ޚަބަރު
ވެހިކަލް ތޮއްޖެހުން ހައްލުކުރުމަށް ދަތުރުފަތުރުގެ ޤާނޫނަށް ބޮޑެތި އިސްލާޙުތަކެއް ގެންނަނީ
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާގެ މިނިސްޓަރ މުހައްމަދު އަމީން ފޮޓޯ:މަޖިލިސް
ދަތުރުފަތުރާ މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން، ވެހިކަލް ތޮއްޖެހުމުގެ މައްސަލައަށް ދާއިމީ ޙައްލެއް ހޯދުމަށް ދަތުރުފަތުރާ ބެހޭ ޤާނޫނަށް މުހިންމު އިސްލާޙުތަކެއް ގެނައުމަށް ތައްޔާރުވަމުންދާކަމަށް މަޖިލީހުގައި ވިދާޅުވެއްޖެއެވެ. މި އިސްލާޙުތަކުގެ ތެރޭގައި ވެހިކަލް ލިމިޓް ކުރުމުގެ ބާރު މިނިސްޓްރީއަށް ބަދަލުކުރުމާއި، މާލެ ސަރަހައްދުގައި ޕާކިންގ ބިލްޑިންގްތައް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ހަވާލުކުރުން ހިމެނެއެވެ.
މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު އަމީން ވިދާޅުވީ، ވެހިކަލްގެ މައްސަލަތަކަށް ޤާނޫނީ ހައްލެއް ގެނައުމަށް އެޓަރނީ ޖެނެރަލް (އޭޖީ) އާ އެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. ޚާއްސަކޮށް، މާލެއަށް ވެހިކަލް ތޮއްޖެހޭ މައްސަލަ ހައްލުކުރުމަށް، ވެހިކަލް ލިމިޓްކުރުމުގެ ބާރު ޤާނޫނުގެ ތެރެއިން މިނިސްޓްރީއަށް ނުވަތަ ސަރުކާރަށް ލިބޭނެ ގޮތް ހަމަޖެއްސުމަށް އޭޖީއާއެކު މަސައްކަތް ކުރައްވަމުންދާ ކަމަށެވެ. މިހާރުގެ ޤާނޫނު އޮންނަ ގޮތުން ވެހިކަލް ލިމިޓް ކުރުމުގެ ނުވަތަ އެތަނެއްގައި އެންމެ ގިނައިން ދުއްވޭނެ އުޅަނދުގެ ކެޕޭސިޓީ ކަނޑައެޅުމުގެ ޒިންމާއަކީ ކައުންސިލްތަކުގެ ޒިންމާއެކެވެ. މާލޭ ސިޓީ ކައުންސިލްއާ އެކު މި މަސައްކަތް ކުރިއަށް ގެންދެވުނު ނަމަވެސް އެކަމަށް އަދިވެސް ގޮތެއް ކަނޑައެޅިފައިނުވާތީ، މިނިސްޓްރީއަށް އެ ބާރު ލިބިގަތުމަށް ޤާނޫނީ ބަދަލުތަކެއް ގެނެވޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ކުންފުނިތަކުގެ ދަށުން ސައިކަލު ރެޖިސްޓްރީ ކުރެވޭ އުސޫލަށް ވެސް ބަދަލުތަކެއް ގެނެވޭނެ ކަމަށެވެ. މި އިސްލާޙުތައް ކުރިއަށް އޮތް ދެތިން ހަފްތާގެ ތެރޭގައި އޭޖީއަށް ހުށަހަޅައި، އެއަށްފަހު މަޖިލީހަށް ހުށަހެޅޭނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.
މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން މާލެ ސަރަހައްދުގައި ޕާކިންގ ބިލްޑިންގްތައް އެޅުމުގެ މަސައްކަތް ކުރިއަށް އޮތް މަސް ދުވަހުގެ ތެރޭގައި ކުންފުނިތަކަކާ ހަވާލުކުރާނެ ކަމަށް ވެސް ވަޒީރު އަމީން ވިދާޅުވިއެވެ. މަޖިލީހަށް ވަޒީރު ހާޒިރުކުރެއްވި ދުވަހު، ޕާކިންގ ބިލްޑިންގް އެޅުމުގެ މަސައްކަތް ލަސްވާކަމަށް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަމާ ގުޅިގެން ވަޒީރު ވިދާޅުވީ، ވެހިކަލް އިތުރުވަމުންދާ މައްސަލައަކީ ބޮޑު ހައްލެއް ބޭނުންވާ ކަމެއްކަމަށާއި، އެކަމާ ގުޅިގެން ކުރަންޖެހޭ މަސައްކަތްތައް ސަރުކާރުން ކުރައްވަމުންދާ ކަމަށެވެ.
މާލެއާއި ހުޅުމާލޭގައި ޕާކިންގ ބިލްޑިންގްތައް އެޅުމާ ގުޅޭ މަސައްކަތްތަކެއް ކުރުމަށް އެޗްޑީސީއާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފައިވަނީ 2024 ވަނަ އަހަރުގެ އޮކްޓޯބަރު މަހުއެވެ. މި މަސައްކަތުގެ ދަށުން ހުޅުމާލޭގައި 4000 ޕާކިންގ ސްލޮޓް ހިމެނޭގޮތަށް 15 ޕާކިންގ ޢިމާރާތް އެޅުމަށް ވަނީ ރޭވިފައެވެ. އެ އިމާރާތްތަކުގައި 3920 ކާރު ޕާކިންގ ޖާގަ އާއި 3426 ސައިކަލު ޕާކިންގ ޖާގަ ހިމެނޭނެއެވެ. ޢިމާރާތުގައި ހަދާ ޕާކިންގ ސްލޮޓްތަކުން %90 އަކީ ބީލަމުގައި ވިއްކުމަށް ކަނޑައަޅާ ސްލޮޓްތައް ކަމަށާއި، އަދި %10 ކަނޑައަޅާނީ ވިޒިޓަރ ޕާކިންގ ނުވަތަ ވަކި ވަގުތަކަށް ޕާކުކުރުމަށް ދޫކުރާ އޭރިއާއެއްގެ ގޮތުގައި ކަމަށް އެޗްޑީސީން ވަނީ ހާމަކުރައްވާފައެވެ. ޕާކިންގ ބިލްޑިންގްތައް އެޅުމުގެ މަސައްކަތް ކުންފުނިތަކާ ހަވާލުކުރާނީ "ޑިޒައިން، ބިލްޑް އެންޑް އޮޕަރޭޓް" އުސޫލުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އަމީން ވިދާޅުވީ، ވެހިކަލް މައްސަލައަށް ހައްލެއް ހޯދުމަށް މި ވޭތުވެދިޔަ މުއްދަތުގައިވެސް ގިނަ މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޤާނޫނާ ޚިލާފަށް ވެހިކަލް ރެޖިސްޓްރީ ކުރުމުގެ ޖާގައެއް ނޯންނާނެ ކަމުގެ ޔަގީންކަން ދެއްވިއެވެ. އަދި 2023 ވަނަ އަހަރާ އަޅާ ބަލާއިރު މާލެ ސަރަހައްދަށް ވެހިކަލް ރެޖިސްޓަރކުރި މިންވަރު %74 ކުޑަކުރެވިފައިވާ ކަމަށް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ.