ޚަބަރު
ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތް ކުރުމަށް،'ނެޝަނަލް ޓޯޗް ރަން'ގައި އެޗްޑީސީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ބައިވެރިވެއްޖެ
'ނެޝަނަލް ޓޯޗް ރަން ފޮޓޯ: އެޗްޑީސީ
ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލުކުރުން ކޮންޓްރޯލްކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ދުންފަތާ ދެކޮޅަށް ކުރިއަށްގެންދިޔަ 'ނެޝަނަލް ޓޯޗް ރަން'ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވެއްޖެއެވެ.
މިނިސްޓްރީ އޮފް ހެލްތު އަދި، މިނިސްޓްރީ އޮފް ސްޕޯރޓްސް ފިޓްނަސް އެންޑް ރިކްރިއޭޝަން ގުޅިގެން އިއްޔެއާއި މިއަދު މާލޭ އެކުވެނި ޓްރެކްގައި ކުރިއަށްގެންދިޔަ މި ދުވުމަކީ، ދުންފަތުގެ ނުރައްކަލުން ރާއްޖެ ސަލާމަތްކުރުމާއެކު، ދުޅަހެޔޮ އަދި ހަރުދަނާ މުޖުތަމައެއް ބިނާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް ހޭލުންތެރިކުރުމަށް ކުރިއަށްގެންދިޔަ ހަރަކާތެކެވެ.
ޖެނެރޭޝަނަލް ބޭން ގާނޫނަށް އަމަލުކުރަން ފެށުމުގެ ގޮތުން ދުންފަތާ ދެކޮޅަށް، ހުއްޓުމެއްނެތި 24 ގަޑިއިރަށް ކުރިއަށްގެންދިޔަ މި ދުވުމުގައި، އެޗްޑީސީގެ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރާއެކު މުޅި ކުންފުނީގެ 350 އަށްވުރެ ގިނަ މުވައްޒަފުން ވަނީ ބައިވެރިވެފައެވެ.
ދުންފަތުގެ ޖެނެރޭޝަނަލް ބޭން ހިމަނައި، ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ގާނޫނަށް ގެނައި ދެވަނަ އިސްލާހަށް މިއަދުން ފެށިގެން އަމަލުކުރަން ފަށާފައިވާއިރު، ސަރުކާރުން ކުރިއަށްގެންދާ މިފަދަ މުޖްތަމައުއަށް ފައިދާހުރި ކަންކަމުގައި އެޗްޑީސީގެ ޓީމުން އަބަދުވެސް ފުރިހަމަ އެއްބާރުލުން ދެއެވެ. އެޗްޑީސީގެ އަމާޒަކީ، ކުރިއަށްއޮތްތަނުގައިވެސް ސަރުކާރުން ކުރިއަށްގެންދާ މިފަދަ ހަރަކާތްތަކުގައި ބައިވެރިވެ، ދުޅަހެޔޮ ރާއްޖެއެއް ބިނާކުރުމަށް އެހީތެރިވުމެވެ.