ޚަބަރު
ނިލަންދޫ އެއަރޕޯޓް ބިން ހިއްކުމުގެ 90 އިންސައްތަ މަސައްކަތް ނިމިއްޖެ: އެމްޓީސީސީ
ނިލަންދޫ އެއަރޕޯޓް ބިން ހިއްކުމުގެ މަސައްކަތް ފޮޓޯ: އެމްޓީސީސީ
ފ. ނިލަންދޫ އެއަރޕޯޓް ތަރައްޤީކުރުމަށް ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އެ ކުންފުނިން ވިދާޅުވީ ބިން ހިއްކުމުގެ މަސައްކަތުގެ %90 ނިމިފައިވާއިރު، ވެލި ޖެއްސުމުގެ މަސައްކަތުގެ %81 ނިމިފައިވާ ކަމަށެވެ.
އެމްޓީސީސީއާ މި މަސައްކަތް ހަވާލުކުރެވުނީ އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން މިދިޔަ އަހަރުގެ މާރިޗު މަހުގެ 27 ވަނަ ދުވަހުއެވެ. މި މަސައްކަތް 390 ދުވަސްތެރޭ ނިންމުމަށް ވަނީ ހަވާލުކުރެވިފައެވެ. ނިލަންދޫ އެއަރޕޯޓު އެޅުމަށް ކުރިއަށްގެންދާ މި މަސައްކަތުގެ ދަށުން 42.6 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ. މީގެ އިތުރުން ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތުގެ ދަށުން 2098 މީޓަރުގެ ބޮޑު ހިލައިގެ ރިވެޓްމެންޓް ޖެހުމާއި 1400 މީޓަރުގެ ޖިއޯބޭގް ރިވެޓްމެންޓް ޖެހުމަށް ވެސް ވަނީ ނިންމާފައެވެ.
Project Update: Reclamation and Shore Protection for Development of Nilandhoo Airport
— MTCC Plc (@MTCCPlc) October 18, 2025
Dredging & Reclamation work is currently ongoing with 90% completion. Sand bund wall works have also reached 81% completion.
Follow more updates at: https://t.co/SfVAzkW2pp#MTCCProjects… pic.twitter.com/YH8m975rop
ފ. އަތޮޅަކީ ރާއްޖޭގައި މިވަގުތު އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއަރޕޯޓަކީ މި ސަރުކާރުން ތަރައްޤީކުރުމަށް އިޢުލާނުކޮށްފައިވާ 12 އެއަރޕޯޓުގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެވެ. މި އެއަރޕޯޓް ތަރައްޤީކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވަނީ މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ މިދިޔަ ސެޕްޓެމްބަރުމަހުގެ 20 ވަނަ ދުވަހުއެވެ. 1800 މީޓަރުގެ ރަންވޭއަކާއެކު މި އެއަރޕޯޓު ތަރައްޤީކުރެވިގެންދާނީ ޕްރައިވެޓް ޖެޓް ޖެއްސޭ ފެންވަރަށެވެ.
ފ. ނިލަންދޫގައި އެއަރޕޯޓެއް ގާއިމްވުމާއެކު، އަތޮޅުގެ ރައްޔިތުންނަށް ދަތުރުފަތުރުގެ ގޮތުން އިތުރު ފަސޭހަތަކެއް ލިބި، ސަރަހައްދީ ފަތުރުވެރިކަމަށް ހިތްވަރު ލިބިގެންދާނެ ކަމަށް ބެލެވެއެވެ.