ޚަބަރު
ލ. މާވަށު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފަށައިފި
ލ. މާވަށު ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށުން ފޮޓޯ: ރައީސް އޮފީސް
ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތްތައް ފުޅާކުރުމަށް ސަރުކާރުން އިސްކަންދެއްވައި ކުރިއަށްގެންދަވާ މަސައްކަތުގެ ދަށުން، ލ. މާވަށުގައި އިމާރާތްކުރާ ފުލުހުންގެ މަރުކަޒުގެ ޢަމަލީ މަސައްކަތް މިއަދު ހެނދުނު ރަސްމީކޮށް ފަށައިފިއެވެ. މި މަސައްކަތް ފެށުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާވަށަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
މި ރަސްމިއްޔާތުގައި މާވަށުގައި އަލަށް ޤާއިމުކުރާ ފުލުހުންގެ މަރުކަޒުގެ ބިންގާ އަޅުއްވައިދެއްވީ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާނެވެ.
ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ފައްޓަވާފައިވާ މި މަސައްކަތުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ، ފުލުހުންގެ އަމިއްލަ އިމާރާތްތައް ޤާއިމުކުރުމަށް ވަނީ ނިންމަވާފައެވެ. ސަރުކާރުގެ ޢަމާޒަކީ ކުރިއަށް އޮތް ދެ އަހަރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތަށް ޚާއްސަ މަރުކަޒުތައް ތަރައްޤީކުރުމެވެ.
މިހާރުވެސް ރާއްޖޭގެ ހުރިހާ ރަށެއްގައި ފުލުހުން ޤާއިމުވެތިބެ، ރައްޔިތުންނަށް ފުލުހުންގެ ޚިދުމަތްތައް ދެމުން އަންނަ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ. ނަމަވެސް، އަމިއްލަ މަރުކަޒުތައް ޤާއިމުކުރެވުމުން ފުލުހުންނަށް އިތުރު ވަޞީލަތްތަކާއި ޖާގަ ލިބި، ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތަކުގެ ފެންވަރު އިތުރަށް ރަނގަޅުވެގެންދާނެ ކަމަށް ބެލެވެއެވެ.