ޚަބަރު
އެއަރޕޯޓުގައި ހިންގި ފޭރުމާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށްފި
ފޭރުމުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި މީހުން
މިހިނގާ އޮކްޓޫބަރު މަހުގެ 27 ވަނަ ދުވަހުގެ ފަތިހު ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ސަރަހައްދުގައި ހިންގި ފޭރުމުގެ މައްސަލައާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފިއެވެ.
މިމައްސަލާގައި ހަތަރު މީހަކު ހައްޔަރުކުރުމުގެ އިތުރުން ދިވެހި ފުލުހުންގެ ޚިދުމަތުން ވަނީ ފައިސާތައް ފޭރުމަށްފަހު ފިލަން ބޭނުންކުރި ލޯންޗު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
ފުލުހުން ހާމަކުރެއްވި ގޮތުގައި، މި ފޭރުމަށް ބޭނުންކުރި ލޯންޗު ވަނީ ހޯދައި، ތަޙުޤީޤަށް ބޭނުންވާ މައުލޫމާތު ނެގުމަށްޓަކައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވެއެވެ.
މި މައްސަލައިގެ ތުހުމަތުގައި ހައްޔަރުކުރި ހަތަރު މީހުންނަކީ ލ.މާވަށް، ރޭޝަމް، މާޒިން މޫސާ (25އ)، މާލެ، މ. ކޯރަސް، އަޙްމަދު ރައިހާން ނަޢީމް (20އ)، ކ.ގުރައިދޫ، އަޅިވިލާގެ، އިބްރާހީމް އަނޫފް (24އ) އަދި ކ.ގުރައިދޫ، އަޅިވިލާގެ، ޙުސައިން ޝަހުދު (30އ) އެވެ.
ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ކޯޓުން ވަނީ އެމީހުން 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ. މި މުއްދަތުގެ ތެރޭގައި ތަހުގީގަށް ބޭނުންވާ އިތުރު މައުލޫމާތު ހޯދުމުގެ މަސައްކަތް ފުލުހުން ކުރިއަށް ގެންދާނެއެވެ.
ފުލުހުން ވިދާޅުވެފައިވަނީ، މި މައްސަލައިގެ ތަޙުޤީޤު ކުރިއަށްދާ މިންވަރަކުން، މީޑިއާއަށް ހާމަކުރެއްވުން ހުއްދަ މަޢުލޫމާތުތައް ހާމަކުރަމުން ގެންދާނެ ކަމަށެވެ.
މި މައްސަލައަކީ ގިނަ ބަޔެއްގެ ސަމާލުކަން ހުއްޓުނު ބޮޑު މައްސަލައެކެވެ.