ދުނިޔެ
ހައްޔަރުކުރި އިސްރާއިލް ސިފައިންގެ ތެރެއިން މަރުވި މީހުންގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރާ ސަރަޙައްދަށް ޑްރޯން ހަމަލާތަކެއް
ޣައްޒާގައި ހަށިތައް ހޯދުމުގެ މަސައްކަތް ކުރިއަށްދަނީ
ޙަމާސްއިން ހައްޔަރުކުރި އިސްރާއިލް ސިފައިންގެ ތެރެއިން މަރުވި ބައެއްގެ ހަށިތައް ހޯދުމުގެ މަސައްކަތް ކުރަމުންދިޔަ ސަރަޙައްދަކަށް އިސްރާއިލް ސިފައިންގެ ޑްރޯން ހަމަލާތަކެއް ދީފިއެވެ.
މި ހަމަލާ ދީފައިވަނީ ހަށިތައް ހޯދުމުގެ މަސައްކަތް ނިމުނުތާ މާގިނައިރުތަކެއް ނުވެ ކަމަށްވާއިރު، މިއީ ހަށިތައް ހޯދުމުގެ މަސައްކަތަށް ހުރަސްއެޅުމަށް އިސްރާއިލުން ދިން ހަމަލާއެއް ކަމަށް ބެލެވޭތީ ބިރުވެރިކަން ވަނީ އިތުރުވެފައެވެ.
މި ހާދިސާ ހިނގުމުގެ ކުރިން، އިސްރާއިލްގެ ސިފައިން ވަނީ ޣައްޒާގައި ތިބި އެމީހުންގެ ސިފައިންގެ ގައިދީއެއްގެ ހަށިގަނޑު ރެޑް ކްރޮސް މެދުވެރިކޮށް ލިބިފައިވާ ކަމަށް އިއުލާނުކޮށްފައެވެ. މި ހަށިގަނޑު ހަވާލުކޮށްފައިވަނީ، ޙަމާސްގެ މުޖާހިދުންގެ ފިޔަ ކަމަށްވާ އަލް-ޤައްސާމް ބްރިގޭޑްސް އިން އަލް-ތުއްފާހް ސަރަހައްދުން ހޯދުމުގެ އޮޕަރޭޝަންތަކުގެ ތެރެއިން މި ހަށިގަނޑު ފެނިފައިވާ ކަމަށް ބުނެ ނެރުނު ބަޔާނަކާ ގުޅިގެންނެވެ.
އަލް-ޤައްސާމް އިން ނެރުނު ކުރު މެސެޖެއްގައި ބުނެފައިވަނީ މި ހަށިގަނޑު ހޯދާފައިވަނީ ހޯމަ ދުވަހު ކަމަށާއި، ޣައްޒާ ގަޑިން ރޭގަނޑު 9 ޖަހާއިރު ހަށިގަނޑު ހަވާލުކުރާނެ ކަމަށެވެ. ރިޕޯޓުތައް ބުނާ ގޮތުން، ރެޑް ކްރޮސްގެ މުވައްޒަފުންނާއި އަލް-ޤައްސާމްގެ މެމްބަރުން ވަނީ އިންޖިނިއަރިން ވެހިކަލްތަކާއި ހަށިތައް ނެގުމަށް ބޭނުންވާ ސާމާނު ހިފައިގެން އެ ސަރަހައްދަށް ގޮސްފައެވެ.
އިސްރާއިލްގެ މީޑިއާ އައުޓްލެޓްތައް ކަމަށްވާ ޗެނަލް 13 އާއި ކާން އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ރެޑް ކްރޮސް އިން ވަނީ ހަށިގަނޑު ހަވާލުކުރާނެ ކަމުގެ މެސެޖު އިސްރާއިލްގެ ސިފައިންނަށް ކުރިން ދީފައެވެ. ޔައްފާ (ތެލް އަވީވް)ގެ އޮފިޝަލުން ވެސް ވަނީ ހަށިގަނޑު ބަލައިގަތުމަށް ތައްޔާރުވަމުންދާކަން ކަށަވަރުކޮށްދީފައެވެ.
ފަލަސްތީނުގެ އިސްކޮށް ހަރަކާތްތެރިވާ ޖަމާއަތެއްގެ އިސް މީހަކު އަލް ޖަޒީރާއަށް ވިދާޅުވީ، އިސްރާއިލްގެ ސިފައިންގެ ގައިދީންގެ ބާކީ ހުރި ހަށިތައް ހޯދުމަށް ޙަމާސް އާއި އެހެނިހެން ޖަމާއަތްތަކުން މަސައްކަތް ކުރަމުންދަނީ ވަރަށް ދަތި ޙާލަތްތަކެއްގެ ތެރޭގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ، މި މަސައްކަތް ލަސްވަމުންދާ ހަމައެކަނި ސަބަބަކީ ބޭނުންވާ ސާމާނާއި މެޝިނަރީ ނެތުން ކަމަށެވެ. އަދި އެކަށީގެންވާ ގޮނޑުކޮނުމުގެ ވަސީލަތްތައް ލިބިއްޖެނަމަ، އިދިކޮޅު ޓީމުތަކަށް ވަރަށް އަވަހަށް ގިނަ ޢަދަދެއްގެ ހަށިތައް ހޯދިދާނެ ކަމަށް ވެސް އޭނާ އިތުރަށް ވިދާޅުވިއެވެ.
އެމެރިކާގެ ޚާރިޖީ ވަޒީރު މާކޯ ރޫބިއޯ ވަނީ ހަށިތައް ހޯދައި ހަވާލުކުރުމުގެ މަސައްކަތް އަވަސްކުރުމަށް ޙަމާސްއަށް ގޮވާލައްވާފައެވެ. ރައީސް ޑޮނަލްޑް ޓްރަމްޕާއެކު ރިޔާސީ ފްލައިޓްގައި ވާހަކަ ދައްކަވަމުން ރޫބިއޯ ވަނީ އިސްރާއިލުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފުވެފައި ނުވާ ކަމަށް ދަޢުވާކުރައްވާފައެވެ.
ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ފުރަތަމަ މަރުޙަލާ ފެށިފައިވަނީ އޮކްޓޯބަރު 10 ގައެވެ. އެއަށްފަހު، ޙަމާސްއިން ވަނީ އިސްރާއިލްގެ 20 ސިފައިންގެ ގައިދީން ދިރިތިއްބާ ދޫކޮށްލާފައެވެ. އަދި16 މީހުންގެ ހަށިގަނޑު ހަވާލުކޮށްފައެވެ. މި ޖަމާއަތުން ބުނާ ގޮތުގައި އިތުރު 12 މީހުންގެ ހަށިގަނޑު އަދިވެސް ހޯދަން އެބައޮތެވެ.
އޮކްޓޯބަރު 7، 2023 އިން ފެށިގެން އިސްރާއިލުން ދެމުންދާ ހަމަލާތަކުގައި 68,527 ފަލަސްތީނުގެ ރައްޔިތުން ވަނީ ޝަހީދުވެފައެެވެ. އަދި 170,395 މީހުންނަށް ވަނީ އަނިޔާވެފައެވެ. މީގެ ތެރެއިން ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ. މި ނަސްލު ނައްތާލުމުގެ ޢަމަލުގެ ސަބަބުން ޣައްޒާގެ 90% ޢިމާރާތްތައްވަނީ ހަލާކުވެފައެވެ. މީގެ ތެރޭގައި ގެތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތައް ހިމެނެއެވެ. އދ އިން އަންދާޒާކުރާ ގޮތުގައި މި ސަރަހައްދު އަލުން ބިނާކުރުމަށް 70 ބިލިއަން ޑޮލަރު ޚަރަދުވާނެއެވެ.