Ads by Stelco

ޚަބަރު

ކެންސަރު ބައްޔާ ދެކޮޅަށް ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނަން: މެޑަމް ސާޖިދާ

ކެންސަރު ބައްޔާ ދެކޮޅަށް ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދޭނަން: މެޑަމް ސާޖިދާ

ފަސްޓް ލޭޑީ މެޑަމް ސާޖިދާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 އޮކްޓޯބަރު 2025، 12:01

30 އޮކްޓޯބަރު 2025، 12:01

ކެންސަރު ބައްޔާ ދެކޮޅަށް ސިއްޙީ ދާއިރާއިން ކުރަމުންދާ މަސައްކަތަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.

 ރާއްޖޭގެ ސިއްޙީ ދާއިރާއިން ކެންސަރާ ދެކޮޅަށް ކުރަމުންދާ މަސައްކަތް ފާހަގަކުރައްވާ، އެކަމަނާ ވަނީ ސިއްޙީ އެހީތެރިންނަށް ޝުކުރު އަދާކުރައްވާފައެވެ. މެޑަމް ސާޖިދާ މިހެން ވިދާޅުވީ، "ބްރެސްޓް ކެންސަރ އެވެއަރނެސް" ގެ 6 ވަނަ ސިމްޕޯސިއަމް ފައްޓަވާދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ކެންސަރާއި ގުޅޭގޮތުން އާންމުން ހޭލުންތެރިކުރުވުމަށް ސިއްޙީ ދާއިރާއިން މިވޭތުވެދިޔަ 10 އަހަރުގެ ތެރޭގައި ކުރައްވާފައިވާ މުހިންމު މަސައްކަތް ފާހަގަކުރައްވާފައެވެ. އެކަމަނާ ވިދާޅުވީ، މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން އެތައް ބައެއްގެ ފުރާނަ ސަލާމަތްކުރެވި، ބަލިން އަރައިގަތުމުގެ ފުރުސަތު ލިބިގެން ގޮސްފައިވާކަމަށާއި، އަދި ބަލި ތަޙައްމަލުކުރަމުންދިޔަ އެތައްބައެއްގެ ވޭން ކުޑަ ތަންކޮޅެއްނަމަވެސް ލުއިކޮށްދިނުމުގައި ބާރަކަށް ވެގެންދިޔަކަމަށެވެ. ސިއްޙީ ދާއިރާއިން މިކަމުގައި ކުރައްވަމުންގެންދާ މަސައްކަތުގައި އެކަމަނާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެކަމުގެ ޔަގީންކަންވެސް އެކަމަނާ ވަނީ ދެއްވާފައެވެ.

"މިއަދު ބައްޔާ ދެކޮޅަށް ފަރުވާ ދެމުންދަނީ ހަމައެކަނި ބޭހަކުން ނޫން. ނަފްސާނީގޮތުންވެސް އެހީތެރިކަން ފޯރުކޮށްދޭ. މިއީ ވަރަށް ގިނަ ބައެއްގެ މިންނެތް މަސައްކަތް." މެޑަމް ސާޖިދާ ވިދާޅުވިއެވެ.

އެކަމަނާ އިތުރަށް ވިދާޅުވީ އުރަމަތީގެ ކެންސަރާއި ބެހޭ ތަފާސްހިސާބަކީ، ކޮންމެވެސް އަންހެނަކު އަދި މަޔަކު އުފުލަމުންދާ ނުވަތަ އުފުލާފައިވާ ތަކުލީފާއި އެތައް ވޭނެއްގެ ހަގީގަތްކަމަށެވެ.

ކެންސަރާއި ބެހޭ ގޮތުން ހޭލުންތެރިކުރުވުމުގެ އެންމެ މުހިންމު އެއްބޭނުމަކީ، މިބަލީގައި އެއްވެސް އަންހެނަކީ އެކަނި އުޅެންޖެހޭ މީހެއް ނޫންކަން އަންގައިދިނުންކަމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

 ހަމައެއާއެކު ދުރާލާ ދެނެގަނެވުމުން ކާމިޔާބުކަމާއެކު ބަލިން އަރައިގަތުމުގެ ފުރުސަތު އޮތްކަން ހޭލުންތެރިކުރުވުމުގެ މަސައްކަތުން އާންމުންނަށް އަންގައިދިނުމުގެ މުހިންމުކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

 އަންހެނުންގެ ސިއްޙަތާއި، ހަށިގަނޑާއި މެދު އަންހެނުންނަށް އެނގުން މުހިންމު މަޢުލޫމާތު ހުންނައިރު އެކަންކަމާއި މެދު ހޭލުންތެރިކުރުވުމަކީ، ބަލިން ރައްކާތެރިވުމަށް ކުރުން މުހިންމުކަމެއްކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

އަންހެނުންގެ ދުޅަހެޔޮ ސިއްޙަތަކީ ބުރައެއް ކަމުގައި ދެކުމުގެ ބަދަލުގައި އެއީ ކޮންމެ އަންހެނެއްގެވެސް ހައްގެއްކަމަށް މެޑަމް ސާޖިދާ ވިދާޅުވިއެވެ. އަދި ބަލި ތަޙައްމަލުކުރަމުންދާ މީހުންނަށް، އެކުގައި އުޅޭ ޢާއިލާއާއި ތިމާގެ މީހުންނާއި، އެކުވެރިންގެ ހިތްވަރުގެ ބަސްތަކަކީ، ބުނެދޭން ނޭނގޭހާ މުހިންމު ކަމެއްކަމަށްވެސް އެކަމަނާ ވިދާޅުވިއެވެ. މިކަމުން ދޭހަވަނީ ކެންސަރު ބަލިމަޑުކަމުން އަރައިގަތުމަށް ކުރާ މަސައްކަތުގައި ނަފްސާނީ އެހީތެރިކަމާއި އިޖްތިމާޢީ އެއްބާރުލުން މުހިންމުކަމެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން