ޚަބަރު
ފަސޭހައިން ބެލޭނެ ގޮތަށް ދިރާސީ ކަލަންޑަރު ޑިޖިޓަލައިޒްކޮށްފި
އެޑިއުކޭޝަން މިނިސްޓްރީގެ ވެބްސައިޓް
ދިވެހިރާއްޖޭގެ ތައުލީމީ ދާއިރާއަށް މުހިންމު ބަދަލުތަކެއް އައިސް، ދިރާސީ ކަލަންޑަރު މިހާރު ވަނީ ޑިޖިޓަލައިޒްކޮށް، އެޑިޔުކޭޝަން މިނިސްޓްރީގެ ވެބްސައިޓުން ފަސޭހައިން ބަލައިލެވޭ ގޮތަށް އާންމުކޮށްފި އެވެ. މީގެ އިތުރުން، ބެލެނިވެރިންގެ އެދުމުގެ މަތިން އަންނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ޖެނުއަރީ މަހު ފެށޭ ގޮތަށް ކަލަންޑަރަށް ބަދަލު ގެނެސްފި އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން މިދިޔަ އަހަރު ރާއްޖޭގެ ހުރިހާ ސްކޫލެއްގެ މައުލޫމާތު ހިމަނައިގެން އާ ވެބްސައިޓެއް ތަރައްގީކުރި ނަމަވެސް، އެކަޑަމިކް ކަލަންޑަރު އާންމުކުރަމުން އައީ ޕީޑީއެފް ފޯމެޓުގަ އެވެ. ނަމަވެސް، މިހާރު ގެނެސްފައިވާ ބަދަލާއެކު، ދިރާސީ ކަލަންޑަރު ޝާއިއުކޮށްފައި ވަނީ ސްކޫލް ދުވަސްތަކާއި ބަންދު ދުވަސްތަކާއި އިމްތިހާނު ދުވަސްތަކުގެ އިތުރުން ރަސްމީ ބަންދު ދުވަސްތައް ވެސް ވަކިން، ފަސޭހައިން ބެލޭ ގޮތަށެވެ. އަދި ޓާމްތަކުގެ ދުވަސްތައް ވެސް ވަކިން ފެންނަން ހުންނާނެ އެވެ.
އާންމުކޮށްފައިވާ އަންނަ އަހަރުގެ ދިރާސީ ކަލަންޑަރުގައިވާ ގޮތުން، ކިޔެވުން ފެށޭނީ އަންނަ ޖެނުއަރީ މަހުގެ 27 ވަނަ ދުވަހު އެވެ. ފުރަތަމަ ޓާމުގެ މިޑް ބްރޭކް އޮންނާނީ މެއި މަހުގެ 24 އިން 30 އަށެވެ. އަދި ފުރަތަމަ ޓާމު ނިމި ޗުއްޓީ ލިބޭނީ ޖުލައި 17 އިން އޮގަސްޓް 1 އަށެވެ.
ދެވަނަ ޓާމުގެ ކިޔެވުން ފެށޭނީ އޮގަސްޓް 2 ވަނަ ދުވަހު އެވެ. ދެވަނަ ޓާމުގެ މިޑް ބްރޭކް ލިބޭނީ ސެޕްޓެމްބަރު 13 އިން 19 އަށެވެ. އަދި އަހަރުގެ ބޮޑު ޗުއްޓީ ލިބޭނީ ޑިސެމްބަރު 18 އިން ޖެނުއަރީ 12 އަށެވެ. ކަލަންޑަރުގައި، ސްކޫލުގައި ކިޔަވައިދޭނެ ދުވަސްތަކާއި އެއް ދަންފަޅީގައި ކިޔަވައިދޭނެ ދުވަސްތައް ހުރީ ވަކިކޮށްފަ އެވެ. ކުޑަކުދިންގެ ދުވަހާއި ޓީޗަރުންގެ ދުވަހަކީ އެއް ދަންފަޅީގައި ކިޔަވައިދޭ ދުވަސްތައް ކަމަށް ވެސް ވަނީ ކަނޑައަޅައިފަ އެވެ.
ރާއްޖޭގައި ޒަމާނުއްސުރެ ދިރާސީ އާ އަހަރު ފަށަމުން އައީ ކޮންމެ އަހަރެއްގެ ވެސް ޖެނުއަރީ މަހު އެވެ. ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަމުގައި އައި ހުއްޓުމާއި ޓޫރިޒަމް އިންޑަސްޓްރީގެ ގިނަ ބައެއްގެ އެދުމުގެ މަތިން އޭރުގެ ސަރުކާރުން، ދިރާސީ އަހަރުގެ ފެށުން އޮގަސްޓު މަހަށް ބަދަލުކުރި އެވެ. އެއީ ކިޔެވުން އެއް އަހަރުން، ދޮޅު އަހަރަށް ދެންމުމަށް ފަހު 2021 ވަނަ އަހަރުގަ އެވެ. ނަމަވެސް، މިހާރުގެ ސަރުކާރުން ވަނީ ބެލެނިވެރިންގެ އެދުމުގެ މަތިން ކަލަންޑަރު ބަދަލުކޮށް، އަންނަ އަހަރުން ފެށިގެން ޖެނުއަރީ މަހު ކިޔެވުން ފަށާ ގޮތަށް އަނެއްކާވެސް ބަދަލުކޮށްފަ އެވެ. މި ބަދަލަކީ ތައުލީމީ ދާއިރާގެ ހުރިހާ ފަރާތްތަކަށް ވެސް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ބެލެވެ އެވެ.