ޚަބަރު
ހައްޖުވެރިންގެ ސިއްޙީ ޝަރުޠުތަކާ ގުޅޭ ސައުދީގެ ސާކިއުލާ އަކީ އައު އެއްޗެއް ނޫން ކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކޮށްފި
މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް ފޮޓޯ: ޕީއެސްއެމް
ހައްޖުވެރިންގެ ކިބައިގައި ފުރިހަމަވާންޖެހޭ ސިއްޙީ ޝަރުތުތަކާބެހޭ ގޮތުން ސައުދީ އަރަބިއްޔާގެ ސަރުކާރުން ނެރެފައިވަނީ އައު ސާކިއުލާއެއް ނޫން ކަމަށް، އިސްލާމިކް މިނިސްޓްރީން މިއަދު ބުނެފިއެވެ. މި ބަޔާން ނެރެފައިވަނީ، ހާއްސަ ފަރުވާ ބޭނުންވާ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދަމުންދާ މީހުންނަށް ހައްޖަށް ނުދެވޭ ގޮތަށް ސައުދީ ސަރުކާރުން އާ ނިންމުމެއް ނިންމާފައިވާ ކަމަށް ބުނެ ދެކެވުނު ވާހަކަތަކާ ގުޅިގެންނެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނުގައިވާ ގޮތުން، ހައްޖު މޫސުމަށް ތައްޔާރުވުމުގެ ގޮތުން ކޮންމެ އަހަރަކު ވެސް ދުނިޔޭގެ އެކި ގައުމުތަކުގެ ކަމާބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ސައުދީ ސަރުކާރުން ފޮނުވާ ސާކިއުލާއެއް މިދިޔަ ހަފުތާގައި ވެސް ފޮނުވާފައިވަނީއެވެ. އަދި ހައްޖުވެރިންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި އަޅާ ފިޔަވަޅުތަކުގެ ތެރެއިން މިފަދަ ސާކިއުލާތައް ކޮންމެ އަހަރަކު ވެސް ފޮނުވަމުންދާ ކަމަށް އެ މިނިސްޓްރީން ފާހަގަކުރިއެވެ.
ބަޔާނުގައި އިތުރަށް ބަޔާންކޮށްފައިވާ ގޮތުގައި، ހައްޖަށް ދާން ވިސާ ލިބޭނީ އެމީހަކީ ހައްޖަށް ދާން ސިއްހީ ގޮތުން ކުޅަދާނަކަން ލިބިގެންވާ މީހެއްކަން ސަރުކާރުން ރެގިއުލޭޓްކުރާ މަރުކަޒުތަކުން ދޫކޮށްފައިވާ އަސްލާއި ތަތްގަނޑު ޖަހާފައިވާ މެޑިކަލް ސެޓްފިކެޓެއް ހުށަހަޅައިގެންނެވެ. ހައްޖުވެރިޔާ ވާންޖެހޭނީ ސިއްހީ ވަކި ހާލަތްތަކެއް ކުރިމަތިވެފައިނުވާ މީހަކަށެވެ.
އެގޮތުން، ހައްޖަށް ދިއުމަށް ހުރަސްއަޅާ ސިއްޙީ ބައެއް ޝަރުތުތަކުގެ ތެރޭގައި ތިރީގައިވާ ކަންކަން ހިމެނެއެވެ.
- އަސާސީ ގުނަވަނެއް ފެއިލްވެފައިވާ މީހަކަށް ނުވުން.
- އޮކްސިޖަން ގުޅައިގެން އުޅެން ޖެހޭ މީހަކަށް ނުވުން.
- ފުރަމޭގެ ސިރޯސިސް ހުރި މީހަކަށް ނުވުން.
- ޑަޔަލިސިސް ހަދާފައިވާ މީހަކަށް ނުވުން.
- ނާރުގެ ނުވަތަ ނަފުސާނީ ބަލި ތަހައްމަލުކުރާ މީހަކަށް ނުވުން.
- ބުއްދިއަށް އަސަރުކޮށްފައިނުވާ މީހަކަށްވުން.
- ޑިމެންޝިއާ (ހަނދާންނެތޭ ބަލި) ޖެހިފައިވާ މުސްކުޅި އުމުރުގެ މީހަކަށް ނުވުން.
- ވިހަން ކައިރިވެފައިވާ މީހަކަށް ނުވުން.
- ކީމޯ ތެރަޕީ ނުވަތަ ބައިލޮޖިކަލް ތެރަޕީ ނަގަމުންދާ ކެންސަރުގެ ބަލިމީހަކަށް ނުވުން.
- ޓީބީ އާއި ހެމަރޫޖް ހުންނަ ފަދަ ބައްޔެއް ނެތުން
އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައިވާ ގޮތުން، ހައްޖަކީ އެތައް މިލިއަން މީހުން އެއްވެގެން ކުރާ އަޅުކަމަކަށް ވާތީ، ސިއްހީ ގޮތުން ކުރިމަތިވެދާނެ މައްސަލަތަކަށް ރިއާޔަތްކޮށް، ސައުދީ ސަރުކާރުން އަޅާ ފިޔަވަޅުތައް ދިވެހި ސަރުކާރުން ބަލައިގަންނަ ކަމަށް ވެސް ވަނީ ފާޅުކޮށްފައެވެ. މިކަމުގެ މަޤްސަދަކީ ހައްޖަށްދާ އެންމެހާ މުސްލިމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން ކަމަށްވެސް އެ މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.