ޚަބަރު
މާލޭގައި ހުންނަ ފުރުގާން މިސްކިތަށް އަނެއްކާ ވެސް ގެއްލުން ދީފި
ބިއްލޫރިގަނޑު ތަޅާލާފައި--
މާލޭގައި ހުންނަ ފުރުގާން މިސްކިތަށް އަނެއްކާ ވެސް ގެއްލުން ދީފި އެވެ.
މާލޭގެ އަމީނީ މަގުގައި ހުންނަ ފުރުގާން މިސްކިތުގެ ބިއްލޫރިގަނޑު ތަޅާލައި ގެއްލުން ދީފައިވަނީ ރޭގެ ވަގުތެއްގައެވެ. ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، އެ މައްސަލަ ފުލުހުންނަށް ހުށަަހަޅާފައިވަނީ ރޭ ދަންވަރު 2:20 ހާއިރު ކަމަށެވެ. އަދި މިކަމާއި ގުޅިގެން ބަލަންޖެހޭ އެންމެހާ ކަންކަން ބަލާ، މި މައްސަލަ ފުލުހުން ތަހުޤީގު ކުރަމުންދާ ކަމަށްވެސް ފުުލުހުން ވަނީ ވިދާޅުވެފައެވެ.
މި މިސްކިތަށް މީގެކުރިން ވެސް ގެއްލުން ދީފައި ވެއެވެ. އެގޮތުން، މިސްކިތުގެ ފަހަތުގައި ހުރި މުސްހަފްތައް މުޅިތަނަށް އުކާލައި، އިމާމް ހުންނަ ދިމާލުގެ ކަރަންޓް ބޯޑުތަކާއި އެޔަށް ޖަހާފައި ހުރި އެޑަޕްޓަރުތައް ތަޅާ ހިމުންކޮށް، މިސްކިތުގެ ވުޟޫ ކުރާ ބައިގެ ބައެއް އިސްކުރުތައް ބިންދާލައި، މިސްކިތުގެ ބައެއް އެއްޗެހި އެތަނަށް އުކާލާ، ބޮޑެތި ގެއްލުންތަކެއް ދީފައިވާ މައްސަލަ މީގެކުރިން ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
މި މައްސަލަ ފުލުހުން ތަހުޤީގުކުރަމުންދާއިރު، އަދި މިހާތަނަށް އެއްވެސް މީހެއް ހައްޔަރުކޮށްފައެއް ނުވެއެވެ.