ދުނިޔެ
ނަތަންޔާހޫ އާ ދެކޮޅަށް ކޮށްފައިވާ ކޮރަޕްޝަންގެ ދައުވާތައް އަލުން ބެލުމުގެ ފުރުސަތު ދޭ ބިލެއް އިސްރާއީލްގެ ކްނެސެޓުން ފާސްކޮށްފި
އިސްރާއީލްގެ ކްނެސެޓު
އިސްރާއީލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ކޮރަޕްޝަންގެ ދައުވާތައް އަލުން ބެލުމުގެ ބާރު ލިބިފައިވާ ޕްރޮސެކިއުޓަރ ޖެނެރަލްއެއް އައްޔަން ކުރެވޭނެ ގޮތަށް ހުށަހަޅާފައިވާ ބިލެއް، އިސްރާއީލްގެ ކްނެސެޓް (ޕާލިމެންޓް) އިން މިއަދު ވަނީ އިބްތިދާއީ ކިޔުމަކުން ފާސްކޮށްފިއެވެ.
މި ބިލަކީ ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދައުވާތައް ބޭރުކޮށްލުމަށް މަގުފަހިކުރުމަށް ހުށަހަޅާފައިވާ ބިލެކެވެ.
އާންމުކޮށް ބޮޑެތި މައްސަލަތަކުގައި ސަރުކާރުގެ ލީގަލް އެޑްވައިޒަރަކީ ޕްރޮސެކިއުޓަރ ޖެނެރަލްގެ މަޤާމު އަދާކުރާ ފަރާތެވެ. ނަމަވެސް، މިހާރުގެ ލީގަލް އެޑްވައިޒަރ ގަލީ ބަހަރަވް-މިޔާރާ ވަނީ ނަތަންޔާހޫގެ ދައުވާތައް ބާތިލު ކުރުމަށް ދެކޮޅު ހައްދަވާފައެވެ.
މި ބިލުގެ މަޤްސަދަކީ ލީގަލް އެޑްވައިޒަރގެ މަޤާމު ދެ ބަޔަށް ބައިކޮށް، މިޔާރާގެ ބާރު ކަނޑުވާލުމެވެ. އިސްރާއީލްގެ ރަސްމީ ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނި ގޮތުގައި، ސަރުކާރުގެ ލީގަލް އެޑްވައިޒަރގެ މަގާމު ބައިކުރުމުގެ ބިލް ކްނެސެޓްގެ 120 މެމްބަރުންގެ ތެރެއިން 61 މެމްބަރުންގެ ތާއީދާއެކު ފާސްވިއިރު، 46 މެމްބަރުން ވަނީ ދެކޮޅު ހަދާފައެވެ. މި ބިލަށް ތާއީދުކޮށްފައިވަނީ ދީނީ ޕާޓީތަކުގެ (ހަރޭދިމް) މެމްބަރުންގެ އެހީގައެވެ.
މި ބިލް ޤާނޫނަކަށް ވުމަށްޓަކައި އިތުރު ތިން ކިޔުމެއްގައި ވޯޓަށް އެރުވުމަށް ބޭނުންވެއެވެ. އަދި މި ބިލް ފާސްވުމުން، ސަރުކާރަށް މިޔާރާއާ ވަކި ޕްރޮސެކިއުޓަރ ޖެނެރަލްއެއް އައްޔަން ކުރެވޭނެއެވެ. މި އާ ޕްރޮސެކިއުޓަރ ޖެނެރަލްއަށް ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދައުވާތައް އަލުން ބެލުމުގެ ބާރު ލިބޭނެ ކަމަށް ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނެއެވެ. ނަމަވެސް، މި ބިލްގައި މި މަގާމަށް މީހަކު އައްޔަން ކުރާނެ ފަރާތެއް އަދި ސާފުކޮށް ބަޔާންކޮށްފައެއް ނުވެއެވެ.
މި ދުވަސްވަރު ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ރިޝްވަތު، މަކަރާއި ހިޔާނާތުގެ ދައުވާތައް ބާތިލުކުރުމަށް އަމާޒުކޮށްގެން ސިޔާސީ އަދި ގާނޫނީ މަސައްކަތްތައް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ.
އިސްރާއީލްގެ އަދުލު އިންސާފުގެ ވަޒީރު ޔާރިވް ލެވިން ވަނީ، ނަތަންޔާހޫގެ ޝަރީއަތް ހުއްޓާލުމަށް ނުވަތަ ފަސްކުރުމަށް މަގުފަހިކުރާނެ ގާނޫނުތަކެއް ހުށަހަޅުއްވާނެ ކަމަށް އިއުލާން ކުރައްވާފައެވެ. މިހާރުގެ ޤާނޫނީ ހާލަތަށް ބަލާއިރު، މަޑުމަޑުން ކުރިއަށްދާ މި ޝަރީއަތް ހުއްޓާލުމުގެ ހަމައެކަނި ގޮތަކީ އިޖުރާއަތްތައް ހުއްޓާލުމެވެ.
ނަމަވެސް މިކަމަށް ސަރުކާރުގެ ލީގަލް އެޑްވައިޒަރގެ ބައިވެރިވުން ބޭނުންވާއިރު، މިޔާރާ ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ. އެހެންކަމުން، ސަރުކާރުން މަސައްކަތް ކުރަމުންދަނީ މިޔާރާއާ ވަކި ޕްރޮސެކިއުޓަރ ޖެނެރަލްއެއް އައްޔަން ކުރުމަށެވެ.
ނަތަންޔާހޫގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ ތެރޭގައި ހިމެނޭ 'ފައިލް 1000' އަކީ، އެކި ދާއިރާތަކުން ވިޔަފާރިވެރިންނަށް ފަސޭހަތައް ހޯދައިދިނުމުގެ ބަދަލުގައި، އޭނާއާއި އާއިލާގެ މެމްބަރުންނަށް އަގުބޮޑު ހަދިޔާތައް ލިބިގަތުމުގެ މައްސަލައެވެ.
'ފައިލް 2000' އަކީ، ޔެޑިއޯތު އަހްރޮނޯތު ނޫހުގެ ޕަބްލިޝަރ އަރްނޯން މޯޒެސްއާ އެކު ނަތަންޔާހޫއަށް ހެޔޮކޮށް މީޑިއާ ކަވަރޭޖް ހޯދުމަށް މަޝްވަރާކުރުމުގެ މައްސަލައެވެ. 'ފައިލް 4000' އަކީ، ވައްލާ ނިއުސް ވެބްސައިޓްގެ ކުރީގެ ވެރިޔާ އަދި ބީޒެކް ކޮމިއުނިކޭޝަންސް ކުންފުނީގެ އޮފިޝަލެއް ކަމަށްވާ ޝައުލް އެލޮވިޗްއަށް ހެޔޮކޮށް މީޑިއާ ކަވަރޭޖް ހޯދުމުގެ ބަދަލުގައި ފަސޭހަތައް ހޯދައިދިނުމުގެ މައްސަލައެވެ.
ނަތަންޔާހޫގެ މައްޗަށް އިސްރާއީލްގައި މި ޝަރީއަތްތައް ކުރިއަށްދާއިރު، އޭނާގެ މައްޗަށް ވަނީ ޣައްޒާގައި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް ހަނގުރާމަ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް ހިންގުމުގެ ދައުވާގައި 2024 ވަނަ އަހަރު އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓުން ހައްޔަރުކުރުމުގެ އަމުރެއް ނެރެފައެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ދެ އަހަރަށްވުރެ ގިނަ ދުވަހު، އިސްރާއީލުން ވަނީ ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާއެއް ހިންގާފައިވާއިރު، މި ޖަރީމާގެ ސަބަބުން 68،643 ފަލަސްތީނުގެ ރައްޔިތުން ޝަހީދުވެ، 170،655 މީހުން ޒަޚަމްވެފައިވެއެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.