ޚަބަރު
އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ މީދޫ ލިންކް ބްރިޖުގެ ޑީޓެއިލް ޑިޒައިން ހެދުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކޮށްފި
އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ މީދޫ ލިންކް ބްރިޖުގެ ޑީޓެއިލް ޑިޒައިން ހެދުމަށް ޗައިނާ ކުންފުންޏަކާ ހަވާލުކުރުން---
ފަރުދުން
26 އޮކްޓޯބަރު 2025، 09:56
26 އޮކްޓޯބަރު 2025، 09:56
އައްޑޫ ސިޓީގެ ހިތަދޫ އާއި ހުޅުދޫ މީދޫ ލިންކް ބްރިޖުގެ ޑީޓެއިލް ޑިޒައިން ހެދުމަށް ޗައިނާ ކުންފުންޏަކާ މިއަދު ހަވާލުކޮށްފިއެވެ.
މި މަޝްރޫޢުގެ ޑީޓެއިލް ޑިޒައިން ހެދުމަށް ހަވާލުކޮށްފައި ވަނީ ޓީވައިލިން އިންޓަރނޭޝަނަލް އިންޖިނިއަރިންގ ކޮންސަލްޓިންގ (ޗައިނާ) ކޮމްޕެނީ ލިމިޓެޑް (ޓީވައިލިން)އާއެވެ.
މި ކޮންސަލްޓެންސީ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ޑރ. ޢަބްދުﷲ މުއްޠަލިބްއެވެ. އަދި ޓީވައިލިންގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޗައިނާ ބްރާންޗްގެ ޕްރެސިޑެންޓް ޗެން ޝީއޯހޫއެވެ.
ކޮންސަލްޓެންސީ މަސައްކަތުގެ ސްކޯޕްގެ ތެރޭގައި ހިމެނެނީ ސަރވޭތައް ހެދުމާއި، ޑިޒައިން ތައްޔާރުކުރުމާއި، ޓެކްނިކަލް ސްޕެސިފިކޭޝަން އަދި ޢަމަލީ މަސައްކަތް ޓެންޑަރ ކުރުމަށް ބޭނުންވާ ލިޔެކިޔުންތައް ތައްޔާރުކުރުމެވެ.
ޓީވައިލިން އާއި މި މަސައްކަތް ހަވާލުކޮށްފައި ވަނީ 1,025,000 (އެއް މިލިއަން ފަންސަވީސް ހާސް) އެމެރިކާ ޑޮލަރަށެވެ. އަދި އެ ކުންފުނިން މި މަސައްކަތް 6 މަސް ދުވަހުގެ ތެރޭގައި ނިންމަން ވަނީ އެއްބަސްވެފައެވެ.
މި އެއްބަސްވުމުގައި ސޮއިކުރުމަށްފަހު ވާހަކަފުޅުދައްކަވަމުން ވަޒީރު ވިދާޅުވީ، މި ކޮންސަލްޓެންސީ މަސައްކަތަކީ އައްޑޫ ސިޓީއަށް އެންމެ އެކަށޭނަ މަސައްކަތެއްތޯ ބެލުމަށް ސާވޭ ކުރުމާއި އަދި އެންމެ އެކަށީގެންވާ ދަތުރުފަތުރުގެ ކޮންސެޕްޓަކީ ކޯބައިތޯ ބެލުމަށް ކުރާ މަސައްކަތެއް ކަމަށެވެ. އެގޮތުން ވަޒީރު ވިދާޅުވީ، މި މަސައްކަތުގެ ތެރެއިން ދަތުރުފަތުރުގެ ތަފާތު ނިޒާމުތަކަކަށް ސަރވޭ ކުރާނެކަމަށެވެ.
ވަޒީރު ވިދާޅުވީ މިގޮތަށް ދިރާސާތައް ހެދި، ޑިޓެއިލް ކުރެހުންތައް ތައްޔާރުކުރެވުމާއެކު ފައިނޭންސް އަދި ކޮންޓްރެކްޓް ކުރާނެ ފަރާތެއް ހަމަޖެއްސުމަށް ބޮޑު ފަސޭހައަކަށްވާނެކަމަށެވެ. އަދި އެ މަސައްކަތްތަކަށް ކުންފުންޏެއް ހަމަޖެހޭހާ އަވަހަށް ޢަމަލީ މަސައްކަތް ފަށައިގަންނަން ފަސޭހަވާނެކަމަށެވެ.
މި މަސައްކަތް މިދިޔަ އަހަރު މިސްރުގެ ކުންފުންޏަކާވެސް ހަވާލުކުރިއެވެ. މިކަމާ ގުޅޭގޮތުން ވަޒީރު ވިދާޅުވީ އޭރު މަސައްކަތް ހަވާލުކުރީ ފައިނޭންސް އަދި ކޮންސްޓްރަކްޝަންވެސް ހިމެނޭގޮތަށްކަމަށެވެ. ނަމަވެސް ސަވޭ ނިންމާ، އެ ކުންފުންޏަށް ޕްރޮޕޯސަލަކާހަމައަށް އައިސް މަސައްކަތް ފެށޭވަރަށް މާލީ ކަންކަން ހަމަޖައްސާ މަސައްކަތް ކުރިއަށްގެންދެވިފައި ނުވާކަމަށެވެ.