ޚަބަރު
ރައީސްގެ އިސްނެންގެވުމުގެ ދަށުން ދިވެހި ޤައުމީ ދިފާޢީ ބާރު ވަރުގަދަކޮށް، ޒަމާނީ އަސްކަރިއްޔާއަކަށް ބަދަލުކުރުމުގެ މަސައްކަތް ފެށިއްޖެ: ދިފާޢީ ވަޒީރު
ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން
ދިވެހި ޤައުމުގެ މިނިވަންކަން ދިފާޢުކުރެވޭ ވަރުގެ އަސްކަރީއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ ދަށުން ފެށިފައިވާ ކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މައުމޫން ވިދާޅުވެއްޖެއެވެ. ވަޒީރު ޣައްސާން މިކަމުގެ ތަފްސީލްތައް ދެއްވާފައިވަނީ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަ ދައްކަވަމުންނެވެ.
މީގެ 37 އަހަރު ކުރިން ދިވެހި ޤައުމުގެ މިނިވަންކަން ނަގާލުމަށް ދެވުނު ޢުދުވާނީ ހަމާލާގެ މައްޗަށް ދިވެހި ސިފައިން ހޯދި ކުރިއެރުން ފާހަކޮށް ބޭއްވި މި ޖަލްސާގައި، ދިފާޢީ ވަޒީރު ޣައްސާން ވަނީ ދުވަހުގެ ހެޔޮއެދުންތައް އަރިސްކުރައްވައި، މިދުވަސް ފާހަގަކުރުމަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އިސްކަން ފާހަގަކޮށް ޝުކުރު އަދާކުރައްވާފައެވެ. ވަޒީރުގެ ވާހަކަފުޅު ފައްޓަވާފައިވަނީ 1988 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 3 ވަނަ ދުވަހު ޝަހީދުވި އަބްޠާލުން ވެވަޑައިގެންނެވި ޤުރުބާނީއާއި ދިވެހިން ދެއްކި ހިއްވަރު ފާހަގަކުރައްވަމުންނެވެ.
ވަޒީރު ޣައްސާން ވިދާޅުވި ގޮތުގައި، މިދިޔަ 15 އަހަރު ދުވަހު ވަޠަނުގެ ދިފާޢަށް ގޮވާލަމުން ދިޔަ ގޮވާލުމަށް އަޅާނުވެލި އޮތުމަށްފަހު، އަދުގެ ރައީސުލްޖުމްހޫރިއްޔާގެ އިސްނެންގެވުމުގެ މަތީން ޤައުމުގެ މިނިވަންކަން ދިފާޢު ކުރެވޭފަދަ އަސްކަރިއްޔާއަކަށް ދިވެހި އަސްކަރިއްޔާ ހެދުމުގެ މަސައްކަތް މިހާރު ފެށިފައިވާކަމަށެވެ.
ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތާއި އިސްތިޤުލާލުގެ ހިމާޔަތުގައި ފަލަ ރަތްރޮނގެއް ދަންމަވާ ވަށާޖެހޭ ދުރުވިސްނޭ އަސްކަރީ ސިޔާސަތެއްގެ ދަށުން ރާއްވަވާ އެފަލަ ރަތްރޮނގު ހިމާޔަތް ކުރެވޭފަދަ ޒަމާނީ އަސްކަރިއްޔާއަކަށް އަޅުގަނޑުމެންގެ ދިފާޢީ ބާރު، ބަދަލު ކުރައްވަން ފައްޓަވާ ރެއާއި ދުވާލު އެމަސައްކަތުގައި ޝާމިލްވެ ހޯއްދަވާ ގިނަގުނަ ކާމިޔާބީތަކަށް ރައީސުލްޖުމްހޫރިއްޔާއަށް މަރުޙަބާއާއި ޝުކުރު ދަންނަވަން،
ދިފާޢީ ވަޒީރު ޣައްސާން
މިވޭތުވެ ދިޔަ ދެއަހަރެއްހާ ދުވަހު ދިވެހި އަސްކަރީއްޔާއިން ގިނަ ލަނޑުދަނޑިތަކެއް ހާސިލްކޮށްފައިވާކަމަށް ވެސް ވަޒީރު ޣައްސާން ފާހަގަކުރެއްވިއެވެ. ޚާއްޞަކޮށް، މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުން ފެށިގެން މިއަހަރުގެ ނަޞްރުގެ ދުވަހާއި ހަމައަށް ހާސިލްކުރެވިފައިވާ ކާމިޔާބީތަކަށް އަލިއަޅުވާލެއްވިއެވެ. މިދިޔަ އަހަރުގެ ނަޞްރުގެ ދުވަހުގެ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ އިޢުލާންކުރެއްވި "ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމު" ފަށައި، މިއަހަރުގެ ޖަލްސާގައި އެޕްރޮގްރާމުގެ ދަރިވަރުން ބައިވެރިވަމުންދާކަން ވަޒީރު ވަނީ ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެމްއެންޑީއެފް މެރީންކޯގެ ޤާބިލީއްޔަތުކަން އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިއުލާންކުރެއްވި މަސައްކަތަކާއި، ކޯސްޓް ގާޑުގެ ޤާބިލިއްޔަތުކަން ދެގުނަ ކުރެއްވުމަށް ރައީސް އިއުލާންކުރެއްވި މަސައްކަތްތައްވެސް ކާމިޔާބުވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ޝަހީދުވި އަބްޠާލުންގެ ހަނދާން ނައްތާނުލާ ޤައުމަށް ކުޅަދާނަވީ މިންވަރަކުން، ޝަހީދުންގެ އަޢިލާތަކަށް އިނާޔަތް ދިނުމުގެ މަސައްކަތް މިހާރު ފެށިފައިވާކަން ވެސް ވަޒީރު ވަނީ ފާހަގަކުރެއްވިއެވެ. ޤައުމަށް ވަފާތެރި ޖީލެއް ބިނާކުރުމުގެ މަޤްޞަދުގައި ފައްޓަވާފައިވާ ވަޠަނީ ޚިދުމަތުގެ ޕްރޮގްރާމުގެ ބައިވެރިންނަށް، ޝަހީދުވި އަބްޠާލުންގެ ޚިދުމަތާއި މެދު ވިސްނަވައި މިއަދު އެބައިވެރިން ހަވާލުވި ޒިންމާގެ ބޮޑުކަން ދެނެގަތުމަށް ދިފާއީ ވަޒީރު ވަނީ އިލްތިމާސްކުރައްވާފައެވެ.
ތިޔަ ހަވާލުވަނީ ކޮންޒިންމާއަކާއިކަން އަބްޠާލުންގެ ކުރައްވާފައިވާ ޚިދުމަތުގެ އަލީގައި ވިސްނަވަން ފައްޓަވަން އެންމެ މުނާސަބު އެއް ދުވަސް. ﷲ އިރާދަ ކުރެއްވިއްޔާ ތިކުދިންވާނީ ތިކުދިންގެ ދަރީންގެ ދަރީންނަށް ޤައުމު މިނިވަންކަމާއި އެކު ވާސިލްކޮށްދެވޭނެ ޖީލަކަށް،
ދިފާޢީ ވަޒީރު ޣައްސާން
ވަޒީރުގެ ވާހަކަފުޅު ނިންމަވާލެއްވީ، މިއަހަރު ނަޞްރުގެ ދުވަސް ފާހަގަކުރަމުންދާއިރު، ދިވެހި އަސްކަރީއްޔާއިން ހޯދާފައިވާ ކުރިއެރުންތަކާއިމެދު ފަޚުރުވެރިވާންޖެހޭ ކަމަށް ވިދާޅުވަމުންނެވެ. އަދި މިކަންކަން ތަންފީޒުކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުން ގެންދަވާ މަސައްކަތަަށް ޤައުމީ ދިފާޢީ ބާރުގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ.