ކުޅިވަރު
ބުރު ސްޕޯޓްސްއާ ދެކޮޅަށް ހަނި މޮޅެއް ހޯދުނުއިރު، އެ ޓީމުން ނިއުގެ ގޯލު ފުރަތަމަ ފަހަރަށް ފޫއަޅުވާލައިފި
ނިއު ރޭޑިއަންޓުގެ ކުޅުންތެރިޔާ ބޯޅަ ފޮނުވާލަނީ / ފޮޓޯ: އަދަދު
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބަށް ބުރު ސްޕޯޓްސް ކްލަބް ކައިރިން ހަނި މޮޅެއް ހޯދިއިރު، އެ ޓީމުން ފުރަތަމަ ފަހަރަށް ލީގުގައު ނިއުގެ ގޯލު ފޫއަޅުވާލައިފިއެވެ.
ލީގުގައި މިހާތަނަށް 6 މެޗު ކުޅެފައިވާއިރު، މި މެޗާ ހަމައަށް ނިއުގެ ކޮޅަށް އެއްވެސް ޓީމަކަށް ގޯލެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އަދި އެވަރުގެ ޑިފެންސިވް ރެކޯޑެއް ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނަށް ވެސް ދެމެހެއްޓިފައެއް ނުވެއެވެ. ނަމަވެސް ބުރު ސްޕޯޓްސްއިން މިވަނީ އެކަން ނިމުމަކަށް ގެނަސްފައެވެ.
ގަލޮޅު ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލީޑު ނެގީ ނިއުއިންނެއެވެ. އެ ޓީމުގެ މޫސާ ޔާމިން މި ގޯލު ކާމިޔާބުކުރީ މެޗުގެ 21ވަނަ މިނެޓުގައެވެ.
އެ ގޯލަށް ފަހު ކުޅުން ރަނގަޅުކޮށް، ފުރަތަމަ ހާފުގައި ބުރު ސްޕޯޓްސްއިން ވަނީ މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ 35ވަނަ މިނެޓުގައި މި ގޯލު ކާމިޔާބުކުރީ، ނިއުގެ ގޯލު ބަލަހައްޓަމުން ދިޔަ ޕާކިސްތާންގެ ގޯލްކީޕަރު، ހަނީފް ސާގިބްގެ ބޯމަތިން ފޮނުވާލައިގެން، ޢަލީ އިޝްފާގު ޙަސަން މަޖީދުއެވެ.
ނިއުއިން މެޗުގައި ދެވަނަ ފަހަރަށް ލީޑު ނެގީ 67ވަނަ މިނެޓުގައި، މިހާތަނަށް ލީގުގައި އެންމެ ގިނަ ގޯލު ކާމިޔާބުކޮށްފައިވާ އެ ޓީމުގެ ކެޕްޓަން، ޢަލީ ފާސިރު ދިން ބޯޅައަކުން، ޙަސަން ރާއިފް އަޙުމަދުއެވެ.
މި ނަތީޖާއާއެކު ނިއު އޮތީ ލީގުގެ ތިންވަނައިގައެވެ. އެއީ އޮޑި ސްޕޯޓްސް ކްލަބާ އެއްވަރަށް ޕޮއިންޓު ލިބިފައިވީނަމަވެސް، އެ ޓީމު ގޯލުގެ ތަފާތުން ކުރީގައި އޮތުމުންނެވެ. ލީގުގައި ކުޅުނު 6 މެޗުން މި ދެ ޓީމަށް ވެސް ލިބިފައި ވަނީ 16 ޕޮއިންޓެވެ.
އަދި މި މެޗުން ޕޮއިންޓެއް ނުލިބުމުން ބުރު ސްޕޯޓްސް ވަނީ 5ވަނައަށް ވެއްޓިފައެވެ. އެ ޓީމު ކުރިން އޮތް 4ވަނަ މަޤާމުގައި މިހާރު އޮތީ 6 މެޗުން 9 ޕޮއިންޓު ހޯދާފައިވާ ވިކްޓަރީ ސްޕޯޓްސް ކްލަބެވެ.