ދުނިޔެ
ފައިސާ ލޯންޑަރ ކުރުމުގެ ތުހުމަތުގައި އަނިލް އަމްބާނީގެ 351 މިލިއަން ޑޮލަރުގެ މުދާ ހިފަހައްޓައިފި
އަނިލް އަމްބާނީ
އިންޑިއާގެ ފައިސާގެ ކުށްތައް ތަހުގީގުކުރާ އެންފޯސްމަންޓް ޑިރެކްޓަރޭޓް (އީ.ޑީ.) އިން، ރިލަޔަންސް އަނިލް ދީރޫބާއީ އަމްބާނީ ގްރޫޕް (އޭ.ޑީ.އޭ.ޖީ.) ގެ ކުންފުނިތަކުގެ 30.84 ބިލިއަން ރުފިޔާ (350.87 މިލިއަން ޑޮލަރު) ގެ މުދާ ވަގުތީގޮތުން ިފަހައްޓައިފި އެވެ. ސަރުކާރުގެ މަސްދަރަކުން ހޯމަ ދުވަހު ޚަބަރުދިން ގޮތުގައި، މި ފިޔަވަޅު އަޅާފައިވަނީ ޔެސް ބޭންކުން ނަގާފައިވާ ލޯނުތަކާ ގުޅިގެން ފައިސާ ލޯންޑަރ ކުރުމުގެ ތުހުމަތުގައި ކުރިއަށްދާ ތަހުގީގެއްގެ ދަށުންނެވެ.
އީ.ޑީ. އިން މި ފިޔަވަޅު އަޅާފައިވަނީ، 2017 އާއި 2019 އާ ދެމެދު މި ގްރޫޕުން ނަގާފައިވާ 47 ބިލިއަން ރުފިޔާ (568.86 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ ލޯނުތަކާ ގުޅޭގޮތުން ކުރިއަށްދާ ތަހުގީގެއްގެ ތެރެއިންނެވެ. ތަހުގީގު ވެރިން ބުނާ ގޮތުގައި، މި ފައިސާ ވަނީ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައި ކަމަށާއި، އެއިން އެއްވެސް ފައިދާއެއް ލިބިފައެއް ނުވެ އެވެ.
އީ.ޑީ. އިން މި ވަގުތީ ގޮތުން ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި މުމްބާއީ، ދިއްލީ އަދި ޗެންނާއީގައި ހުންނަ މި ގްރޫޕްގެ ރެސިޑެންޝަލް، ކޮމާޝަލް އަދި ގެދޮރާއި މުދާ ހިމެނެ އެވެ. މީގެ ތެރޭގައި އަނިލް އަމްބާނީގެ އާއިލީ ގެ، މުމްބާއީގައި ހުންނަ ގެ، ހިމެނެ އެވެ. މިފަދަ މުދާ ވަގުތީ ގޮތުން ހިފަހައްޓާފައިވާތީ، ތަހުގީގު ނިމެންދެން އެމުދާ ވިއްކުމެއް، ބަދަލުކުރުމެއް ނުވަތަ އެހެންވެސް ގޮތަކަށް މުއާމަލާތެއް ނުކުރެވޭނެ އެވެ. ބިލިއަނަރ މުކޭޝް އަމްބާނީގެ ކޮއްކޮ އަނިލް އަމްބާނީއަށް ނިސްބަތްވާ ރިލަޔަންސް ގްރޫޕުން މިކަމާ ގުޅިގެން ވަގުތުން އެއްވެސް ކޮމެންޓެއް ކޮށްފައެއް ނުވެ އެވެ.
މަސްދަރުތައް ބުނާ ގޮތުގައި، ހިފަހައްޓާފައިވާމި ފައިސާ އަކީ "ރަނގަޅަށް ރާވާފައިވާ" ސްކީމެއްގެ ބައެކެވެ. މި ސްކީމްގެ ދަށުން އާރްއެޗްއެފްއެލް އާއި އާރްސީއެފްއެލް އިން 30 ބިލިއަން ރުފިޔާ (350 މިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ޝެލް ކުންފުނިތައް މެދުވެރިކޮށް ދައުރުކޮށްފައިވެ އެވެ. ތަހުގީގު ވެރިން ޤަބޫލުކުރާ ގޮތުގައި މި ފައިސާ ވަނީ އެ ގްރޫޕާ ގުޅުންހުރި ކުންފުނިތަކާއި އިންވެސްޓްމަންޓް ވެހިކަލްތަކުގެ ނެޓްވޯކެއް މެދުވެރިކޮށް، އެ ފައިސާގެ އަސްލު އޮޅުވާލައި، ބޭނުންކުރި ގޮތް ސިއްރުކޮށްފައިފަ އެވެ.
ރިޕޯޓްތައް ބުނާ ގޮތުގައި، މި ލޯނުތައް ވަނީ މިއުޗުއަލް ފަންޑް އިންވެސްޓްމަންޓްތައް މެދުވެރިކޮށް ރިލަޔަންސް ގްރޫޕާ ގާތް ގުޅުމެއް ހުރި ކުންފުނިތަކަށް ބަދަލުކޮށްފައި ކަމަށާއި، މިކަމަކީ ލޯނު ދިނުމުގެ ގަވާއިދުތަކާ ފުށުއެރި ކަމެކެވެ. އީ.ޑީ. އިން ޝައްކުކުރާ ގޮތުގައި ޔެސް ބޭންކުގެ ބައެއް އޮފިޝަލުންނަށް ލޯނުތައް އަވަހަށް ހުއްދަކޮށް ދޫކުރުމަށްޓަކައި ޤާނޫނާ ޚިލާފަށް ފައިސާ ލިބިފައިވެ އެވެ.
މީގެ އިތުރުން މަސްދަރުތައް ހަވާލާދީ ބުނެފައިވަނީ، މި މައްސަލައިގައި ލޯނު ނެގި ފަރާތްތަކުގެ މާލީ ހާލަތު ދަށްވުމާއި، ލިޔެކިޔުންތައް ނެތުމާއި، އާންމު ފައިސާ ނާޖާއިޒު ގޮތުގައި ބޭނުންކޮށްފައިވާ ކަން ފާހަގަވެފައިވާ ކަމަށެވެ. މީގެ ސަބަބުން މި މުއާމަލާތްތައް ރާވާފައިވަނީ ލޯނު ދައްކަން ނުކުޅެދޭ ހާލަތްތައް ފޮރުވުމަށްޓަކައި ކަމަށާއި، ފައިސާގެ ދައުރު ސަލާމަތްކުރުމަށްޓަކައި ކަމަށް ތުހުމަތުކުރެވެ އެވެ.
"ތަހުގީގުން ވަނީ ލޯނުގެ ފައިސާ ގިނަ ކުންފުނިތަކެއް މެދުވެރިކޮށް ދައުރުކޮށް، އެއްވެސް ވިޔަފާރި މަޤްޞަދެއް ނެތް ކަން ހާމަވެފައި،" މަސްދަރު ބުނެފައިވެ އެވެ. އަދި ރިލަޔަންސް ގްރޫޕާއި ޔެސް ބޭންކާ ގުޅުންހުރި ގިނަ ބަޔަކާ ސުވާލުކޮށްފައިވާ ކަމަށްވެސް އެ މަސްދަރު ބުނެ އެވެ.
އީ.ޑީ. އިން މިހާރު ދަނީ ރިލަޔަންސް ކޮމިއުނިކޭޝަންސް ލިމިޓެޑް (އާރް.ކޮމް) އާއި އެ ކުންފުނީގެ ދަށުން ހިންގާ ކުންފުނިތަކާ ގުޅުންހުރި ގިނަ މުއާމަލާތްތަކެއްވެސް ތަހުގީގުކުރަމުންނެވެ. މި ތަންތަނުން 136 ބިލިއަން ރުފިޔާ (1.55 ބިލިއަން ޑޮލަރު) އަށް ވުރެ ގިނަ ފައިސާ ލޯނު އެވަރގްރީނިންގް އާއި ފަންޑް ރީރޫޓިންގް މެކޭނިޒަމްތައް މެދުވެރިކޮށް ދިމާފަޅުކޮށްފައިވާ ކަމަށް ޝައްކުކުރެވެ އެވެ.
މި ތަހުގީގަކީ އިންޑިއާގެ މާލީ އިދާރާތަކުން ނޮން-ބޭންކިން ފައިނޭންޝަލް ކުންފުނިތަކާއި އަމިއްލަ ލޯނު ދޫކުރާ ފަރާތްތަކާ ގުޅުންހުރި މާލީ ނޭދެވޭ އުސޫލުތަކާ ދެކޮޅަށް ފުޅާ ދާއިރާއެއްގައި ކުރާ މަސައްކަތުގެ ބައެކެވެ. 2020 ވަނަ އަހަރު ފައިސާގެ ދަތިކަމެއްގެ ސަބަބުން ރިޒާވް ބޭންކް އޮފް އިންޑިއާ އިން ސަލާމަތްކުރި ޔެސް ބޭންކަކީ ގިނަ އަދަދެއްގެ ފައިސާ ލޯންޑަރ ކުރުމުގެ މައްސަލަތަކުގެ މައިގަނޑު މަރުކަޒެއްގެ ގޮތުގައި ފާހަގަވެފައިވާ ބޭންކެކެވެ.
އީ.ޑީ. އިން ވަނީ ފައިސާ ލޯންޑަރ ކުރުން ހުއްޓުވުމުގެ ޤާނޫނުގެ ދަށުން ގިނަ މުދާތަކެއް ހިފަހައްޓާފައެވެ. އަދި އޮފިޝަލުން ބުނާ ގޮތުގައި، އޭޖެންސީން ދަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެކައުންޓްތަކަށް ފައިސާ ދަތުރުކޮށްފައިވާ ގޮތް ތަހުގީގުކުރަމުން ކަމަށާއި، އިތުރު މުދާ ހިފެހެއްޓުންވެސް ކުރިއަށްދާނެ ކަމަށެވެ.