ޚަބަރު
އާ މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެ
އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު.
އާ މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމް ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މ. ބޮޑުގެ ހުރި ބިމުގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މަސްކިތާއި ދަޢުވާ ސެންޓަރުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޝަހީމް ވިދާޅުވީ، މި މިސްކިތުގެ މަޝްރޫޢުއަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަރަށް ޚާއްސަ ސަމާލުކަމެއް ދެއްވާ، ވަރަށް ގާތުން ކަންކަން ބެއްލެވި މަޝްރޫޢުއެއް ކަމަށެވެ. ރައީސް މި ރަސްމިއްޔާތުގައި ބައިވެރިވެލެއްވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
މި މިސްކިތް ބިނާކުރެވޭ މި ބިމަކީ ކުރީގައިވެސް ތަޢުލީމީ އެކި ހަރަކާތްތައް ކުރިއަށް ގެންދެވުނު ތަނެއްކަން ފާހަގަކުރައްވައި ޝަހީމް ވިދާޅުވީ، މި މަޝްރޫޢުވެސް ކުރިއަށް ގެންދަނީ އަޅުކަމާއި ތަޢުލީމާއި އިޖުތިމާޢީ އެކި ހަރަކާތްތައްވެސް މި ސެންޓަރުގައި ކުރެވޭ ގޮތަށް ކަމަށެވެ. މި މިސްކިތް ނިމުމާއެކު މިއީ މާލޭގައި ހުރި އެންމެ މިޒަމާނަށް ފެތޭ އެއް ތަނަކުން އެންމެ ގިނަ ވަސީލަތްތައް ބޭނުންކުރެވޭ މިސްކިތަކަށް ވެގެންދާނެއެވެ. މިތަން ވެގެންދާނީ ދަޢުވާ ސެންޓަރަކަށް، އަދި ދީނީ އެކި ހަރަކާތްތަކާއި ޕްރީ ސްކޫލްތަކުގެ ހަރަކާތްތައްވެސް ހިލޭ ކުރިއަށް ގެންދެވޭނެ ސެންޓަރަކަށް ކަމަށް ވަޒީރު ވިދާޅުވިއެވެ.
މާލެ ސިޓީގައި ހުރި ބާ މިސްކިތްތައް އާކުރުމުގެ މަސައްކަތަށް އަލިއަޅުވާލައްވަމުން ޝަހީމް ވިދާޅުވީ، އެންމެ މިސްކިތެއް ފިޔަވައި ބާކީ ހުރިހާ މިސްކިތްތަކެއް ހުރި ބިންތަކުގައި އާ މިސްކިތް އެޅުމަށް މިހާރު ވަނީ ސްޕޮންސަރުން ހަމަޖެހިފައި ކަމަށެވެ. މީގެ ތެރެއިން ބަރުބަރީ މިސްކިތުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، މި އަހަރުގެ ޑިސެމްބަރަށް އިރާދަކުރެއްވިއްޔާ މިސްކިތުގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރައްވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
"މި އާ މިސްކިތްތަކުގެ މަޝްރޫޢުތައް ނިމުމުން މާލެ ސިޓީއަކީ މި ސަރަހައްދުގައިވެސް ހުރި އެންމެ ރީތި މިސްކިތްތައް ހުރި ސިޓީއަށް ވެގެންދާނެ،" ވަޒީރު ޝަހީމް ވިދާޅުވިއެވެ.
މާލެ ސަރަހައްދުގައި ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މި ހުރިހާ މަޝްރޫޢުތަކަށް ސްޕޮންސަރ ހަމަޖެހިފައިވާއިރު، މި ހުރިހާ މަޝްރޫޢުތަކަށް އެކީގައި 200 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރެވިގެންދާނެ ކަމަށް ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.