ޚަބަރު
ޤަވާއިދާ ޚިލާފަށް ވިޔަފާރި ހިންގަމުންދިޔަ 6 ބިދޭސީއަކު އިމިގްރޭޝަނުން ހިފަހައްޓައިފި

ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގަމުންދިޔަ ތަންތަނަށް އަމާޒުކޮށް އިމިގްރޭޝަނުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަން، ފޮޓޯ: އިމިގްރޭޝަން

ފަރުދުން
10 އޮކްޓޯބަރު 2025، 06:29
10 އޮކްޓޯބަރު 2025، 06:29
ޤަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގަމުންދިޔަ ތަންތަނަށް އަމާޒުކޮށް ކުރިޔަށް ގެންދިޔަ އޮޕަރޭޝަނެއްގައި 6 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަނުން ހިފަހައްޓައިފިއެވެ.
އިމިގްރޭޝަނުން ހާމަކޮށްފައިވާ ގޮތުގައި މި އޮޕަރޭޝަން ކުރިޔަށް ގެންދިޔައީ މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށްގެންނެވެ.
މި އޮޕަރޭޝަންގައި އިމިގްރޭޝަންގެ ޓާސްކްފޯސްއިން ވަނީ 44 ބިދޭސީއަކު ބަލައި ފާސްކޮށްފައެވެ.
ގަވާއިދާ ޚިލާފަށް ވިޔަފާރިތައް ހިންގާކަމަށް ފާހަގަކުރެވިފައިވާ މާލޭގެ ޝާރިޢުވަރުދީ މަގަށް އަމާޒުކޮށް އިއްޔެ ޓާސްކްފޯސްއިން ވަނީ ރެއިޑު އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި. މި އޮޕަރޭޝަންގައި 44 ބިދޭސީން ބަލައި ފާސްކޮށް، އޭގެ ތެރެއިން 06 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ… pic.twitter.com/C5sUfj4yxG
— Maldives Immigration (@ImmigrationMV) October 10, 2025
އިމިގްރޭޝަނުން ކުރިއަށްގެންދާ އޮޕަރޭޝަންތަކުގެ މަޤުޞަދަކީ ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް އަވަސް ހައްލެއް ހޯދުމެވެ. އަދި ޢާންމު ސިއްޙަތަށް ނުރައްކާވާފަދަ ކަންކަން މަދުކޮށް ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީ، ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންނާއި އެފަދަ ކަންކަމުގައި ޝާމިލުވާ މީހުންނަށް ފިޔަވަޅު އެޅުމެވެ.
އިމިގްރޭޝަނުން ދަނީ ސައްޙަ ވިސާނެތި، ވިޔަފާރިތައް ހިންގުމުގައި އުޅޭ ބިދޭސީން ދެނެގަތުމަށްވެސް ޚާއްސަ އޮޕަރޭޝަންތަކެއް ކުރިއަށްގެންދަމުންނެވެ. އެގޮތުން ޤަވައިދާއި ޚިލާފަށް އުޅޭ ބިދޭސީންގެ ދެނެގަތުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން މިހާތަނަށް 8،000 އަށްވުރެ ގިނަ ބިދޭސީން ވަނީ ޑީޕޯޓްކޮށްފައެވެ.