ޚަބަރު
އިންވެސްޓަރުން ޝައުޤުވެރިކުރުވަން އެސްއީޒެޑް ބިލަށް ބޮޑެތި ލުއިތަކާއެކު އިސްލާހު ހުށަހަޅައިފި
އިހަވަންދިއްޕޮޅު ފޮޓޯ:ވުޒާރާ
ބޮޑެތި އިންވެސްޓަރުން ރާއްޖެއަށް ޝައުޤުވެރިކުރުވައި، އިޤުތިޞާދީ މަސައްކަތްތައް ފުޅާކުރުމަށް ބޭނުންވާ ބޮޑެތި ލުއިތަކަކާއެކު، ސްޕެޝަލް އިކޮނޮމިކް ޒޯން (SEZ) ބިލަށް އިސްލާހެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ. ސަރުކާރުގެ ފަރާތުން މި ބިލު ހުށައެޅުއްވީ ބާރަށު ދާއިރާގެ މެންބަރު އިބްރާހިމް ޝުޖާޢުއެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވީ މިމަހުގެ 20 ވަނަ ދުވަހު ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައެވެ.
މިއީ ސްޕެޝަލް އިކޮނޮމިކް ޒޯނުގެ ޤާނޫނު 2014 ވަނަ އަހަރު އުފެދުނު ފަހުން، މި ޤާނޫނަށް ހުށައަޅާފައިވާ ފުރަތަމަ އިސްލާހެވެ. މި ބިލުގެ މައިގަނޑު ބޭނުމަކީ ސަސްޓެއިނަބަލް ޓައުންޝިޕްގެ ގޮތުގައި ސްޕެޝަލް އިކޮނޮމިކް ޒޯން ކަނޑައެޅުމަށް މަގުފަހިކުރުމަށް ޓަކައި އެ ޒޯނާ ގުޅޭ ޝަރުތުތަކާއި އުސޫލުތައް ބަޔާންކުރުމެވެ.
ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕްގެ މާނަ ކަނޑައަޅާފައިވަނީ، އެއް މެނޭޖްމަންޓެއްގެ ދަށުން ކަނޑައެޅޭ ވަކި ޒޯނެއްގައި ޤާނޫނުގައި ބަޔާންކުރާ ވަޞީލަތްތަކާއި ޚިދުމަތްތަކާ އެކު ޤާއިމުކުރެވޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވަލޮޕްމެންޓެއް ނުވަތަ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވެލޮޕްމަންޓެއް ހިމެނޭ ގޮތުން، ތިމާވެށްޓަށް ލިބޭ ގެއްލުން ކުޑަކުރެވޭނެ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތައް މެދުވެރިކޮށް، މީހުންނަށް ދިރިއުޅެވޭނެ ވަޞީލަތްތަކާއި ޚިދުމަތްތަކާއި ޢާންމު ބޭނުންތަކުގެ ވަޞީލަތްތައް ޤާއިމުކުރެވިގެންވާ މީހުން ދިރިއުޅޭ ސަރަހައްދަކަށެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރުމަށް އިންވެސްޓަރަށް ނުވަތަ ޑިވަލޮޕަރަށް ހުއްދަ ދެވޭނީ ގިނަ ޝަރުތުތަކަކާއެކުއެވެ. އެގޮތުން، ޒޯންގައި ކުރާ އިންވެސްޓްމެންޓަކީ 500 މިލިޔަން އެމެރިކާ ޑޮލަރަށްވުރެ ކުޑަ ނޫން ޢަދަދެއްގެ އިންވެސްޓްމަންޓަކަށްވުމާއި، ލަގްޒަރީ ޓޫރިޒަމްގެ ތަފާތު ޚިދުމަތްތައް ހިމެނޭހެން ތަރައްޤީކުރެވޭ އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވަލޮޕްމަންޓެއް ނުވަތަ ލަގްޒަރީ ރެޒިޑެންޝަލް ފެސިލިޓީތައް ހިމެނޭ ލާޖް-ސްކޭލް ރިއަލް އެސްޓޭޓް ޑިވަލޮޕްމެންޓެއް ޒޯނުގައި ޤާއިމުކުރަން ޖެހެއެވެ.
އޭގެ އިތުރުން، ބައިނަލްއަޤުވާމީ ފެންވަރުގެ ހޮސްޕިޓަލިޓީ ތަމްރީނުދޭ މަރުކަޒެއް ނުވަތަ ޞިއްޙީ ޚިދުމަތްދޭ މަރުކަޒެއް ޤާއިމުކުރުމާއި، ހަކަތަ އުފެއްދުމަށާއި ކުނި މެނޭޖްކުރުމަށް ޤާއިމުކުރެވޭ އިންފްރާސްޓްރަކްޗަރއަކީ ސެލްފް-ސަފިޝިއެންޓް އިންފްރާސްޓްރަކްޗަރއަކަށްވެ، ޒޯނު ހިންގުމަށް ބޭނުންކުރާ ހަކަތައިގެ މަދުވެގެން 60 އިންސައްތަ ހަކަތައަކީ އިޢާދަކުރަނިވި ހަކަތައަށްވުމަކީ ވެސް ޝަރުތެކެވެ. ދިވެހިރާއްޖެއަށް އެތެރެކުރާ ކާބޯތަކެތި މަދުކޮށް، ރާއްޖޭގައި ކާބޯތަކެތި އުފެއްދުން އިތުރުކުރުމަށްޓަކައި ދެމެހެއްޓެނިވި އަދި ޒަމާނީ ދަނޑުވެރިކަމުގެ ނުވަތަ އެކުއަރކަލްޗަރގެ ވަޞީލަތްތައް ޤާއިމުކުރުމާއި، ދިރިއުޅޭނެ ތަންތަނާއި ތަޢުލީމީ އަދި ޞިއްޙީ މަރުކަޒުތައް ހިމެނޭ ދެމެހެއްޓެނިވި އިންފްރާސްޓްރަކްޗަރއާއި ވަޞީލަތްތައް ޒޯންގައި ޤާއިމުކުރުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅާފައެވެ.
މި ބިލުގައި ސަސްޓެއިނަބަލް ޓައުންޝިޕެއް ތަރައްޤީކުރާ ޑިވަލޮޕަރަށް ނުވަތަ އިންވެސްޓަރުންނަށް ޚާއްސަ އިނާޔަތްތަކެއްވެސް ވަނީ ކަނޑައަޅާފައެވެ. އެގޮތުން، އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގެ ދަށުން ފުރަތަމަ 10 އަހަރަށް 5 އިންސައްތައިގެ ރޭޓުން ޓެކްސް ނެގޭނެއެވެ. 11 ވަނަ އަހަރުން ފެށިގެން 20 ވަނަ އަހަރުގެ ނިޔަލަށް 10 އިންސައްތައިގެ ރޭޓުން ޓެކްސް ނެގޭއިރު، 21 ވަނަ އަހަރުން ފެށިގެން އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނުގައި ކަނޑައަޅާފައިވާ ރޭޓުން ޓެކްސް ނަގާނެއެވެ. މީގެ އިތުރުން، ޒޯން ތަރައްޤީކުރުމަށްޓަކައި އެތެރެކުރާ ކެޕިޓަލް ގުޑްސްއަށް އިމްޕޯޓް ޑިއުޓީ ދައްކަން ނުޖެހޭނެއެވެ.
މި ބިލުގެ ދަށުން ހަދަންޖެހޭ ގަވާއިދުތައް، ބިލު ޤާނޫނަކަށްވެ ޢަމަލުކުރަން ފަށާ ތާރީޚުން ފެށިގެން 6 މަސް ދުވަހުގެ ތެރޭގައި އެކުލަވާލައި، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަންވާނެ ކަމަށް ބަޔާންކޮށްފައިވެއެވެ. މި އިސްލާހުތަކަށް ޢަމަލުކުރަން ފަށާނީ ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ތާރީޚުން ފެށިގެންނެވެ.