ދުނިޔެ / ޚަބަރު
ސަޢޫދީ ޢަރަބިއްޔާގެ އައު އެންމެއިސް މުފްތީއަކަށް ޝައިޚް ޞާލިޙް އަލް-ފަވްޒާން ހަމަޖައްސަވައިފި
ޝައިޚް ޞާލިޙް ބިން ފައުޒާން ބިން ޢަބްދުﷲ އަލް-ފަވްޒާން
ސަޢޫދީ ޢަރަބިއްޔާގެ އާ ގްރޭންޑް މުފްތީއަކަށް، އެ ޤައުމުގެ އެންމެ އިއްޒަތްތެރި ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ޝައިޚް ޞާލިޙް ބިން ފައުޒާން ބިން ޢަބްދުﷲ އަލް-ފަވްޒާން ހަމަޖައްސަވައިފިއެވެ. މިކަން ހާމަކުރެއްވީ ސަޢުދީއަރަބިއްޔާއިން ނެރުނު ރޯޔަލް ޑިކްރީއެއްގައެވެ. މީގެކުރިން މި މަޤާމު ފުރުއްވަމުން ގެންދެވި ޝައިޚް ޢަބްދުލްޢަޒީޒް އަލް-ޝައިޚް، ސެޕްޓެންބަރު 23 ގައި އަވަހާރަވުމާ ގުޅިގެންނެވެ.
ސަރުކާރުގެ މީޑިއާއިން ބުނި ގޮތުގައި، މި ނިންމެވުން ނިންމާފައިވަނީ ކްރައުން ޕްރިންސް މުޙައްމަދު ބިން ސަލްމާންގެ އިރުޝާދުފުޅުގެ މަތިންނެވެ. މި ބަދަލާއެކު ސަޢޫދީ ޢަރަބިއްޔާއިން ދަނީ އިސްލާމީ ވަންތަކަން ދެމެހެއްޓުމާއެކު ޤައުމު އިތުރަށް ތަރައްޤީކޮށް ބައްޓަންކުރަމުންނެވެ.
ޝައިޚް އަލް-ފަވްޒާނަކީ ސަޢޫދީ ޢަރަބިއްޔާގެ އިޙްތިރާމް ލިބިވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޭފުޅެކެވެ. އެމަނިކްފާން ވަނީ 1992 ވަނަ އަހަރުން ފެށިގެން ކައުންސިލް އޮފް ސީނިއަރ ސްކޮލަރސް އާއި ޕާމަނަންޓް ކޮމިޓީ ފޯ ސްކޮލަރލީ ރިސާޗް އެންޑް އިފްތާގެ މެންބަރެއްގެ ގޮތުގައި ޚިދުމަތް ކުރައްވާފައެވެ. ޤައުމުގެ ދީނީ ފިކުރުތަކާއި އިރުޝާދުތައް ބައްޓަންކުރުމުގެ މަސައްކަތްޕުޅުގައި ވަރަށް މުހިންމު ދައުރެއް އަދާކުރައްވާފައިވެއެވެ.
ޝައިޚް އަލް-ފަވްޒާން ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ 1935 ވަނަ އަހަރު އަލް-ޤައްސިމްގައެވެ. ތަޢުލީމު ޙާޞިލްކުރެއްވީ ބުރައިދާ އިންނެވެ. އަދި ފަހުން ރިޔާޟްގައި ހުންނަ ކޮލެޖް އޮފް ޝަރީޢާ އިން އިސްލާމީ ފިޤުހުގެ ދާއިރާއިން މަތީ ތަޢުލީމު ޙާޞިލްކުރެއްވިއެވެ. މީގެ އިތުރުން ހަޔަރ އިންސްޓިޓިއުޓް އޮފް ޖުޑީޝަރީގެ ޑިރެކްޓަރެއްގެ މަޤާމު ފުރުއްވައި، ކުރިމަގުގެ ޤާޟީންނާއި ޢިލްމުވެރިން ތަމްރީނު ކުރުމުގައިވެސް ވަނީ މުހިންމު ޚިދުމަތްތަކެއް ކުރައްވާފައެވެ.
މުޅި ޙަޔާތްޕުޅުގައިވެސް، ޝައިޚް އަލް-ފަވްޒާނަކީ އިސްލާމީ ޝަރީޢަތާ ބެހޭ ފުން ޢިލްމުވެރިކަމަށް މަޝްހޫރު ބޭފުޅެކެވެ. އެމަނިކްފާން ވަނީ ގިނަ ޢަދަދެއްގެ ފޮތްތައް ލިޔުއްވާފައި އަދި "ނޫރު ޢަލާ އަލް-ދަރުބް" ފަދަ މަޝްހޫރު ދީނީ ޕްރޮގްރާމްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. އެމަނިކްފާންގެ ދަރުސްތަކާއި ލިޔުއްވުންތައް މުސްލިމް ދުނިޔޭގައި ބޮޑު މަޤުބޫލުކަމެއް ލިބިފައިވެއެވެ.
އެމަނިކްފާން ވަނީ ހައްޖުގެ މޫސުމުގައި ދަރުސްދެއްވާ ބޭފުޅުން ބެލެހެއްޓުމާބެހޭ ކޮމިޓީ، އިސްލާމިކް ފިޤުހު ކައުންސިލް އަދި މުސްލިމް ވޯލްޑް ލީގު ފަދަ އެތައް އިސްލާމީ ކައުންސިލްތަކެއްގައިވެސް ޚިދުމަތް ކުރައްވާފައެވެ.