަލަތައް ހުށަހެޅި މިންވަރު ވަނީ މަދުވެފައެވެ. އެގޮތުން ސެޕްޓެންބަރުމަހު ފުލުހުންނަށް 1096 މައްސަލަ ހުށަހަޅާފައިވާއިރު، އޮކްޓޫބަރުމަހު ހުށަހެޅިފައިވަނީ 808 މައްސަލައެވެ.

އޮކްޓޫބަރުމަހު ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައީ ވައްކަމުގެ މައްސަލަތަކެވެ. ވައްކަމުގެ 274 މައްސަލަ ރިޕޯޓްކޮށްފައިވާއިރު، ދެވަނައަށް އެންމެ ގިނައީ ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތަކެވެ. ޓްރެފިކް އެކްސިޑެންޓުގެ 209 މައްސަލަ ހުށަހަޅާފައިވެއެވެ. ތިންވަނައަށް އެންމެ ގިނައިން ހުށަހަޅާފައިވަނީ މަސްތުވާތަކެތީގެ މައްސަލައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މަސްތުވާތަކެތީގެ 123 މައްސަލަ އޮކްޓޫބަރުމަހު ވަނީ ހުށަހަޅާފައެވެ.

އެހެނިހެން މުހިންމު ކުށުގެ މައްސަލަތަކަށް ބަލާއިރު، އެއްޗެހި ގެއްލިގެން 72 މައްސަލަ، މުދަލަށް ގެއްލުން ދިނުމުގެ 38 މައްސަލަ، އަނިޔާގެ 33 މައްސަލަ، ޖިންސީ ގޯނާ ކުރުމުގެ 20 މައްސަލަ އަދި ގެވެށި އަނިޔާގެ 15 މައްސަލަ ހުށަހަޅާފައިވެއެވެ. މީގެ އިތުރުން ފޭރުމުގެ 10 މައްސަލަ، ޚިޔާނާތުގެ 7 މައްސަލަ، ފޯޖް ކުރުމުގެ 5 މައްސަލަ އަދި ޗެކް ބައުންސްގެ 2 މައްސަލަ ވެސް މި މުއްދަތުގެ ތެރޭގައި ރިޕޯޓްކޮށްފައިވެއެވެ.

ކުށް މަދުކުރުމަށްޓަކައި، މާލޭ ސަރަހައްދުގެ އިތުރުން އަތޮޅުތަކުގެ ޕޮލިސް ސްޓޭޝަންތަކުން ކައުންސިލްތަކާއި ގުޅިގެން ފުލުހުން ދަނީ ތަފާތު މަސައްކަތްތައް ކުރަމުންނެވެ. ޚާއްސަކޮށް ޓްރެފިކް އެކްސިޑެންޓްތަކުގެ މައްސަލަތައް މަދު ކުރުމަށްޓަކައި، ބާރު ސްޕީޑުގައި ނުދުއްވުމަށާއި، މަގުމަތީގެ ގަވާއިދުތަކަށް އަމަލުކުރުމަށް ފުލުހުން ދަނީ ތަކުރާރުކޮށް އިލްތިމާސް ކުރައްވަމުންނެވެ. މާލޭ ސަރަހައްދުގައި އެކްސިޑެންޓުތައް އިތުރުވަމުންދާތީ، މާލޭ ސަރަޙައްދުގައި ޓްރެފިކް ބެލެހެއްޓުމަށް ޚާއްސަ ސިޔާސަތުތަކެއް ކަނޑައަޅާ ތަންފީޒުކުރަން ވަނީ ފަށާފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން