ޚަބަރު
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން އިލްތިމާސްކޮށްފި

ކޯސްޓުގާޑު ދަތުރުކުރަނީ/ފޮޓޯ: އެމްއެންޑީއެފް
ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން މިގޮތަށް އިލްތިމާސްކޮށްފައި ވަނީ، ރާއްޖޭގައި ހުޅަނގު މޫސުމުގެ ބާރު ގަދަވެ، ވައިގަދަވެ، ކަނޑުތައް ގަދަވުމާއި ގުޅިގެންނެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މުޅި ރާއްޖެއަށް ކުރިއަށް އޮތް ފަސް ދުވަހަށް މޫސުން ގޯސްވާނެކަމަށާއި، އަދި ޚާއްޞަކޮށް މުޅިރާއްޖެއަށް އާންމުގޮތެއްގައި ވައިބާރުވެ، ވިއްސާރަވެ، ކަނޑުތައް ގަދަވާނެކަމަށް، މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައި ވާތީ، ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުކަން ދެއްވުމަށް އިލްތިމާސްކުރައްވާ ކަމަށެވެ. ހަމަ އެހެންމެ، ކަނޑުމަގުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށް އިލްތިމާސްކުރިއެވެ.
މީގެ އިތުރުން، ކޮންމެހެން ދަތުރުކުރަންޖެހޭ ފަރާތްތަކުން ވެސް، ދަތުރުކުރާއިރު މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށާއި، ރޭގަނޑު ދަތުރު ނުކުރެއްވުމަށާއި، މޫސުން ތަންނުދޭނަމަ، މޫސުން ރަނގަޅު ވަންދެން ދަތުރު ފަސްކޮށްލުމަށާއި، އަދި މޫސުމާ ބެހޭ ޤައުމީ އިދާރާއިން ރީނދޫ ނުވަތަ އޮރެންޖު ސަމާލު ނެރެފައިވަނިކޮށް ދަތުރުނުކުރެއްވުމަށް ވެސް އެމްއެންޑީއެފުން ވަނީ އިލްތިމާސްކޮށްފައެވެ.
މޫސުން ގޯސްވުމުގެ ސަބަބުން މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވަނީ ރާއްޖޭގެ ބޮޑު ބަޔަކަށް ހުދު ސަމާލު ނެރިފައެވެ. އަދި ހުދު ސަމާލު ނެރެފައިވާ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.