ދުނިޔެ
އިންޑިއާ އިން ރަޝިޔާގެ ތެޔޮ ނުގަންނާނެ ކަމުގެ ޔަޤީންކަން މޯދީ ދެއްވައިފައިވޭ: ޓްރަމްޕް
އެމެރިކާގެ ރައީސް ޓްރަމްޕް އަދި އިންޑިއާގެ ބޮޑުވަޒީރު މޯދީ
އިންޑިއާ އިން ރަޝިޔާގެ ތެޔޮ ނުގަންނާނެ ކަމުގެ ޔަަޤީންކަން އެޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ދެއްވާފައިވާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވެއްޖެއެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރަޝިޔާއިން ތެޔޮ ގަތުން ހުއްޓާލާނެ ކަމުގެ ޔަޤީންކަން ދެއްވާފައިވާ ކަމަށެވެ. އަދި ދެން އެކަމަށް ޗައިނާ ވެސް ތައްޔާރުކުރުވަން މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައިވެއެވެ. މިއީ ރަޝިޔާގެ ހަނގުރާމައިގެ އާމްދަނީ ހުއްޓުވުމަށް ވޮޝިންގްޓަންގެ މަސައްކަތްތައް ހަލުވިކުރަމުންދާ ދަނޑިވަޅެކެވެ.
އިންޑިއާ އާއި ޗައިނާއަކީ ރަޝިޔާގެ ކަނޑުމަގުން އެކްސްޕޯޓްކުރާ ތެލުގެ އެންމެ ބޮޑު ދެ ގަންނަ ފަރާތެވެ. މި ދެ ޤައުމުން މި ތެޔޮ ގަންނަނީ ޔޫކްރެއިންގެ ހަނގުރާމައާ ގުޅިގެން ޔޫރަޕްގެ ޤައުމުތަކުން ރަޝިޔާގެ ތެޔޮ ގަތުން ހުއްޓާލުމާއެކު، ރަޝިޔާއިން ތެޔޮ ވިއްކަމުންދާ ޑިސްކައުންޓް އަގުތަކުގެ ފައިދާ ނެގުމަށެވެ.
"އިންޑިއާއިން ތެޔޮ ގަންނަމުންދާތީ އަޅުގަނޑު ހިތްހަމަޖެހިފައެއް ނެތް. އެހެންނަމަވެސް މިއަދު އެ ބޭފުޅުން އަޅުގަނޑަށް ޔަޤީންކަން ދެއްވައިފި ރަޝިޔާއިން ތެޔޮ ނުގަންނާނެ ކަމަށް،" ވައިޓް ހައުސްގެ އިވެންޓެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ޓްރަމްޕް ވިދާޅުވިއެވެ.
ރަޝިޔާއަކީ އިންޑިއާއަށް އެންމެ ގިނައިން ތެޔޮ ސަޕްލައިކުރާ ޤައުމެވެ. ސެޕްޓެމްބަރު މަހު ރަޝިޔާއިން އިންޑިއާއަށް ދުވާލަކު 1.62 މިލިއަން ބެރަލްގެ ތެޔޮ އެކްސްޕޯޓްކޮށްފައިވެއެވެ. މިއީ އިންޑިއާގެ ތެލުގެ އިމްޕޯޓްގެ ތިންބައިކުޅަ އެއްބައެވެ. އެތައް މަހެއް ވަންދެން މޯދީ ވަނީ އެމެރިކާގެ ފިއްތުންތަކަށް ދެކޮޅު ހައްދަވާފައެވެ. އަދި އިންޑިއާގެ އޮފިޝަލުން ވަނީ ރަޝިޔާއިން ތެޔޮ ގަތުމަކީ ޤައުމުގެ ހަކަތައިގެ ރައްކާތެރިކަމަށް ކޮންމެހެން މުހިންމު ކަމެއް ކަމަށް ވަކާލާތުކޮށްފައެވެ.
އެހެންނަމަވެސް ޓްރަމްޕް ވިދާޅުވެފައިވަނީ އިންޑިއާއަށް ވަގުތުން ތެޔޮ ގަތުން ހުއްޓާނުލެވޭނެ ކަމަށާއި، އެއީ ކުޑަ ޕްރޮސެސްއެއް ކަމަށެވެ. އަދި އެ ޕްރޮސެސް އަވަހަށް ނިމޭނެ ކަމަށް ވެސް ވިދާޅުވެފައިވެއެވެ. އިންޑިއާއާ ދެކޮޅަށް މި ފިޔަވަޅު އަޅުއްވާއިރު، ޗައިނާއާ ދެކޮޅަށް މިފަދަ ފިއްތުންތަކެއް ގެންގުޅުއްވާފައެއް ނުވެއެވެ. އެއީ ޗައިނާއާއެކު ހިނގަމުންދާ ވިޔަފާރީގެ ހަނގުރާމައިގެ ސަބަބުން ކަމަށް ވެދާނެއެވެ.