Ads by Stelco

ޚަބަރު

މިޞްރާއެކު މުހިންމު މަޝްވަރާތަކަކަށްފަހު ޚާރިޖީ ވަޒީރުގެ ދަތުރުފުޅު ނިންމަވާލައްވައިފި!

މިޞްރާއެކު މުހިންމު މަޝްވަރާތަކަކަށްފަހު  ޚާރިޖީ ވަޒީރުގެ  ދަތުރުފުޅު ނިންމަވާލައްވައިފި!

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިޞްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ފޮޓޯ: ވުޒާރާ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

20 އޮކްޓޯބަރު 2025، 10:56

20 އޮކްޓޯބަރު 2025، 10:56

ރާއްޖެއާއި މިޞްރާ ދެމެދު ވިޔަފާރިއާއި އިންވެސްޓްމެންޓްގެ ދާއިރާއިންނާއި، ތަޢުލީމާއި ފަތުރުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށްޓަކައި ބިނާކުރަނިވި މަޝްވަރާތަކެއް ކުރެވުމަށްފަހު، ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިޞްރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މި ދަތުރުފުޅުގެ ތަފްޞީލު އެމަނިކުފާނު މިހާރު ވަނީ މީސްމީޑިޔާ މެދުވެރިކޮށް ޙިއްސާކުރައްވާފައެވެ.

ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް މިޞްރަށް މި ދަތުރުފުޅު ފެށްޓެވީ މިދިޔަ ހުކުރު ދުވަހުއެވެ. މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ ދެ ޤައުމުގެ ދެމެދުގައި މިހާރު އޮތް ގާތް ގުޅުން އިތުރަށް ބަދަހިކޮށް، އެކި ދާއިރާތަކުން ކުރިއެރުން ހޯދުމަށް މަސައްކަތް ކުރުމެވެ.

މި ދަތުރުފުޅުގެ ތެރެއިން ވަޒީރު ވަނީ އެ ޤައުމުގެ ވަޒީރުންނާއި އިސްވެރިންނާ ބައްދަލުކުރައްވާފައެވެ. އެގޮތުން މިޞްރުގެ ޚާރިޖީ ވަޒީރު ޑރ. ބަދްރު ޢަބްދުލްލަޠީއާއެކު ބޭއްވެވި މަޝްވަރާތަކުގައި ވިޔަފާރިއާއި އިންވެސްޓްމެންޓްގެ އިތުރުން ފަތުރުވެރިކަމާއި ތަޢުލީމީ ދާއިރާއިން ދެ ޤައުމުގެ ގުޅުން ބަދަހިކުރުމަށް މަޝްވަރާކުރައްވާފައިވެއެވެ.

އަދި މިޞްރުގައި ހުންނަ މަތީ ތަޢުލީމުދޭ އެންމެ ދުވަސްވީ އެއް މަރުކަޒުކަމަށްވާ އަލް އަޒްހަރު އަލް ޝަރީފްގެ އިމާމު ޑރ. އަޙްމަދު އަލް ޠައްޔިބާ ވެސް ޚާރިޖީ ވަޒީރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ތަޢުލީމާއި ސަގާފަތުގެ ދާއިރާއިން ރާއްޖެއާއި މިޞްރާ އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.

މިޞްރުގެ އިސްވެރިންނާ ބައްދަލުކުރައްވައި ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމުގެ މައްޗަށް އަލިއަޅުވާލި އިރު، މިޞްރުގައި ކިޔަވާ ދިވެހި ދަރިވަރުންނާ ވެސް ވަޒީރު ބައްދަލުކުރައްވައި، އެ ދަރިވަރުންގެ ކަންބޮޑުވުންތައް އަޑު އެއްސެވިއެވެ. މި ދަތުރުފުޅުގައި ތެރެއިން ރާއްޖެއާއި މިޞްރާއި ދެމެދު ސިޔާސީ ދާއިރާއިން އެހީތެރިކަން ފޯރުކޮށްދިނުމާ ގުޅޭ އެއްބަސްވުމެއްގައިވެސް ސޮއިކޮށްފައިވެއެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވާ ގޮތުގައި، މި އެއްބަސްވުމުގެ ސަބަބުން 2019 ވަނަ އަހަރު ދެޤައުމުގެ ދެމެދުގައި މި ދާއިރާއިން އެއްބާރުލުން ދިނުމާ ގުޅޭގޮތުން ކުރެވުނު މަސައްކަތް ރަސްމީ ވެގެންގޮސްފައިވެއެވެ.



ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި، މި ދަތުރުފުޅުގެ ސަބަބުން ރާއްޖެއާއި މިޞްރާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިވެ، ދެ ޤައުމުގެ ރައްޔިތުންނަށް ފައިދާހުރި ގިނަ ކަންތައްތަކެއް ޙާޞިލުވާނެއެވެ. ޚާރިޖީ ވަޒީރާއެކު މި ދަތުރުފުޅުގައި ޚާރިޖީ ވުޒާރާގެ ސެކްރެޓަރީ ޑރ. ހާލާ ޙަމީދާއި އެޑިޝަނަލް ސެކްރެޓަރީ ޚަދީޖާ ނަޖީހާ ބައިވެރިވެވަޑައިގެންނެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން