ޚަބަރު
ނަޞްރުގެ ދުވަހުގެ ހަރަކާތްތައް: މާދަމާ ޖުމްހޫރީ މައިދާނުގައި ސިފައިންގެ އަސްކަރީ ހުށަހެޅުމެއް، ތިނަދޫގައި މައުރަޒެއް
2024 ވަނަ އަހަރުގެ ނަޞްރުގެ ދުވަހުގެ ހަރަކާތްތައް ފޮޓޯ: ޕީއެސްއެމް
މިއަހަރުގެ ނަޞްރުގެ ދުވަހާ ގުޅުވައިގެން ޤައުމީ ދިފާޢީ ބާރު، އެމްއެންޑީއެފް އިން ރާވާފައިވާ ޚާއްސަ އަސްކަރީ ހުށަހެޅުންތައް މާދަމާ ހަވީރު ޖުމްހޫރީ މައިދާނުގައި އޮންނާނެއެވެ. މި ހަރަކާތްތަކުގެ މަޤްޞަދަކީ ދިވެހި އަސްކަރިއްޔާގެ ތައްޔާރުވެފައިވާ މިންވަރު ޢާންމުންނަށް ދައްކާލުމެވެ. މީގެ އިތުރުން ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާއާއި، ގދ. ތިނަދޫގައި ޚާއްސަ މައުރަޒެއްވެސް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
ޖުމްހޫރީ މައިދާނުގައި މާދަމާ ހަވީރު 16:15 ގައި ފެށުމަށް ހަމަޖެހިފައިވާ މި ހަރަކާތް ބެލުމަށްޓަކައި ޢާންމުންނަށް 15:30 އިން ފެށިގެން މައިދާން ހުޅުވާލެވޭނެއެވެ. ޤައުމީ ދިފާޢީ ބާރުން ވިދާޅުވީ، މިއަހަރު ހުށަހަޅައިދޭނީ ރާއްޖެއަށް ކުރިމަތިވެދާނެ ނިރުބަވެރި ހަމަލާއެއް ނާކާމިޔާބުކޮށްލުމަށް ދިވެހި އަސްކަރިއްޔާއިން ހިންގާ އޮޕަރޭޝަނެއްގެ ޑެމޮންސްޓްރޭޝަނެއް ކަމަށެވެ. މި ހަރަކާތުގައި ސިފައިންގެ ހުނަރާއި ޤާބިލުކަން ފެންނާނެކަމަށް އެ ބާރުން ވިދާޅުވިއެވެ. މިދިޔަ އަހަރާ ޚިލާފަށް ސިފައިން ބޭނުންކުރާ އުޅަނދާއި ތަފާތު އާލާތްތައް އޮޕަރޭޝަނެއްގައި ބޭނުންކުރެވޭ ގޮތް ރައްޔިތުންނަށް ދައްކާލެވޭނެ ކަމަށްވެސް ޤައުމީ ދިފާޢީ ބާރުން ވަނީ ހާމަކޮށްފައެވެ.
ނަޞްރުގެ ދުވަހާ ގުޅުވައިގެން ޖުމްހޫރީ މައިދާނުގައި އޮންނަ ހަރަކާތުގެ އިތުރުންވެސް ގިނަ ހަރަކާތްތަކެއް ވަނީ ރާވާފައެވެ. އެގޮތުން، ޖަމާޢަތުގައި ސިފައިން ފަތިސް ނަމާދުކުރުމާއި 3 ނޮވެންބަރުގެ ޝަހީދުންގެ ހަނދާނީ ބިނާގައި ދިދަ މައުންޓްކުރުން އޮންނާނެއެވެ. އަދި ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާގައި އެ ދުވަހު ޝަހީދުވި، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިޔާވި ހާދިސާ ދައްކުވައިދޭ މިއުޒިކަލް ޑިސްޕްލޭއެއް ދައްކުވައިދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ދުޝްމަނުންގެ ޙަމަލާތަކާ ގުޅިގެން ސިފައިންގެ ތެރެއިން އެންމެ ފުރަތަމަ ޝަހީދުވި ބޭކަލަކީ ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރެވެ.
މިއަހަރުގެ ނަޞްރުގެ ދުވަހުގެ ރަސްމީ ޖަލްސާ އޮންނާނީ ނަޞްރުގެ ދުވަހު ހެނދުނު 9:00 ޖަހާއިރު ޒުވާނުންގެ މަރުކަޒުގައެވެ. މީގެ އިތުރުން، ޝަހީދު ކޯޕަރަލް ޢަބްދުލް ޒުހައިރު ނިސްބަތްވެވަޑައިގަންނަވާ ގދ. ތިނަދޫ ސިޓީގައި ސިފައިންގެ ޚާއްސަ މައުރަޒެއް މިމަހުގެ 7 އަދި 8 ވަނަ ދުވަހު ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަދި ނޮވެންބަރު މަހުގެ 8 ވަނަ ދުވަހު ތިނަދޫ ސްޓޭޑިއަމްގައި ސިފައިންގެ ހަރަކާތްތަކެއް ދައްކާލުންވެސް އޮންނާނެއެވެ.
ނަޞްރުގެ ދުވަހަކީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު، ބޭރުގެ ނިރުބަވެރި ބަޔަކު ދިވެހި 6 ޚާއިނުންނާ ގުޅިގެން ދިން ޢުދުވާނީ ޙަމަލާއިން ރާއްޖެއަށް ނަޞްރު ލިބުނު ދުވަހެވެ. އެ ޙަމަލާގައި 19 ދިވެއްސަކު ޝަހީދުވިއެވެ.