Ads by Stelco

ޚަބަރު

ގޮއިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މި އަހަރު ފައްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ގޮއިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މި އަހަރު ފައްޓަވާނެކަމުގެ ޔަޤީންކަން ރައީސް ދެއްވައިފި

ރައީސުލްޖުމްހޫރިއްޔާ ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

13 އޮކްޓޯބަރު 2025، 08:19

13 އޮކްޓޯބަރު 2025، 08:19

މިލަދުންމަޑުލު އުތުރުބުރީ ގޮއިދޫ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މި އަހަރު ތެރޭގައި ފައްޓަވާނެކަމުގެ ޔަޤީންކަން އެ ރަށުގެ ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.

އެ މަނިކުފާނު މިފަދައިން ވިދާޅުވީ، މިއަދު ށ. އަތޮޅަށް ފެއްޓެވި ދަތުރުފުޅުގެ ތެރެއިން ގޮއިދޫއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ގޮއިދޫގެ ސިއްޙީ ޚިދުމަތުގެ ޚާލަތު ވަރަށް ރަނގަޅަށް އެނގިލައްވާކަމަށާއި، އެކަން ޙައްލު ކުރެއްވުމުގެ ގޮތުން އެ ރަށުގައި އިމާރާތް ކުރުމަށް ނިންމާފައިވާ ސިއްޙީ މަރުކަޒުގެ އައު އިމާރާތުގެ މަސައްކަތް މި މަސް ނިމުމުގެ ކުރިން ބަޔަކާއި ޙަވާލުކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަހު އެ މަސައްކަތް ނުފެށިއްޖެނަމަ އެންމެ ލަސްވެގެން އަންނަ މަހުގެ ތެރޭގައި ބަޔަކާއި ޙަވާކުރައްވާނެކަމުގައި އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ގޮއިދޫ ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ދެ ބުރިއަށް އިމާރާތް ކުރުމަށް ނިންމާފައިވާ ގޮއިދޫ ސިއްޙީ މަރުކަޒުގައި ޖުމްލަ 20 އެނދު ތަރައްޤީ ކުރާނެއެވެ. އެއީ ދިހަ ވޯޑުއެނދު ހިމެނޭ، ޕްރައިވެޓް ރޫމްތަކާއި ޓްރައޭޖް އަދި ކޮންސަލްޓޭޝަން ރޫމް ހިމެނޭހެންނެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، އެ ރަށު ސްކޫލްގެ މަޝްރޫޢާ ގުޅޭ މަޢުލޫމާތު ވެސް ރައްޔިތުންނާ ޚިއްސާކުރައްވާފައެވެ. އެގޮތުން އެ މަނިކުފާނު ވިދާޅުވީ، އެ މަސައްކަތް މިހާރު ހުއްޓިފައި އޮތް ނަމަވެސް، އަންނަ ދިރާސީ އަހަރު ފެށެންވާއިރަށް ސްކޫލްގެ މަޝްރޫޢު ނިންމަވާނެކަމަށެވެ.

އެގޮތުން އެ މަނިކުފާނު ވިދާޅުވީ، ސްކޫލުގެ 8 ކްލާސްރޫމުގެ މަސައްކަތަކީ ފަށައިގެން ހިޔާކުރުމާއި ހަމައަށްގޮސް ހުއްޓިފައިވާ މަޝްރޫޢެއް ކަމަށާއި ދިގުލައިގެންގޮސްފައިވާ މި މަޝްރޫޢުގެ މަސައްކަތް ކުރަމުންދާ ފަރާތާއެކު ކުރިއަށް ނުގެންދެވުމުން މިހާރު ފެނަކައާ ޙަވާލުކުރައްވާފައިވާކަން ފާހަގަކުރެއްވިއެވެ. އަދި އެ ކުންފުނިން މަސައްކަތަށް ބޭނުންވާ ތަކެތި ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހަމަކޮށް، ރަށަށް އެ ސާމާނު ގެނެސް، އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެކަމަށް ވިދާޅުވިއެވެ.

އެ ރަށުގައި މިއަންނަ އަހަރު ކުރައްވާނެ މަސައްކަތްތަކަށް އަލިއަޅުވާލައްވައި ރައީސް ވިދާޅުވީ، އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ފުރިހަމަ ފުޓްބޯޅަ ދަނޑެއް ހައްދަވައިދެއްވައި، ވޮލީ ކޯޓަކާއި ހޭންޑްބޯލް ކޯޓެއް އަޅައިދެއްވާނެކަމުގައެވެ.

މީގެއިތުރުން، ދަނޑުވެރިކަމުގައި ފާހަގަކޮށްލެވޭ ގޮއިދޫގެ ދަނޑުވެރިންނަށް ބޭނުންވާ ކަންކަން ފުރިހަމަކޮށްދެއްވުމަށް ސަރުކާރުން މަސައްކަތް ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން  ވެސް އެ މަނިކުފާނު ވަނީ ދެއްވާފައެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން